Thursday, July 19, 2012

ކަންކަށިމަތީ 'ދޮންކަނބުލޮގެ' ބައްޕަ ހޫނު އެތިފަހަރަކުން 'ފިރުމާ' ލުމުންނެވެ.



ޒަމާނަށް އައި ބަދަލާއި އެކު ރައްޖޭގެ ފަޅުރަށްތައް ރިސޯޓް ތަކުގެ ގޮތުގައި ތަރައްޤީ ކުރެވެންފެށިއެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތު 1972 ވަނަ އަހަރު ފެށުން އިރު މިވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު އަދާކުރަމުންދަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކެވެ. ރާއްޖެއަކީ މިވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވަޒީފާ ހޯދުމުގައި އުނދަގޫ މަންޒިލަކަށްވެ ވަޒީފާއެއް ނުލިބިގެން ގޮތް ހުސްވެފައިވާ މީހުން ގިނަ ތަނަކަށް ވެއްޖެއެވެ. ގިނަ ބަޔަކު ރިސޯޓްތަކުގައި ވަޒީފާ އަދާކުރަނީ ލިބޭ އާމްދަނީ ބޮޑުވީމައެވެ. ނަމަވެސް ރިސޯޓްތަކުގެ ސީނިއަރ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ގެންގުޅޭ ނަސްލީ ތަފާތު ކުރުމެއްގެ ސަބަބުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާވެސް ވަނީ ކޮށްފައެވެ. މިފަދަ ކަންތަކުގެ ސަބަބުން ފަތުރުވެރިންގެ ކުރިމަތީ ދިވެހިންގެ ރީތިނަން 'ކިލަނބުވުމުގެ' އިތުރުން ވަޒީފާ ދޭ ފަރާތުން ހަރުކަށި ފިޔަވަޅުވެސް އަޅައެވެ.

ޅ.އަތޮޅުގައި ފުރަތަމަ ހުޅުވުނު ރިސޯޓަކީ ކުރެއްދޫއެވެ. ކުރެއްދޫއަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ގިނަ ފަތުރުވެރިން ހޮނިރުދުވަހާއި އަންގާރަދުވަހު ނައިފަރަށް ޒިޔާރަތްކޮށް ރަށުގެ ދުވަސްވީ އާސާރީ ތަންތަން ފޮޓޯ ނެގުމުގެ އިތުރުން ނައިފަރުގެ މީހުން ހަދައި އުޅޭ އެކިވައްތަރުގެ ތަކެތި ގަނެއެވެ. ބޮނބިން ހަދާފަވާ ރާމާމަކުނާއި ކުދި ދޯނި މިލިސްޓްތަކުގެ އެންމެ ކުރިން ރަންވަނަ ތަކެއް ހޯދިއެވެ. ނައިފަރުގެ ދެބައި އުމުރުގެ ދެ ފިރިހެނަކު މި ދުވަސް ދުވަހު 'ކެއުމެއް ބުއިމެއް' ނެތި ފަތުރުވެރިންނަށް ފާރަލަމުން، އެމީހުންގެ ފަސްފަހަތުން ވީލް ބަރޯ އަކަށް މިދެންނެވި ތަކެތީގެ އިތުރުން ކުރުނބަޔާއި ދޮންކޭލުން ގާޑިޔާ 'ޖަރީކޮށްގެން' އެމީހުންނަށް އެނގޭ ބަހުރުވައިން 'ވަން ޑޮލަރު ފައިވް ބަނާނާ.." މިހެން ގޮވަމުން ދުއްވާނެއެވެ.

ހަސަންބެ އާއި އަހައްމަދަކީވެސް ދޮންކެޔޮވިއްކާ ދެމީހުން ކަމަށް ވާތީ މިގޮތަށް އަންނަ ފަތުރުވެރިންނަށް ތަފާތު ވައްތަރުގެ ސާމާނު ތަޢާރަފް ކުރަން ފެށިއެވެ. ފަތުރުވެރިން މި ދެމީހުން އެކީ ފޮޓޯވެސް ނަގައެވެ. އަދި އެމީހުން ކުދިކުދި ޚައިރާތުވެސް އެކި ފަހަރު އެކިމީހުން ކުރުމުގެ ސަބަބުން ހަސަންބެ އާއި އަހައްމަދު ގެ މި ހަނގުރާމަ ގަދަވެ އެކިވައްތަރުގެ ސާމާނު ގެސްޓުންނަށް ތައާރަފު ކުރަމުން ދިޔަ ދުވަހެކެވެ. ވެލާ ބިސްތަކެއް ދައްކާ އަހައްމަދުގެ ދެއަތުން ވެލާ މޫދުގައި ފަތާއިރު ހަދާގޮތް ހަދަމުން ފޫކޮޅަށް އިޝާރާތްކޮށް "ވެލޭ ވެލޭ.. ބިޝް... ވަންޑޮލަރު ވަން ބިޝް.." އަހައްމަދު ބުންޏެވެ. ހަސަންބެގެ ގާޑިޔާ ކައިރިއަށް މީހުން ގެންދަން "ދިސް އިޒް ތެލުލި ބަނބުކެޔޮ... ކަލޭ އީޓް ދިސް... " ހަސަންބެ ބުންޏެވެ.

