Monday, October 8, 2012

ގިރާވަރު މޫސާކަލޭފާނަށް އޮޅުވާލި ފަންޑިތަ... (3)



ސެޕްޓެމްބަރ 28 އާއި ގުޅޭ...

ދެން ބެއްޔާ މޫސާކަލޭފާނާއި ދިމާއަށް އެނބުރިލާފައި އޭ މޫސާކަލޭފާނުވޭ... އަންހެނުން އެހުރީ އެކީގައި އުލޭން ނޫންހޭ... އޭނާ މިކަމާ ދެކޮޅުވެއްޖެއްޔާ، އޭނާ ގެ ދުވަސް ދާނީއޭ... ދެން މިހާ ހިސާބުން މިކަން މި ނިމުނީ ނޫންހޭ.... ބުނެ ހީނލާފާ އަތުގެ އިޝާރާތުން ދެން ދިޔަޔަސް އެންމެ ރަނގަޅޭ ބުންޏެވެ.  ކޮންމެއަކަސް، މި ހެދި ފަންޑިތައަށް ފަހު ކުޑަ ދުވަސްކޮޅަކު މި ރަށުގައި މޫސާކަލޭފާނު މަޑުކޮށްލިއެވެ. ރަށަށް ދާން ފުރާން ވުމުން، ބެއްޔާއާއި ބައްދަލު ކުރަން ދިޔުމުން އަންހެނުން ގޮވައިގެން މި ރަށަށް އަދި އަންނަން ވާނޭ ކަމަށް ބުންޏެވެ. އެއީ ކީއްކުރަންތޯ ބެއްޔާކުރެން މޫސާކަލޭފާނު އަހާލުމުން ބުނީ އެއީ ދެން އިތުރު ފިރިހެނަކާ ތިޔަ ހައްވާނިކެ ހިތާނުވާނޭފަދަ ކަމެއް ކުރުމަށެވެ. އަދި މޫސާކަލޭފާނު ބެއްޔާއަށް ގިނަ ހަދިޔާ ތަކެއް ދީ ވަދާއީ ސަލާމް ކުރުމަށް ފަހު އެނބުރި ރަށަށް ހިނގައްޖެއެވެ. މޫސާކަލޭފާނު އެނބުރި ގެއަށް އައިރު ގޭގައި ރީތިކޮށް ހައްވާނިކެ އެބަ އުޅެއެވެ. ބެއްޔާގެ ކުޅަދާނަ ކަން މޫސާކަލޭފާނުގެ ލޮލަށް ފެނުނެވެ. ނަމަވެސް ޖަވާބު ނުލިބޭ ސުވާލުތަކަކީ އެދުވަހު ގޭ ދޮރުމަތިން އެފުނުން ކަޅު މީހާ އަކީ ކާކުކަމާއި، ބެއްޔާ ނެތި ގޭތެރެއަށް ނުވަނުމަށް ބުނީ ކީއްވެގެން ކަމާއި، އެހާ ގިނަގިނައިން އެގެއަށް ދިޔައިރުވެސް، ގޭކައިރީ އަވަށްޓެރިއަކުވެސް އެގެއަށް ވަދެ ނިކުމެވާތަން ނުފެންނަކަމެވެ.

ދުވަސްތައް މާޒީ ވަމުން ދެއެވެ. މޫސާކަލޭފާނަށް އެއްރޭ ދަންވަރު ހޭލެވުނީ އެއްކަލަ ދުވަހު ބެއްޔާ މެން ގޭ ދޮރުމަތިން ފެނުން ކަޅު މީހާ ހުވަފެނުން ފެނިގެންނެވެ. ހޭލެވުން އިރު މޫސާކަލޭފާނު އޮތީ ހުންއައިސް ރަތްވެފައެވެ. ހައްވާނިކެ އަށް ހޭލެވުނީ މޫސާކަލޭފާނު ގައިގާ ޖެހުމުން އެހެންޏަ ނުވާކަހަލަ ހޫނެއް އިހުސާސް ވެގެންނެވެ. މޫސާކަލޭފާނު ގައިގާ އަތް ޖައްސާލިއިރު ކަމަކު ދާކަށް ނެތެވެ. މޫސާކަލޭފާނު މިއޮތީ ގަދައަށް ހުން އައިސްފައެވެ. މޫސާކަލޭފާނުގެ ގައިގާ ފެންފޮތި ހާކަހާކައި އިންދާ، ފަތިސް ނަމާދަށް ބަންގި ގޮވުމާއެކު ހުންގަނޑު މަޑުވެ ފަސޭހަވެއްޖެއެވެ. މިގޮތަަށް ތިންރޭ ކަންތައް ހިނގުމަށްފަހު ކޮންމެ ދުވަހަކު ދެނަމާދު ދޭތެރޭ (މަޣްރިބް ނަމާދާއި ޢިޝާނަމާދާއި ދޭތެރޭ) މާގަދައަށް ހުން އަންނަން ފަށައިފިއެވެ. ދިވެހި ބޭހަކަށް ވެސް ހުންގަނޑެއް މަޑެއް ނުވެއެވެ. ފަންޑިތައަކަށްވެސް ކަހާ ބިހި ހިރުވާވެސް ނުލާފަދަ އެވެ. ދުވަހެއް ދުވަހަކަށް މޫސާކަލޭފާނު ހިކި އަނަރޫފަ ވަމުން ދެއެވެ. އެންމެ ފަހުން ބެއްޔާ ކައިރިއަށް ފަންޑިތަ ހަދަން ދާން ދެމަފިރިން ނިންމައިފިއެވެ. މޫސާކަލޭފާނުގެ އަދި ދަރިއަކު ނެތުމާއެކު ހައްވާނިކެ ގޮވައިގެން އައްޑުއަށް ދިޔުމަށް އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިއްޖެއެވެ. ހަފްތާއަކަށް ވުރެ ގިނަ ދުވަސް ކަނޑުމަތީ ހޭދަކުރުމަށްފަހު މޫސާކަލޭފާނުގެ ދެމަފިރިންނާއިއެކު އެންމެ ފަހުން އައްޑޫ ބޮޑު ބައްތެލި، އައްޑު އަތޮޅު ހިތަދޫއަށް ބަނދަރު ކޮށް ފަނާ ލައިފިއެވެ.

