Thursday, July 19, 2012

ދޮން މޫސަބެއަށް ފެނުން ޖިންނިއަކީ ފަންބޮނޑިއެކެވެ.




ޅ.އަތޮޅު ކޮމަންޑޫ އަކީ ރިސޯޓެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ރަށެކެވެ. ރިސޯޓެއްގެ ގޮތުގައި މިރަށް ތަރަށްގީ ކުރަމުން ދިޔައިރު ހިނގި،  މީހަކަށް 'ބިރުވެރި' ނަމަވެސް އަޅުގަނޑަށް 'މަޖާ' ހާދިސާއެއް ކިޔުންތެރިންނާއި ހިއްސާކޮށްލާހިތްވީ މި ބްލޮގަކީ މިނިވަން ނޫސްވެރިކަމަށާއި ދިވެހިންނަށް އަގުހުރި 'އަވަގުރާނަ' މައުލޫމާތު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އިސްސަފުގައި ވިދާލަމުން އަންނަ ބްލޮގަކަށް ވާތީއެވެ.

ނައިފަރުން ކޮމަންޑުއަށް ނައިފަރުގެ ބަޔަކު ދަރުހޮވުމަށް ދަތުރެއްކުރިއެވެ. ހަދަމުންދާ ރިސޯޓަކަށްވާތީ މަސްކެއްކުމަށް އުނދުނުގަ ޖައްސަން ކޮޅުދާލީގެ ގޮތުގައި ގިނަ އަދަދަކަށް ލަކުޑި ފިލައާއި ފުލައިވުޑް ހޯދުމުގެ މަގުސަދުގައި ކުރި މި ދަތުރުގައި ދޮން މޫސަބޭ ކިޔާ މުސްކުޅިވަރުގެ މީހަކުވެސް ބައިވެރިވިއެވެ. ކޮމަންޑުއަށް ލެފުމާއިއެކު ދޮން މޫސަބޭ 'ކޮމާންޑް' ކުރިއެވެ. "ކަލޯމެންނޭ... މީ ހަދާ ރިސޯޓެއްކަން ދަންނާތި... ލަކުޑިގަނޑަކަށް ނާރާތި... މޮހޮރެއް ފަޔަށް ހެރެދާނެ... ބަލޭގެން އުޅޭތި ހުރިހޭ ކުދީންވެސް..." ދޮން މޫސަބޭ ކޮމާންޑު ކުރުމަށްފަހު ސައިކައްކަން ތެއްޔަކަށް ފެންއަޅާ އުނދުން ރޯކޮށްލިއެވެ. ސައި ބޮއިގެން ހުރިހާ މީހުންވެސް ދިޔައީ ޖެޓީ ދިމާ ވަލުތެރެއަށެވެ. ފަރުބަދައެއްހެން ފެންނަން ހުރި ލަކުޑި ފުނިން 'ސަމައްތަރު ހެޔޮ' ލަކުޑި ބުރިތައް އެއްފަރާތްކޮށް އަސުރުވުމުގެ ކުރިން ދޯނި ބަރާކޮށްލައިފިއެވެ. ފޮއިމަތީ ދުވަސްވަރެއްކަމުން މެންދުރުފަހުން ފުރަން މަޑުކުރީ ދިޔަވަރު ހިކިފަ އޮތުމުގެ ސަބަބުން ފަޅުތެރެއިން ދޯނި ނުނެރެވުމުންނެވެ. ދިޔަވަރު ފޫދެން ޖަހާނީ ރޭގަނޑު 8 ޖަހާލާހާއިރުކަމުން އެރޭ އެރަށުގައި ރޭކުރީއެވެ.

ދޮންމޫސަބެގެ ލަފާގެމަތިން ރަަށުގައި މަޑުކުރި ކުދިން ހަވީރު ވަގުރުކު އެޅުމާއި ކާށިހޮވަން ވަލުތެރޭ އަތްފުނާ އަޅަނީއެވެ. ދޮން މޫސަބެ އުޅުނީ މުށިމަސް ބާނަން ދޮށްޓެއް ހެދުމުގެ ބޭނުމުގައި ތެދަށް ހުރި ދިއްގާ ދަނޑިއެއް ފެނޭތޯއެވެ. އިރާކޮޅު ގެއަށް އަންނަން ވެގެން އެޅުނު މަގަކުން ދޮން މޫސަބެއަށް މަގު އޮޅި ދެވޭ ނުދެވޭ ތަނެއް ނޭގި ވާވަދެއްޖެއެވެ. ކަނު އަނދިރީ މިހެން ދަނިކޮށް ކުއްލިއަކަށް ދޮން މޫސަބޭ ގައިގާ އެއްޗެއް ޖެހިގެންފިއެވެ. އޭގެ އިސްތަށިތައް ހަރެވެ. ފަލަވެފައި ކުރު މި ޖިންނި އާއި ދޮން މޫސަބެ ހަނގުރާމަ އިއުލާނު ކުރިއެވެ. "އަތް ނުލަނިސް އަތްނުލާތި... ގޭކޮޅު ގޭގޭ ދުރު..." މިހެން ކިޔާ ޖިންނި، ގަޔާދުރައްކޮށްޕާލާ ދެފަހަރަކު ނަގާ ބިމާލާ ޖެހިއެވެ. މި ސަކަރާތެއްގެ ތެރޭ އުޅުމަށްފަހު 'ޖިންނި މަރާލެވުމުގެ' އުފަލުގައި ވަރުބަލި ފިލުވާލަން އެތާކައިރީ ހުރި ރުކެއްގެ ބުޑުގައި ޖައްސާލުމަށް ފަހު އައި މަގުން އިދިކޮޅަށް ގެއާއި ދިމައަށް ނައްޓާލިއެވެ. ވަކި ހިސާބަކަށް ދިޔަތަނާ ޓޯޗް ބައްތިއެއް ހިފައިގެން ދޮން މޫސަބޭ ހޯދަން ނިކުތް ދޯނިން އައި ކުދިންނާއި ދިމާވެގެން މަގު އޮޅުން ވާހަކައާއި 'ޖިންނި މަރާލިވާހަކަ' ކިޔައިދިނުމުން އެތަނުން އެއްބަޔަކު އެވާހަކަ ގަބޫލެއް ނުކުރިއެވެ.