މިއަދަކީ ފަތުރުވެރިން އަންނަ ދުވަހަކަށް ވާތީ އަހައްމަދު އިނީ ބަރޯ ހިފައިގެން ޖެޓީ ކައިރީ ހުރި ގާގަނޑެއް މަތީ އިށީންދެގެން ފަތުރުވެރިންގެ އިންތިޒާރުުގައެވެ. ފަތުރުވެރިން ލަފައިގެން ފައިބާ އަހައްމަދުގެ ގާޑިޔާ ކައިރިއަށް އައި އިރުވެސް ހަސަންބެގެ ހިލަމެއް ނުވިއެވެ. އަހައްމަދު ގެންދިޔަ ކުރުނބާތަކުން ކުރުނބާ ބޯންހުރި ޅަދޮނޅު ރީތި ވަނާތަކުގެ އަސަރުގަދަ 'ފަތްމިންޏެއްފަދަ' އަންހެން ކުއްޖެއް އަހައްމަދުގެ ހިތުގެ އެންމެ ފުނުގެ ނާރާ ކުޅެލިއެވެ. ބޭއިޚްތިޔާރުގައި އެކުއްޖާގެ އަތުގަ އާއި ގައިގެ އެތަން މިތާ ފިރުމާ އެ 'ކަނބުލޮގެ' ރީތިކަމަށް ތައުރީފުކުރެވެންފެށިއެވެ.

ނަސީބު އަތުގަ ހިފިކަހަލައެވެ. އެކުއްޖާގެ މައިންބައިފައިން އެމީހުން އެކުގައި ފޮޓޯއެއް ނެގުމަށް އަހައްމަދަށް ދައުވަތުއެރުވިއެވެ. ޚިޔާލީ ދުނިޔެއެއްގައި އަހައްމަދު ޣަރަގުވެއްޖެއެވެ. ފޮޓޯއަށް ހުއްޓި ހުރެވުނީ މި 'ދޮންކަނބުލޮ' ގެ ކައިރީ ކަމުން ބޭއިޚްތިޔާރުގައި އެކުއްޖާގެ ގައިގާ ފިރުމަމުން "ވާވާ... ތިއްތިކަން... ދޮންކަނބުލޯ... " އަހައްމަދަށް ކިޔެއެވެ. ކެމެރާ އޮންކޮށްގެން ކުއްޖާގެ ބައްޕަ ފޮޓޯނުނެގިފައި އަހައްމަދުގެ މި 'ކާފަރު' ފިލްމުގެ މަންޒަރު ބަލަން އިރުކޮޅަކުހުރެފައި، ރޯމާ ދުވާލު ބޮޑު މުސްކުޅިއަކު 'ޙައްދުންމައްޗަށް' ދާންފެށުމުން ވަރަށް ރުޅިގަދަ ވެގެން އައިސް އެކުއްޖާ އަހައްމަދު ކައިރީން ދުރުކުރިއެވެ. އަހައްމަދުގެ އަތް އެކުއްޖާގެ ކަރުވަޅުތެރެއިން ނެރެމުން "ވައި އަރ ޔޫ އޯލްވޭސް ޓެލިންގ، ވާރ ވާރ ޗީ ޗިކެން،، ޑޯންޓް ކޭން ބީ ލޯވ..." އެކުއްޖާގެ ބައްޕަ ބުންޏެވެ. މިކުރެވުނު ކަމެއް ރޯފިލާވަރުވީ އަހައްމަދުގެ ކަންކަށިމަތީ 'ދޮންކަނބުލޮގެ' ބައްޕަ ހޫނު އެތިފަހަރަކުން 'ފިރުމާ' ލުމުންނެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝމނ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ މި ބްލޮގް ވިދާޅުވެލައްޥާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..