ހިތަދޫއަށް ފައިބައި އަތިރިމަތީ ވެލިގަނޑުގައި ބީއްސާލުމާއެކު މޫސާކަލޭފާނު ގައިން ހުންގަނޑު ފިލައިގެން ހިނގައްޖެއެވެ. ދެން ގޭދޮށަށް ގޮސް ފޮށިތަންމަތި ބަހައްޓާ ފެންވަރައި މެންދުރުގެ ނާސްތާ ނިންމާލުމަށްފަހު، މޫސާކަލޭފާނާއި ހާއްވާނިކެ ދިޔައީ މޫސާކަލޭފާނުގެ ދުވަސްވީ ރަހުމަތްތެރިޔާ އާއިއެކު ބެއްޔާ އުޅޭ ގެއަށެވެ. ގޭ ދޮރުމަށްޗަށް އަރާ ސަލާމް ގޮވާލުމުން ހައްވާނިކެ ސިފައިގާ ހުރި ކަޅިރަވަ ތޫނު ފަތްމިންޏެއްހައި ރިވެތި ހަމަ އެކަހަލަ އަންހެނަކު، ދޮރުން ބޯ ދިއްކޮށްލުމަށް ފަހު ވަށައިގެން ބޭރު ބަލާލާ އެތެރެއަށް ވަދެއްޖެއެވެ. މި އަންހެނާ ލައިގެން ހުރީ ރަތްކުލައިގެ ދިވެހި ލިބާހަކާއި އަނދެގެން ހުރީ ރަތްކުލައިގެ ފޭއްޔެކެވެ. ހިނގައިފައި އެތެރެއަށް ދެމިގަތް ގޮތުން ބިމުގައި ފައި އަޅާހެންވެސް ހީނުވެއެވެ. ދެން އޭގެ އިރުކޮޅެއްފަހުން ދެވަނަ ފަހަރަށް ސަލާމް ގޮވާލުމުން ޖަވާބެއް ނުލިބި އިރުކޮޅެއް ވުމަށް ފަހު ބެއްޔާ ކަރު ކެހިލަމުން ދޮރުން ބޭރަށް ނިކުމެއްޖެއެވެ. މޫސާކަލޭފާނު ކައިރިއަށް ހުއްޓި ކަލެއަށް އާދެވިއްޖެ ދޯ އޭ... އަންހެނުން ގޮވައިގެން އަންނަހަރޭ ބުނި ހަނދާންވެސް ނުވޭ ދޯ އޭ... ކަލޭ މިޖެހުނީ ގަދަ ކަމުން ދޯ އޭ ގެންނަން... މިހެން ބުނެ އެތެރެއަށް ވަނުމަށް އިޝާރާތްކޮށް އެތެރޭގައި ހުރި ބޮޑު އަށްޓެެއްގައި އިށީންނަށް ބުނެފިއެވެ. މޫސާކަލޭފާނުގެ ދެމަފިރިން އެތެރެއަށް ވަނުމުން އެދެމަފިރިންނާއި އެކު އައި ރަހުމަތްތެރިއާ އެގެއަށް ނުވަދެ އެނބުރި އައިކޮޅަށް ދިޔައީއެވެ.

=+ ނުނިމޭ +=  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Friday, October 5, 2012

"ތުލޭނަމޭ... ތުލޭނަމޭ... ތަލެޔާވެސް ތުލޭނަމޭ..."


