Thursday, December 6, 2012

އަފްރާޝީމުގެ މަރާއިމެދު ކުރެވޭ ކުށް ހީނތައް...



އަލްމަރުޙޫމް އަފްރާޝީމް ޢަލީ އަކީ އުނގޫފާރު ދާއިރާގެ ޢިއްޒަތެރި މެމްބަރެވެ. އުނގޫފާރު އެބޭފުޅަކަށް ފަޚުރުވެރިވާ ދަރިއެކެވެ. ދީނީ ޢިލްމު ވެރިއެއްގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރު ލިބި ވަޑައިގެންވާ ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. މަޖްލީހުގެ ތަޅުމުގައި ބަހުސްކުރެވޭ ދީނީ މައްސަލަ ތަކުގައި އިސްލާމް ދީނުގެ ހިމާޔަތުގައި މަސައްކަތް ކުރެއްވި ފަހުލަވާނެކެވެ. ދިވެހި ޤައުމު ފަޚްރުވެރިވާ ފަދަ ބަތަލެކެވެ. އެބޭފުޅާގެ މަރާއި ގުޅިގެން އެތައް ބަޔަކު ސޯޝަލް މީޑިއާ ތަކުގަޔާއި ނޫސްތަކުގައި މިފަދަ ބަޔާން ތައް ދެއްވިއެވެ. "މިފަދަ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅަކަށް މިފަދަ އަނިޔާވެރި ހަމަލާއެއްދީ ގަތުލުކުރުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މި ބޮޑު ޖަރީމާގެ ފަހަތުގައިވާ މުޖުރިމުން ހޯދައި އެއުރެންނަށް ހައްގު އަދަބު ލިބެންޖެހޭނެ އެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. "އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ އަގުހުރި ދިވެހި އިލްމީ ދަރިއެއް. އެމަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި އަޅުގަނޑު ދުއާކުރަން،" ރައްޔިތުން މަޖްލީހުގެ ރައީސް ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ޖަވާބު ނުލިބޭ ސުވާލަކީ، އަފްރާޝީމްގެ ޙަޤީޤީ ޤާތިލަކީ ކާކުބާއޭ..؟ ކުރެވޭ ސުވާލެވެ. ވަރަށް ސާފުކޮށް މިސުވާލަށް ޖަވާބު ލިބޭނެއެވެ. އެންމެ ފުރަތަމަ އަފްރާޝީމް ގެންގުޅުއްވި ދީނީ މެދުމިނުގެ ޚިޔާލެވެ. ދީނީ ގޮތުން ޙައްދު ފަހަނަ އަޅާފައިވާ ބަޔަކު (ޑޮޓުން) އަފްރާޝީމަށް ދީފައިވާ އިންޒާރާއި، އަނިޔާއެވެ. އަފްރާޝީމަކީ، ބައެއް ދީނީ އިލްމުވެރިން "އިބިލީހުގެ" ނަމުގައި ސިފަކުރައްވާ ބޭފުޅެކެވެ. އަފްރާޝީމް އަވަހާރަކޮށްލި ރޭ އެ ބޭފުޅާ ގެއަށް ދުރުވީ އެބޭޅުގާގެ ކާރުކޮޅުގައި ގިނިކަންޏާ އެވެ. އެއީ ޓީވީ މޯލްޑިވްސް ގައި އޮތް ދީނީ ޕްރޮގްރާމެއް ގައި ބައިވެރިވެލެއްވުމަށް ފަހު ނިންމާފައި ގެއަށް ވަޑައިންނެވިި ވަގުތެވެ. އެރޭ އެބޭފުޅާ ވަނީ އެތައް ބަޔެއްގެ ކިބައިން މަޢާފަށްވެސް އެދިވަޑައިންފައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ މުހިއްމު އިސްލާހުތަކެއް ހުށަހަޅުއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުން ވިލުގައި އެރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ އޭނާ އަވަހާރަކޮށްލި މައްސަލަ ކުށްވެރިކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގައި މިހާރު ތިއްބަވާ މެމްބަރުންގެ ތެރެއިން އަފްރާޝީމަކީ އެންމެ މަތީ ފާސް ނަންގަވައިގެން ހުންނެވި އެއް ބޭފުޅެއް ކަމަށެވެ. އޭނާ އަވަހާރަކޮށްލި އިރު، ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ވަރަށް ވަރުގަދަ އިސްލާހުތަކަކާ އެކުގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ފިގުހު އެކަޑަމީ އަށް ގާނޫނީ ބާރުވެރިކަން ލިބިދޭ އިސްލާހާއި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް ގާނޫނީ ގޮތުން ކަނޑައަޅާ އިސްލާހާއި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ރާއްޖޭގައި ބިނާކުރުން ގާނޫނީ ގޮތުން މަނާވާ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމުގައި އަރާ ތިބި ބަޔަކު ވާނެ ކަމީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ. މާލޭގެ ފިހާރަތަކުގައި ބަހައްޓާފައި ހުރި ބުދުތަކަށް ބަލާލަމާ ހިނގާށެވެ. އެއަށް އިޙްތިރާމް ކުރުމުގެ ގޮތުން ރީތި ހެދުން އަޅުވާ، މޭކަޕްކޮށް، ރައްކާތެރި ކަމާއި އެކު ބަލަހައްޓައެވެ. އަމިއްލަ ދަރިއަކު ރީތިކޮށް ނަލަކުރާގޮތަށް ނަލަ ކުރެއެވެ. ނަމަވެސް މި ބުދުތަކަށް ގޯނާ އެއް ގެއްލުމެއް ދޭނެ ދީނީ ބަޔަކުނުވެއެވެ. މިއާ ޚިލާފަށް ރާއްޖޭގައި ބުދު ދީނުގެ ފަލްސަފާ ފެތުރިގެން ގޮސްފައިވާ މިންވަރު ހާމަކޮށް ދިނުމަށް ޤައުމީ ދާރުސް އާސާރުގައި ޑިސްޕްލޭ ކުރެވިފައި ހުރި، ހުރިހާ ބުދުތަކެއް، ހަތެއް ފެބްރުއަރީގައި، ދީނަށް ލޯބިކުރާ ބަޔަކު ތަޅާ ސުންނާފަތި ކުރީއެވެ. މިފަދަ ތަރިކައަކީ، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދޭން ޖެހޭ ތަކެއްޗެވެ. އަޅުގަނޑުމެންގެ ދަރިންނަށް ވިސްނައިދޭން ޖެހޭނީ އަޅުގަނޑުމެންގެ ކުރީގެ ކާބަފައިންނަކީ ކިހާ ނުވިސްނޭ ބަޔެއްކަމެވެ. އަތުން، ހިލައިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރި ބުދުތައް އެކުދިންނަށް ފެންނަން ހުރުމަކީ އަޅުގަނޑުމެންނަށް ދެއްކެން ހުރި ހަމައެކަނި ހެއްކެވެ. ނަމަވެސް އެތަކެތި ހަލާކޮށް މުގުރާލުމުން އެގެއްލުނީ ފެންނަން ހުރި ކިތައް ހެކި ތޯއެވެ. މި ރާއްޖޭގައި ދާރުލް އާސާރުގައި ބަހައްޓާފައި ހުރި އެއްވެސް ބުދަކަށް އަޅުކަން ކުރާތީ ރާއްޖެ އިސްލާމްވީ ފަހުން، އެއްވެސް މީހަކު ނުދެކޭނެއެވެ.

