Saturday, December 8, 2012

ސުފުރާ: ކިލާފަނި ބަތްޕެން



ކަނޑުމައްޗައް ބަލި، ހޮޑުލާ ކޮންމެ މީހަކަށް އެންމެ ރަނގަޅު ފަރުވާ އަކަށް ވާނީ ދަތުރު ކުރާއިރު ކަނޑު ކިތަންމެ ގަދަ ނަމަވެސް ބޯ އަނބުރާ ހޮޑު ނުލެވޭނެ ބޭހެއް ބޭނުން ކޮށްގެން ދަތުރަށް ތައްޔާރު ވުން ކަމުގައި ނޫނީ ނުވާނެއެވެ. ރާއްޖޭގެ މޮޅު ދިވެހި ބޭސްވެރިއެއް ކަމުގައި ޢަބްދުލް ޙަކީމް ކާންނާ ކަލޭފާނު މަޝްހޫރު ނަމުންނަމަ ނައިފަރު ދޮންކަލޭފާނު ހެއްދެވި މި ބޭހަކީ ގަދީމީ ޔޫނާނުގެ ބޭހެއް ކަމުގައި ބުނެވެއެވެ. ކިލާފަނި ބަތްޕެން ކައްކާފަ ހޫނުކަންމަތީ ހުއްޓާ ބުއިމުން ބަނޑުގެ ބަލިތަކަށްވެސް ފަރުވާ ލިބެއެވެ. ކިލާފަނި ބަތްޕެނުން ހޮޑުލުން، ބަނޑު ހަރުވުން، ވައިގެ އުނދަގޫފަދަ ބަލިތަކަށް ފަރުވާ ލިބެއެވެ.

ކިލާފަނި ބަތްޕެން ކައްކަން ބޭނުންވާ ތަކެތި
200 ގްރާމް ޅަހަނޑޫ (ބާސްމަތީ ހަނޑޫ)
2 ޖޯޑް ކާށި ކިރު
2/1 1 ސަމުސާ އަސޭމިރުސް (ހިމުންކޮށް މުގުރާފައި)
2/1 3 ސަމުސާ އަސޭމިރުސް (ނުމުގުރާ)
3 ޖޯޑް ފެން
1 ރާންބާ ފަތް 3 އިންޗި
2 ހިކަނދި ފަތް
1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ކަރަންފޫ (މުގުރާފައި)
2 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
1 ފިޔާ (ހިމުންކޮށް މުގުރާފައި)
10 ކިލާފަނި (ފެނުން ރީތިކޮށް ދޮވެފައި މިކްސަރުން ފުނޑާފައި)
2 ސައިސަމުސާ ގިތެޔޮ

ހައްދަވާނެ ގޮތް
ފެން އަޅައިގެން ހަނޑޫ ކާށި ކިރު 1 ޖޯޑް އަޅައިގެން ކައްކާށެވެ. މި ފެންގަނޑު ހިނދުމުގެ ކުރިން މުގުރާފަ ހުރި އަސޭމިރުހާއި ފުނޑާފަ ހުރި ކިލާފަނި އަދި ފުށްކޮށް ނުމުގުރާ ހުރި އަސޭމިރުސް ފެންގަނޑު ތެރެއަށް އަޅައިގެން މަޑު ގިނީގައި 10 މިނިޓް ކައްކާށެވެ. ދެން ފިޔާ އާއި ފޮނިތޮށި ރާންބާފަތާއި ހިކަނދިފަތް އަދި ކަރަންފޫ އެއްކޮށް ގިތެލުގައި ހަނާކުރާށެވެ. ފިޔާކޮޅު ރަތްވުމުން ރީނދޫ އަޅައިގެން ކުލަ ހިފުމުން މީގެ ތެރެއަށް ކާށިކިރު 1 ޖޯޑް އެއްކުރުމަށްފަހު، ކައްކާފައި ހުރި ބަތް އެއްކުރުމަށްފަހު މަޑުގިނީގައި 5 މިނިޓް ކައްކާފައި އުނދުން މަތިން ބަލާށެވެ.

ނޯޓް: ދަރިފުޅަށް މިބަތްޕެން ދެއްވާއިރު މިއީ ކިލާފަނީގައި ކައްކާފައި ހުރި ބަތްޕެންކަމުގައި ނުބުނާށެވެ. އޭރުން ފަކުރު ގަތުމުގެ ސަބަބުން ދަރިފުޅު މިބަތްޕެން ނުބޮއިފާނެއެވެ. ދަރިފުޅު ހައިބަނޑާ ހުއްޓާ ހޫނުކޮށް، މިބަތްޕެން ބޯންދޭށެވެ.
(ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޗޗތ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..