ސިފައިންގޭގައި އުޅުއްވެވި ބޮޑު ބޭފުޅެއްގެ ވާހަކަ އެވެ. މި ވާހަކަ މި ގެނެސްދެނީ މީގެ އަސްލު ކަން ހިނގި ގޮތަށް އެއްވެސް އުނިއިތުރެއް ނެތި އެވެ. ދުވަސް ވަރަކީ މުޙައްމަދު އަމީނުގެ އެންމެ ރަން ދުވަސް ވަރެވެ. އަރިހުގައި އުޅުއްވާ ގިނަ ބޭފުޅުންނަކީ "ވަރަށް މަސާހިބު" ވެފައި ތިއްބަވާ ބޭކަލުންނެވެ. އައްޑޫ ޙަކީމް ދީދީ މެރިފަހުން އޭރު ވާނީ ގާތް ގަނޑަކަށް ހައެއްކަ މަހެެވެ. ސިފައިންގެއަކީ މުޙައްމަދު އަމީނުގެ ވެރިކަން ވައްޓާލުމުގައި ގިނަ ބަޔަކު އެއްވެ ތަނަށް ގެއްލުން ދީފައިވާ އިމާރާތެކެވެ. ސިފައިންގޭގައި އޭރު ދޮންތުއްތު ކިޔާ ވަރަށް ރަނޑު ގޮތެއް ހުންނަ އޮފިސަރެއް އުޅުނެވެ. ބޮޑެތި ބޭފުޅުންނަށް، ޚާއްސަކޮށް މުހައްމަދު އަމީނަށް ރަށް ރަށުން އައިސް ތިބޭ ޗާލާކީ އަންހެން "ބިޓުން ސެޓް" ކޮށް ދިނުމުގައި މި ދޮންތުއްތު ވަރަށް ޚާއްސަ ރޯލެއް އަދާކުރިއެވެ.
ދޮންތުއްތު ހުންނަ ގޮތުން ގިނަ އަންހެން ކަނބަލުން ދޮންތުއްތު އާއި ވަރަށް ގަޔާވެއެވެ. ވާހަކަ ދެއްކުމުގައި އައިބު ގޮތެއް ހުއްޓަސް ދޮންތުއްތު ދައްކާ ވާހަކަ ދޭހަ ވެއެވެ. "ކ" އަށް "ތ" އަދި "ރ" އަށް "ޅ" ކިޔޭ ދޮންތުއްތު ލައްވާ ތަފާތު ބަސްބަސް އަންހެންވެރިން ކިޔުއްވަނީ ދޮންތުއްތު ގެ މަޖާ މިޒާޖުގެ ސަބަބުން އިތުރަށް މަޖާ ނެގުމުގެ ބޭނުމުގައެވެ. އަބަދުވެސް ރަތްކޮށް ދުފާލައިގެން ހުންނަ ދޮންތުއްތު ގިނައިން އުޅޭނީ އަންހެން ބޭކަނބަލުން އުޅުއްވާ ތަންތަނުގައެވެ. ގިނަ އަންހެން ކަނބަލުން ދޮންތުއްތު އާއި އެހާ ގާތް ގުޅުމެއް ބާއްވާ ސަބަބަކީ ދޮންތުއްތު ގެ އަމިއްލަ ބައިސްކަލެއް ހުންނާތީ އެ ބައިސްކަލު ދުއްވުމަށެވެ. ގޮތްގޮތަށް ބައިސްކަލް ދުއްވުމުގައި މަޝްހޫރު ފަރީދަށް ވުރެވެސް ދޮންތުއްތު ބައިސްކަލަށް ކުޅަދާނައެވެ. މުހައްމަދު އަމީނު އާއި ދޮންތުއްތު ގެ ގުޅުން ރަނގަޅުކަމުން ބައެއް މީހުން އެކަމާ ވަރަށް ހިތްޕުޅާނުވެއެވެ. އަދި އެސްޖެހިގެއަށް ދޮންތުއްތު  އަންނާތީ ބައެއް ބޮޑުން (އެކަމާ އެންމެ ހިތްޕުޅާ ނުވާ އެއް ބޭފުޅަކީ އިބްރާހިމް ޝިހާބްއެވެ.) ވައްބަހުން "މިގޭގައި މިހާރު ނަސްލު އޮޅެނީ ދެއްތޯއޭ..." ބުނުއްވައެވެ. ނަމަވެސް މުހައްމަދު އަމީނަށް ދޮންތުއްތު ގެ ފަރާތުން ލިބޭ އަންހެން ކުދިން މަދެއްވެސް ނޫނެވެ. އެހެންކަމުން ބުނާނޭ އެއްޗެއްވެސް އަދި ނާންނާށޭވެސް ނުބުނާނެތާއެވެ.

