Tuesday, September 18, 2012

ބޭރު ފިޔާ އާއި، ބޭ ރުފިޔާ އާއި، ބޭރު ފިޔޭ...



މި ރީތި ކުޑަ ކުޑަ ދިވެހި ރާއްޖެ އަކީ މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ އަލިކަން ލިބި، މުސްލިމުން ކަމުގައި ވުމުގެ ކުރީންވެސް އަމިއްލަ އާދަކާދައަކާއި ޘަޤާފަތެއް ލިބިފައިވާ، އަމިއްލަ ބަހަކުން ވާހަކަ ދައްކަމުންދާ ބަޔަކު ދިރިއުޅޭ ގައުމުކެވެ. ދިވެހިރާއްޖެ އުފެދިފައިވާ ޖިއޯގްރަފީ ހިސާބަކީ މޫސުން ރަނގަޅު ތިމާވެށީގެ ޙާދިސާތައް މަދު ދުނިޔޭގެ މެދު ގެ ސަރަހައްދެވެ. ގުދުރަތީގޮތުން އެކަށައެޅި ވޮޑިފައިވާ ވިދާ މުތްތަކެއްފަދަ ރީތި ދޮންވެލި ތުނޑިތަކާއި ޔާގޫތު ތަކެއްފަދަ ކަނޑުތަކާއި ވިލުތަކެވެ. މި ކަމަށް އެންމެ ހިތްގައިމު ފުރިހަމަ ސިފައެއް ގެނެސްދެނީ، ކަނޑު އަޑީގެ މުރަކައިގެ ފަރުތަކުގެ ބަގީޗާތަކާއި އެފަރުތަކުގައި ދިރިއުޅެމުންދާ ކުލަކުލައިގެ ރީތި މަސްމަހާމެއްސެވެ. ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް މި ރީތިކަން ފެތުރިގެން ގޮސްފައިވާ އިރު، އެވެރިން ބޭނުން ކުރަމުންދާ ބަސްމަގުގެ ފުރިހަމަ ކަމާއި އިބާރާތް ބައްޓަން ކުރެވޭ ގޮތް ތަފާތުކަމީ ދެމީހަކު ދެބަސްވާނޭ ކަމެއް ނޫނެވެ.

އައްޑޫ އަތޮޅުގެ މީހުން ވާހަކަ ދައްކާ ބަހުރުވައާއި ތިލަދުންމަތީގެ މީހުން ވާހަކަ ދައްކާ ބަހުރުވައާއި ޚާއްސަ ތަފާތެއް ހުންނަ ފަދައިން މެދު ރާއްޖެތެރޭގެ މީހުން ވާހަކަ ދައްކާ ބަހުރުވަ ވެސް ތަފާތެވެ. މެދު ރާއްޖެ ތެރޭގެ ރަށެއް ކަމުގައިވާ ފާދިއްޕޮޅު ނައިފަރަކީ ވާހަކަ ދެއްކުމުގެ ބަހުރުވައާއި ރާގު ތަފާތު ބަޔަކު ދިރިއުޅޭ ރަށެކެވެ. ނައިފަރު ބަހުރުވައިން އެންމެ ގިނަ މީހުން އަޅައި ގަންނަ ބަހަކީ "ޗަ ކޮއި" އެވެ. ބައެއް މީހުން މަލާމާތެއްގެ ގޮތުން ފިރިހެނުންނަށް ވެސް ޗަ ކޮޔޭ ކިޔާ ދިމާކުރެއެވެ. ނަމަވެސް އެ ބަސް ބޭނުން ކުރާ ފަރާތަށް ރައްދުވާ ފަރާތް ނޭނގުމުން، ހަޤީޤަތުގައި މަލާމާތް ރައްދުވަނީ މަލާމާތް ކުރި ފަރާތަށެވެ. ނައިފަރު މީހުން "ޗަ ކޮއި" ކިޔަނީ އަންހެނުނަށެވެ. އެގޮތަށް މުޚާތަބު ކުރަނީ ކައިރީގައި ފެންނަން ހުރި އަންހެނަކަށް ނިސްބަތްކޮށެވެ. އައްޑޫ ބަހުން "ތަ"، "މިއެ"، "ތޯ" މިބަސް ބަސް ބޭނުން ކުރާ ބީދައިންނެވެ.