ބައެއް މީހުން އަފްރާޝީމްގެ މަރުގެ ޒިންމާ އަޅުވަނީ ސިޔާސީ ފަރާތްތަކުގެ ބޮލުގައެވެ. ބައެއް ސިޔާސީ ޕާޓި ތަކުގެ އިސްވެރިންގެ ބޮލުގައެވެ. އެއްބަޔަކު، އަފްރާޝީމްގެ އަނބިކަނބަލުންގެ އިސްތަށިފުޅުގައިވެސް މި ތުހުމަތު އަޅުވައެވެ. ދޭތެރެއަކުން ފުލުހުންގެ ފަރާތުން، މި މަރުގެ ތަހުޤީޤަށް ކުރިއެރުން ލިބޭ ވާހަކަ އާއި، ވަރަށް އަވަހަށް މައުލޫމާތު އާންމު ކުރާނެ ކަމަށް ނޫސްވެރިންނަށް ދަންނަވައެވެ. މި މައްސަލާގައި ފުލުހުން ވަނީ ނުކުޅެދިފައިކަން، އަފްރާޝީމް ގެ މަރުގެ ތަހުޤީޤަށް ފަސްލައްކަ ރުފިޔާ ހުށަހަޅާ، އެމެރިކާގެ އެފް.ބީ.އައިގެ ދެ އިންވެސްޓިގޭޓަރުން ގެނައުމުންވެސް އަޅުގަނޑުމެންނަަށް އެނގިއްޖެއެވެ. އަފްރާޝީމްގެ މަރަކީ ސިޔާސީ ގޭމަކަށް ހެދުމަށް އެއްބަޔަކު މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ގިނަ ގަރީނާތައް ބިނާ ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ހަރުކަށި ޚިޔާލުގެ ބަޔަކުގެ ރޭވުމެއްގެ ދަށުންނެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގުގެ މައުލޫމާތު ފުލުހުން އާއްމުކުރުން ލަސްވަމުންދާތީ އަމާޒު ވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ސުވާލުކުރުމުން ކޮމިޝަނަރު ވިދާޅުވީ އެ މަރުގެ މައްސަލައިގެ ތަހުގީގާ ބެހޭ މައުލޫމާތު އާއްމުކުރާނީ އެ ހިސާބަށް ދެވިއްޖެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށެވެ. އެ މައުލޫމާތު އާއްމުކުރާނީ ފުލުހުން އެކަމަށް ތައްޔާރުވުމުން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވީ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ބަލަން ޖެހޭ ބެލުންތަކާއި ޔަގީންކުރަން ޖެހޭ ޔަގީންކުރުންތަކެއް އެބަހުރި ކަމަށެވެ.  ރިޔާޒު ވިދާޅުވެފައި ވަނީ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން އާއްމުކުރާ މައުލޫމާތުތަކުގައި ސިޔާސީ އެއްވެސް ނުފޫޒެއް އެކުލެވިގެން ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. ކޮމިޝަނަރު ގެ މި ޢިބާރާތްވެސް، އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި ބަޔަކީ، ދީނީ ހަރުކަށި ޚިޔާލުގެ (ޑޮޓުންގެ) ބަޔެއްކަން ވަރަށް ސާފުކޮށް މިއޮތީ ދޭހަވާށެވެ. މީހަކު ބުނާ އެއްޗެއްގެ މާނަ ރަގަނޅަށް ދޭހަ ނުވާ ކިތައް ކިތައް މީހުން މި ރާއްޖޭގައި ތިބޭނެ ބާއޭ ހިތަށް އަރައެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ނދމ
(މިއީ ކިޔުންތެރިއަކު ފޮނުއްވެވި ލިޔުމެކެވެ. މިލިޔުމުގައި ވާ އެއްވެސް އެއްޗަކަށް އުނި އިތުރެއް ގެނެވިފައެއް ނުވާނެއެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..