އެއްފަހަރެއްގައި ހިނގި ޙާދިސާއެކެވެ. ދޮންތުއްތު ގެ ބައިސްކަލް މާގިނައިން ހޯދަން އަންނަ މާފަންނުގެ ފިރިހެން ކުއްޖެކެވެ. މިކުއްޖާގެ އުމުރުން އޭރު ވާނީ އެންމެ 12 ވަރަކަށް އަހަރެވެ. ޅަނދޮނޅު ކަމެއް ހުންނަ މި ކުއްޖާ އަކީ އަަވަށުތެރޭ މާ ގިނައިން ބައިސްކަލް ދުއްވާ، ބަލާ ބެލުމަށް 16، 17 އަހަރުގެ ކުއްޖެއް ހެން ހީވާ އިސްކޮޅުން ދިގު ކުއްޖެކެވެ. ފިރިހެން ކުދިން ދުއްވަން އެއްވެސް އިރެއްގައި ދޮންތުއްތު ގެ ބައިސްކަލް ނުދޭތީ އެކުއްޖާ ކުރެން އެ އުމުރުގެ ކުދިން އަހާލައެވެ. ކަލޭ ތި ބައިސްކަލް ދޮންތުއްތު އަތުން ތިޔަ ހޯދަނީ ކިހިނެއް ހެއްޔެވެ. އެއްވެސް މީހެއް ކައިރީ ނުބުނާނެ ކަމަށް ހަތް ހުވާ ކުރީމާ އެކުއްޖާ ބުންޏެވެ. ދޮންތުއްތު މުންޑު ހިއްލާފައި، ދައްކާ ދަނޑި ބުރިއެއް، މަގޭ އަނގަޔަށް ހޮޑުލަންދެން ބުއީމާ ކޮންމެ ދުވަހަކު ހަވީރު އެއްގަޑިއިރު ދުއްވަން ބައިސްކަލް ދެނީއެވެ.

ކޮންމެ އަކަސް މިގޮތަށް ނަމަވެސް ބައިސްކަލް ދުއްވަން އެ އުމުރުގެ ކުދިން ފިސާރި ބޭނުން ވެއެވެ. ސަބަބަކީ ބައިސްކަލަކީ މަދުން ނޫނީ މާލޭގައި އޭރު ނުހުންނަ އެއްޗަކަށް ވާތީއެވެ. މިކުއްޖާ ބުނި ވާހަކަ ނުބުނާށޭ ކިޔާ ތުންތުން މަތިން ފެތުރި ދޮންތުއްތު ކުޑަކުދިންނާއެކު ބަދު އަޚުލާގީ އަމަލު ހިންގާކަން ސިފައިންގެ ތެރޭގައިވެސް ދައްކަން ފަށައިފިއެވެ. މިކަން ބެލުމަށް ބަޔަކު ފާރަވެރިވެ ތިބޭންވެސް ފަށައިފޫއެވެ. ނަމަވެސް، އޮފިސަރަކަށް ވާތީ "ތެދެއް... ކަލޭ ކުޑަކުދިންނާ ބެހެންހޭ..." އަހާލަން ކެރޭ މީހަކު ހުރިކަމަކަށް ވެސް ނުވިއެވެ. އަދި މީހަކު އެކަހަލަ ވާހަކައެއް ދެއްކިއަސް އަރިސް ބޭކަލަކަށް ވާތީ ލިބިދާނެ އަދަބަކަށް "މަ ބުންޏޭ ނުބުނާށޭ" ބުނެފަ ތޯތޯއަށް "ބުންޏޭ" ކިޔައިގެން ވާހަކަ  ދައްކަނީ އެވެ.

ދޮންތުއްތު އަށް ފާރަލައިގެން ތިބި ބަޔަކަށް އެއްކަލަ މާފަންނު ފިރިހެން ކުއްޖާ އެގެއަށް ވަންނާތީ ފެނުމުން، ސިއްރު ސިއްރުން ބަލަނިކޮށް އެކަމެއް ކޮށްފައި އެކުއްޖާ ބައިސްކަލް ހިފައިގެން ހިނގައްޖެ އެވެ. މިވާހަކަ ޝިހާބުގެ އަރިހު ދެންނެވީމާ " ތިޔަ ހެން އަދި ސާބިތެއް ނުވާނޭ.. ހަތަރު މީހުންގެ އަށް ލޮލުން ބަލައިގެންނޭ ތި ކަލޭގެ އަތުލައިގަނެވޭނީ.." ބުނުއްވިއެވެ. ދެން ދުވަސްކޮޅަކު ފާރަލަމުން ދަނިކޮށް އަނެއްކާ މާފަންނު ކުއްޖާ އެގެއަށް ދާތަން ފެނިގެން ހަތަރު ހެކިން ހޯދައިގެން ފާރަލަމުން ގޮސް އެކުއްޖާ އެގެއަށް ވަދެ، ދޮންތުއްތު ގެ އެދުންވެރިކަން ނިންމަން އޮއްވައި، ހަޅޭފަޅޭއް ޖަހައިގެން މީހުން އެއްކޮށް، އެކުއްޖާ އާ ދޮންތުއްތު އާ ސިފައިން އައިސް ހައްޔަރުކޮށްފިއެވެ. މިވާހަކަ މުޙައްމަދު އަމީނުގެ ކަންފަތްޕުޅާއި ހިސާބަށް ފޯރުމުން ވެލާނާގޭ އިބްރާހިމް ދީދީ އަށާއި، އިބްރާހިމް ރުޝްދީއަށާއި އިބްރާހިމް ޝިހާބަށް އަންގަވައިގެން ގެންނަވައި ދޮންތުއްތު ހިލިހިލާ ޖަހާފައި އިން ސިފައިންގެ ބޮޑުފެންޑާއަށް މުހައްމަދު އަމީނު އަރިހުގައި ދުރުވެންނެވުމަށްް އެދިވަޑައިގެންނެވި އެވެ.