ބައެއް މީހުން ބަސް ބޭނުން ކުރާއިރު، ހުއްޓަން ނުޖެހޭ ތަންތަނަށް ހުއްޓާލުމުން ނުވަތަ ދެބަސް ދޭތެރޭ ހުސްތަން ދޭން ނުޖެހޭ ތަނަކަށް ހުސްތަންކޮޅެއް ދެވުމުން، ދޭހަވާ މާނަ ތަފާތުކަން ޚުދު އެމީހުންނަށް ވެސް ނޭނގެއެވެ. މިސާލަކަށް، "ބަރަވެލިކަނޑަށް ވެއްޓިއްޖެ" އޭ ބުނާއިރު "ބަރަވެލި ކަނޑަށް ވެއްޓިއްޖެ" އޭ ބުނުމުން މާނަ ތަފާތު ވީއެވެ. "ބަރަވެލިކަނޑަށް ވެއްޓިއްޖެ" އޭ އާއި  "ބަރަވެލި ކަނޑަށް ވެއްޓިއްޖެ" އޭ މި ދެ ޖުމްލަ އަށް ބަލާއިރު، ބަރަވެލިކަނޑަށް ވެއްޓިއްޖެއޭ ބުނުމުން ދޭހަވާނީ ޅ އަތޮޅުގައި އޮންނަ ބަރަވެލި ކަނޑަށް އެއްޗެއް ވެއްޓުން ވާހަކައެވެ. ހަމަ އެފަދައިން ބަރަވެލި ކަނޑަށް ވެއްޓިއްޖެ އޭ ބުނުމުން ދޭހަވަނީ ބަރަވެއްޔެއް ކަނޑަށް ވެއްޓިގެން އުޅޭ ކަމެވެ. މިކަހަލަ ކިތަންމެ ތާކުން ތާކު ނުޖެހޭ ޢިބާރާތް ތަކެވެ.

ބޭރުން ރާއްޖެ އެތެރެކުރާ ފިޔާ އަކީ ވެސް ބޭނުން ކުރާ ގޮތުން ތަފާތު މާނަ ދޭހަވާ ބަހެކެވެ. ނައިފަރު މީހުން ފަންސާސް ލާރި އަށް ކިޔަނީ "ބޭ ރުފިޔާ" އެވެ. މާނައަކީ ރުފިޔާ އެއްގެ ދެބައިކުޅަ އެއްބަޔެވެ. ސަބަބަކީ އެއްރުފިޔާ ހަމަވަނީ ދެ ބައި ރުފިޔާ ނުވަތަ، ދެ ފަންސާން ލާރި ހަމަވުމުން ނެވެ. ނަމަވެސް "ބޭރު ފިޔާ" އެއް ނައިފަރު މީހުންނަކު ނުކިޔާނެއެވެ. ނައިފަރު މީހުން ކިޔާނީ "ބޭރު ފިޔޭ" އެވެ. "ފިޔާ" އަށް ނައިފަރު ބަހުރުވައިން ކިޔަނީ "ފިޔޭ" ކަމަށް ވާތީ އެވެ. ހަމައެފަދައިން "ބާރު ފިޔޭ" އެއްވެސް ނުކިޔާނެއެވެ. އަދި "ނޭފަތަށް" މަށް ދިވެއްސަކު "ނާފަތެކޭ" ވެސް ނުކިޔާނެކަން ޔަގީނެވެ. ބަސްބޭނުން ކުރުމުގެ ހަމައިގައި ތަފާތު ހުއްޓަސް ދޭހަވާ މާނައަށް ނުބަލާ އެހެން ބަޔަކު ވާހަކަ ދައްކާ ބަހުރުވައަކަށް މަލާމާތް ކުރުމުން، މަލާމާތް އެ ރައްދުވަނީ އެބަހުން ވާހަކަ ދައްކަން ނޭގޭ މަލާމާތް ކުރި މީހާ އަށެވެ. އެހެން ކަމުން، ނައިފަރު މީހެކޭ ބުނާއިރަށް ކަލޭ ތީ "ޗަ ކޮޔެއް" ދޯ އޭ، "ބޭރުފިޔާ" އެއް ދޯ އޭ ބުނެ ހިނިގަނޑެއް ޖަހާލާ މީހުންނަށް ބުނަންއޮތީ، ނައިފަރު މީހުން ވާހަކަ ދައްކާ ބަހުރުވަޔަށް މަލާމާތް ކުރަނީ އޭ ހިތާ ތި ކުރަނީ އަމިއްލަ ނަފުސަށް މަލާމާތެވެ. ނައިފަރު ބަޔަކު ކައިރީ ތި ގޮތަށް ބުނެފިނަމަ ދެންވެސް ލަދުގަންނަން ޖެހޭނީ ތިމާކަން ދަންނާށެވެ.

ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ،
  އަސްތަ އަސްތާ އެއްޗެކޭއޭ ޤުދްރަތީ ހަމަ ހިންގަވާ...  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހސނ

2 ޚިޔާލު:

ވަރަށް ފުރިހަމަ ލިޔުމެއް... މި ސައިޓަށް ލިޔާ "ކޑޒ" އަށް މަނަދޫލައިވް އަށް ލިޔުންތައް ލިޔުމަށް މަނަދޫ ލައިވްގެ އެޑިޓަރުގެ ހައިސިއްޔަތުން ދައުވަތު ދެން.. ކޑޒ ގެ ލިޔުންތަކުގައި ވަރަށް އޮއްޓަރު ރަނގަޅުވެފައި ވަރަށް ކްރިއޭޓިވް ކަން ފާހަގަ ކުރަން...

=އެޑިޓަރ=
މަނަދޫ ލައިވް

ފިޔަޔަށް ފިޔޭ ކިޔާ ކަމަށް ބުނެފައި މިވަނީ ޅ.ނައިފަރު ރައްޔިތުން އޭބޭފިލި ބޭނުންކުރާ އުސޫލު ރަނގަޅަށް ބަލައިފަތޯ؟

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..