ދޮން މޫސަބެގެ އަތަށް ޓޯޗުން އަލިކޮށް ލޭ ހިލި ހިލި ހުރި ތަންތަން ދެއްކުމުން އެ ޖިންނި ބަލަން އެންމެން ވަރަށް ޝައުގުވެރި ވެއްޖެއެވެ. އެ ޖިންނި ދައްކަން ދޮން މޫސަބެ އެމީހުން އެކު މަގުގެ އެތަން މިތަނަށް އަލި ކުރަމުން ދަނިކޮށް މާދުރަށް ވެއްޓިފައޮތް ފަލަ އެއްޗެއް ދޮން މޫސަބެ ދެއްކިއެވެ. "އެއޮތީ އޭތި... އެއޮތީ ޖިންނި... ބަލޭ އެޅާފަލަކަން.. މަށަށް ކިރިޔާ އެޅާ ހިއްލޭ ލެވެނީ.... ދެފަހަރަކު ނަގޭފޭ ޖަހާއިރަށް އެޅާ މަރުވެއްޖެ" ދޮން މޫސަބެ ފަހުރުވެރި ކަމާއެކު ބުނެލިއެވެ. ދޮން މޫސަބެ ހިއްވަރުގަދައެވެ. ބިރުވެސް ކުޑައެވެ. ޖިންނި އެއް މަރާލެވޭނީ ހާދަ ބާރުގަދަ ވީމާ ތާއޭ އެކުދިންބުންޏެވެ. ދޮން މޫސަބޭގެ 'މޮޅުވާހަކަ' ނުނިމެނީސް މަރުވެފައިވާ ޖިންނި އޮތް ހިސާބަށް ދެވިއްޖެއެވެ. ޓޯޗް ބައްތިން ޖިންނި އަށް އަލިކޮށްލިއެވެ.

ކަމަކު ދާކަށް ނެތެވެ. ދޮން މޫސަބެ މި ހަނގުރާމަ ކުރީ މިރަށު ބީޗް ވިލާގެ ފުރާޅުގައި ލުމަށް ގެނެސްފައި ހުރި 'ފަންބޮޑި' ތަކުގެ ތެރެއިން ފަންބޮނޑިއަކާއެވެ. އިތުރު ގެއްލުމެއް ވެފައި ހުރިތޯ ބަލަން ދޮން މޫސަބޭގެ މުޅި ގަޔަށް އަލިކޮށްގެން ބަލަނިކޮށް ފެނުނީ ފައިވާން ފޫއަޅާ ފައިގެ ތިލަ މެދުން ދެފަޔަށް ވަދެފައި ހުރި ބޮޑު ދެމޮރު ކޮޅަށްޖެހިފަ ހުރިތަނެވެ. ފައިތިލައިން ދެމޮހޮރު ފޫއަޅާފަ ނިކުމެފަ އިންތަނުން 'ހެސްކިޔާހަ' ލޭއާދެއެވެ. ހީވަނީ ދޮން މޫސަބޭގެ 'ރީބޮކް' ކަޅުފައިވާން ގެއްލިދާނެތީ، ފަޔަށް ހަރުކޮށްލަން ޖަހާފަ އިން ދެމޮހޮރުހެންނެވެ. "މީ ހަދާ ރިސޯޓެއް... ފަޔަށް މޮހޮރެއް ވަދެފާނެތީ އުޅުނީ ދޮން މޫސަބޭ... ޗަހަރީ އެއްޅާއެއް ކަމަކަށް ނޫން ދެޅާ ވަދެފޭ... ދޮން މޫސަބޭ ދަނޑިހޮވާށޭ ކިޔޭފޭގޮސް ޖިންނި އެކޭ ކިޔޭފޭ ފަންބޮޑިއެއްވެސް މަރޭފީމު... ހިނގޭ އަވަހަށް ރަށަށް ދާން... ނަސީބެއްނުން  ދޮން މޫސަބޭ  ސަލާމަތުން އަހަރެމެންނަށް ފެނުންކަން..." ކޮންޓްރޯލްކުރި ހިނިގަނޑު ފަޅައިގެން ދިޔުމާއެކު ހެމުން ހެމުން އެތަނުން އެއްކުއްޖަކު  ދޮން މޫސަބޭ ރަށަށް ލެފުމާއިއެކު ދިން ކޮމާންޑް ހަނދާންކޮށްދިނެވެ. ދިޔަވަރު ހެޔޮވަރުކަމުން ދޯނި ފަޅުންނެރެ  ދޮން މޫސަބޭ ގޮވައިގެން ރަށަށް ފުރިއިރު މެންދަމު އެކެއްޖަހަނީއެވެ.

މިލިޔުމުގައި އަޅުގަނޑު ބޭނުންކޮށްފައި އެވާ އެއްވެސް 'ލަދެއް' ތިޔަ ބްލޮގްގެ ފަރާތުން ބަދަލު ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޒލޚ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ މި ބްލޮގް ވިދާޅުވެލައްވާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..