މިބޭފުޅުން ސިފައިންގެއަށް ވަޑައިގެންނެވުުން ދޮންތުއްތު ގެނެސް ސިފައިންގޭ ފެންޑާގައި ބައިންދާފައި ސުވާލު ކުރުމަށް ވަޑައިގެންނެވި މުހައްމަދު އަމީނާއި، އިބްރާހިމް ޝިހާބާއި، އިބްރާހިމް ރުޝްދީއާއި ވެލާނާގޭ އިބްރާހިމް ދީދީ ގެ ގުރޫޕުން މުޙައްމަދު އަމީނު ފިޔަވައި އެއްވެސް ބޭފުޅަކު ބަސްފުޅެއް ވިދާޅުވުމުންވެސް ދޮންތުއްތު ޖަވާބެއް ނުދިނެވެ. ދެން މުހައްމަދު އަމީނު ކުރިއަށް ޖެހި ވަޑައިގެން  ދޮންތުއްތު އަށް ވިދާޅުވުމުން އިސްވެސް ނުނަގައި އެބަ އިނދެއެވެ. އަނެއްކާވެސް މުހައްމަދު އަމީނު ދޮންތުއްތުއަށް ވިދާޅުވީީ "އޭ ދޮންތުއްތު އޭ... ކަލޭ ވާ ތިޔަ ކުރިީ ހާދަހާވާ ހުތުރު ކަމެކޭ... ސިފައިންގޭގެ ނަންވެސް ޚަރާބު ކޮށްލީ ނޫންހޭ.. އެހެން ވީމާ ކަލޭ މިއަދުން ފެށިގެން ވަޒީފާއިންވެސް ވަކި ކުރީއޭ... ކަލެއަށް ލިބެން ހުރި އަދަބެއް ލިބުމުން ދެކުނު ރަށަކަށް އަރުވާލާނީއޭ..." މިހެން ވިދާޅުމުން އިސް އުފުލާލާފައި ބަލާލިއެވެ.

އަދި ބުންޏެވެ. "އަހަޅެން އަޅުވާލިއަސް ހެވޭ... މިއަދު އަހަޅެން ތޮށްދިން ހެޔޮ ތަމެއްވެސް ތިބޭފުރުންނަށް ނުފެންނާނޭ... ދޫތޮށްލާއިޅަށް ތުލޭނަމޭ... ނުތުލޭންވީ ސަބަބެއްވެސް ނެތެއް ނޫންހޭ... އަހަޅެން ތުލޭން އަންހެނަތު ހޯދާފައި ތަލެއަށް ނޫންހޭ ދެނީ... ދެން މަ ތުލޭނެ އަންހެނަތު ހުންނާނެހޭ... މުރި މާލެއަށް އަހަޅެން ބަދުނާމު ތޮށްފިއޭ... އެހެން ވީމާ ޅަނގަރީވެސް އަޅުވާލިއްޔާއޭ..." މިހެން ބުނުމާއެކު ޝިހާބު ކޯފާއިސްކުރައްވާ ދޮންތުއްތުއަށް ބުނުއްވެވިއެވެ. "ދޮންތުއްތު ލަދު ހަޔާތްވެސް ހަމަ ނެތީހޭ... އަދިވެސް ނުކުރާނަމޭ ވެސް ނުބުނެވުނޭ ނޫންހޭ... " ހަމަ ބުނުމާއެކު ދޮންތުއްތު މުހައްމަދު އަމީނުގެ މޫނުފުޅަށް ބަލާފައި ރުޅިވެރި ރާގަކަށް  "ތުލޭނަމޭ... ތުލޭނަމޭ... ތަލެޔާވެސް ތުލޭނަމޭ..." މިހެން ބުނުމާއެކު ސުވާލު ކުރަން ތިބި ބޭފުޅުންނަށް ވެސް އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ މޫނަށް ބައްލަވާލާފައި ހިނިފުޅުވަޑުވަމުން ނުކުންނެވީއެވެ.

ދޮންތުއްތު އެބުނީ ތެދެކެވެ. އެހާ އޯގާތެރިކޮށް ކަންތައް ކުރުމުންވެސް އެންމެން ކުރިމަތީ ފަޟީހަތް ކުރީމާ ނުކުޅޭނަމޭ ބުނާނީ ކިހިނެއް ހެއްޔެވެ. "ކުޅޭ ނަމޭ... ކަލެޔާވެސް ކުޅޭނަމޭ" އެބުނީ ދޮންތުއްތު އެހެން އެއްޗެއް ކުޅޭ ވާހަކައެވެ. ވެރިކަމާއި ކުޅޭ ވާހަކައެވެ. އެވަގުތު "ކުޅޭ ނަމޭ... ކަލެޔާވެސް ކުޅޭނަމޭ" މި އިބާރާތުން އެބޭފުޅުންނަށް ވިސްނުނީ އެހެން މާނައެކެވެ. އޭގެ ދުވަސްތަކެއް ފަހުން ދޮންތުއްތު ހުވަދޫ އަތޮޅު ފަރެސްމާތޮޑާ އަށް އަރުވާލާފައި ހުއްޓާ މުހައްމަދު އަމީނުގެ ވެރިކަން ބަދަލުކޮށް ހަވަރަށް ދީ އެވެރިކަން ވެސް ނިމިއްޖެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ސދބ


(މިއީ ތުންތުން މަތިން ދެކެވެމުން އައިސްފައިވާ ނަމަވެސް ޙަގީގީ ވާހަކައެވެ. ދިވެހިރައްޔިތުންނަށް އެނގިފައިނުވާ އަދި ޚާއްސަކޮށް "ބޭފުޅުންގެ" މެދުގައި އެކަނި މަޝްހޫރުވެގެން ދިޔަ ސިއްރު ވާހަކަ އެކެވެ. މިވާހަކަ "އެން.ޔޫ.އެން" އަށް ހިއްސާ ކުރެއްވި ފަރާތް ކަމުގައިވާ ސީދިބޭ އުޅުއްވީ އެސްޖެހިގޭގައި މަސައްކަތު މީހަކަށެވެ. ސީދިބެއަކީ ކާގޭގެ ބަނޑޭރިއެވެ. ނަމަވެސް ސީދިބޭ މިހާރު ވަނީ ނިޔާވެފައެވެ.)



Tuesday, October 2, 2012

ޙަޤީޤީ ޙާދިސާ(1) އޭ... ނިންޖާ....



މަގުމަތިން ދިޔަ ކުޑަކުޑަ ފިރިހެން ކުއްޖާ އަހަންނާއި ދިމާލަށް އެނބުރި އެނބުރިފައި ބަލަމުން ދިޔައިރު، އެ ކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުރި އަންހެން މީހާ ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. ފަސް އެނބުރި ބަލަމުން ދާ ވަރަކަށް ކުރިއަށް ފިޔަވަޅު އަޅަން އެކުއްޖާއަށް އުނދަގޫވަމުން ދިޔައެވެ. އެއިން ކޮންމެ ހިނދުކޮޅެއްގައި އެ އަންހެން މީހާ އެ ކުއްޖާގެ އަތަށް ދަމައިގަނެއެވެ. އަދި އަހަންނާ ދިމާލަށް ބަލާލުމަށްފަހު ލޯ އަޅާލައެވެ.
އަހަރެން ދިޔައީ އެ މީހުންގެ ފަހަތުން މަޑުމަޑުން ހިނގާލާފައެވެ. އޮފީސް ނިންމާލާފައި ގެއަށެވެ. ޖެހިގެން ހުރި ގޯޅިއަށް އަޅާލި އިރު ދޮރާއްޓެއް ކައިރީ ޒުވާން އަންހެން ކުއްޖަކު ކުޑަކުއްޖަކު އުރާލައިގެން ހުއްޓެވެ. އޭނާ ހުރީ ކުރު ކުރު ސޯޓެއް ލައިގެންނެވެ. އެ ކުއްޖާ އުރާލައިގެން ހުރި އިރު ބަނޑާއި ދިމާލުން ބޮޑު ބައެއް ހާމައަށް ފެންނަން ހުއްޓެވެ. އެ ތުއްތު ކުއްޖާ ރޮނީއެވެ. ބަލާބެލުމަށް އެއް އަހަރު ފުރިދާނެއެވެ.  އެ ދޮރާއްޓާއި ފަސްވަރަކަށް ފޫޓަށް ކައިރިއަށް ދެވުނު ތަނާ އެ އަންހެން ކުއްޖާ، އުރާލައިގެން ހުރި ތުއްތު ކުއްޖާ އަހަރެން ހުރި ދިމާލަށް އަނބުރާލިއެވެ. އޭރުވެސް އެކުއްޖާގެ ރުއިމެއް ނުހުޓެއެވެ.
އުހުބަލާއެ އޮށްދަނީ ހަންޑިއެއް..”
އެ ދޮރާށި ފަސްދީ ނުވެސް ދެވެނީސް އެ އަންހެންކުއްޖާ ބުނެލިއަޑު އިވުނެވެ.
ރޮންޏާ އެ.. އައިސް ކާލަ ފާނެ
އަހަރެން އެނބުރި ބަލާލީމެވެ. އެ އަންހެން ކުއްޖާ މިހާރު ހުރީ އަހަރެންނާއި ދިމާލަށް އެނބުރިގެންނެވެ. އެ ތުއްތު ކުއްޖާވެސް ރޮމުން އަހަރެން ހުރި ދިމާލަށް މޫނު އަނބުރައިގެން އިނެވެ.އެ ތުއްތު ކުއްޖާއަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ.
މިއީވެސް އަހަރެންގެ ހަޔާތުން ފާއިތުވި ހިނދުކޮޅެކެވެ. ކޮންމެ މީހަކު އަހަރެންނާއި ދިމާލަށް ބަލަނީ ”ހަންޑި” އެއްގެ ނަޒަރުންނެވެ. ކީއްވެ ހެއްޔެވެ. އަހަރެންނަކީވެސް އެހެން އިންސާނުން ފަދައިން މާތް ﷲ ހައްދަވާފައިވާ އަޅެކެވެ. ރީތި މީހުންގެ ތެރޭ އަހަރެންވެސް ހިމެނެއެވެ.
އޭރު އަހަރެން ”ހަންޑި” އަކަށް ނުވީކީއްވެ ހެއްޔެވެ. ގައިމުވެސް އަހަރެންގެ އިސްތަށިގަނޑު ހުންނަނީ ހާވާލާފައެވެ. ތުންފަތުގައި ކުލަ ޖައްސާ، ބޮލުގަވެސް ކުލަޖައްސާފައެވެ. އަޅަނީވެސް ”ނުބައި ޖިންނި”އަޅާ ކަހަލަ ހެދުމެވެ.އެ ދުވަހު އަހަންނާއި ދިމާލަށް އެކަކުވެސް ”ހަންޑިއެކޭ” ނުބުނެއެވެ.
އޮފީހުން ގެއަށް އަދި ގެއިން އޮފީހަށް ދާ ކޮންމެ ހިނދުކޮޅަކީ އަހަރެންގެ ދެލޯ ކަރުނުން ތެންމާލާ ހިނދުކޮޅެކެވެ. އެ ބެލުންތަކާއި، ކިޔާ އެއްޗެހިންނެވެ.
ބްލެކް ވިޑޯ ކައިރީ އަހާލަ ބަލައޭނަ އަށް އެނގޭނެ ތި ފައިލަތައް
އެއީ އަހަރެންނާއި ތަންކޮޅެއް ދުރުގައި އިން، އަންހެން ކުދިންގެ ތެރެއިން އެކެއްގެ އަޑެވެ.
އަހަރެންނަށްވެސް އިސްލާމީ ރީތި ނަމެއް ކިޔާފައިވެއެވެ. އެކިޔާ ނަމުން އަހަންނާ މުޚާތަބްކުރަން އަހަރެން ނޭދެއެވެ. ނަމަވެސް އެ ކަމަށްވެސް ބީރު ކަންފަތެއް ދީގެން އިނީމެވެ.
އޮފީސްގަޑި ނިމުމުން ގެއަށް ދާން ނުކުތީމެވެ. ބައެއް މީހުން އޮފީހުން ބޭރުގައި އުޅެފައި ވަންނަނީއެވެ. އެމީހުންނާއި ދިމާލަށް އަހަރެން ބެލީމެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން މަލާމާތުގެ އަސަރު އަހަންނަށް ފެނުނެވެ. އަދި އެ ފިރިހެން ކުދިން ޚާއްސަކޮށް އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ބެލިކަން އަހަންނަށް ފާހަގަކުރެވުނެވެ. ހިތުގައި ޖެހިފައި ހުރެ ނުކުތީ މާތް ﷲ އަށް ވަކީލުކުރަމުންނެވެ.
ކޮންމެ ދުވަހަކީވެސް ލަދުގަންނަން ޖެހޭ އެހާ ހިތްދަތި ދުވަހަކަށް ވީ އަހަރެންގެ ކޮން ކުށެއް އޮވެގެން ކަމެއް އަހަންނަކަށް ނޭންގެއެވެ.
ހިތްދަތިކަމާއި މަޑުމޮޅިކަމާއި އެކު އަހަރެން ހިނގަމުން ގެއާއި ދިމާލަށް ދިޔައީމެވެ. އާންމުކޮށް އަހަރެން ހިނގާ މަގު ބަންދުކޮށްފައި ހުރުމާއި އެކު ޖެހިގެން އިން ގޯޅިން އަޅާލީމެވެ.
ޒުވާން އުމުރު ފުރައިގެ ފިރިހެން ކުދިންތަކެއް ކަންމަތީގައި ތިއްބެވެ. ފުރަތަމަ އެމަގުން ދާންވެސް އަހަރެން ޖެހިލުންވިއެވެ. ނަމަވެސް އަހަރެން އެ ގޯޅި އެޅިތަން އެމީހުންނަށް ފެނުނުކަން ޔަޤީންވާތީ އަނބުރާ ދާން ބޭނުން ނުވީއެވެ.
އަހަރެން ހިނގަމުން ދިޔައީ އެމީހުން ތިބި ފަރާތްނޫން އަނެއް ފަރާތުންނެވެ.
އޭނނ..ނިންޖާ.ނިންޖާ އެއޮށްދަނީ”
އެކަކު ބާރަށް ހީގެންފައި ބުނެލިއެވެ. އޭގެ ތެރޭގައި އަހަރެން ކުރިން ދަންނަ ބައެއް ކުދިންވެސް ތިއްބެވެ.
އޭ..އެދެން ބެހޭ ކަހަލަ ގޮލައެއްވެސް ނޫނެއްނުމުޅި މީހާ އެހެރީ ފޮތިފޭއްޔެއް އޮޅައިގެންބަލާލަ..އެ އޮށްއަންނަ ސަޅި ބިޓެއް” އެތަނުން އެއްކުޖަކު ބުނެލިއެވެ.
އަހަރެން ހިތްހަމަ ޖެހުނެވެ. ސަބަބަކީ އެކަކު ނަމަވެސް އަހަންނާއި ދިމާކުރަން ބޭނުން ނުވީމައެވެ. ގޯޅިން އަޅާލަމުން އަހަރެން ފަސް އެނބުރި ބަލާލީމެވެ. އޭރު ތަންކޮޅެއް ފަހަތުން ޖީންސްއަކާއި ހުދު ޓޮޕެއް ލައިގެން ހުރި އަންހެން ކުއްޖަކު އާދެއެވެ.
މާޒީ ހަނދާނަށް އައެވެ.
ގަޔަށް ބާރު ހުދުކުލައިގެ ކުރު ޓޮޕްކޮޅަކާއި އެކު ޖިންސްއެއް ލައިގެން އަހަރެން ބޭރަށް ނުކުތީ  ގެކައިރީ ފިހާރައަށް ދިޔުމަށެވެ. ގެއިން ނުކުތް އިރުވެސް ގޯޅިގަނޑުގައި އެ ހިސާބުގަނޑު ޒުވާނުން އެއްވެފައި ވެއެވެ. އެމީހުންގެ ކަމަކީ އެތަނުން ދާހާ ބަޔަކާއި ބެހި ސަކަރާތްޖެހުމެވެ. އެތަނުގައި އަހަރެންގެ ހިތް އެދޭ ކަހަލަ ކުއްޖެއް ހުރުމާއި އެކު ގިނަ ގިނަ އިން ފިހާރައަށް ދިޔުމަށް އަހަރެން ގެއިން ނުކުންނަމެވެ. އެމީހުންނަށް ފަރި ދެއްކުމަށް އިސްތަށިގަނޑު ނިއުލާޅައިގެން ކިތަންމެ ހޫނު ގަދައަސް އަހަރެން ދަމެވެ. އެމީހުން ދިމާކުރާ ވަރަކަށް އަހަރެންގެ ހިނގުން އަބުއި ކުރަމުންނެވެ.
އެ ދުވަހު އެމީހުންގެ ހިތް ހަމަ ޖައްސަދިނީ ހެދުން ލައިގެން ” ހެދުން ނުލާ” ހުރި މީހެއް ފަދައިންނެވެ.
ނަމަވެސް މިއަދު އަހަރެންނަށް ހެޔޮވިސްނުން ދެއްވީތީ މާތް ﷲ އަށް ޙަމްދުކުރަމެވެ. އިސްލާމީ ރިވެތި ޙިޖާބަކުން ޙިޖާބުއެޅީމެވެ. އެމީހުން އަހަންނާއި ދިމާކުރިއެވެ. ނަމަވެސް ފަހުން އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ސަބަބަކީ އަހަރެންގެ ޙިޖާބް އަހަރެން ރައްކާކޮށްދިނީތީއެވެ. އެމީހުންގެ ނަޒަރުންނެވެ. ނުދަންނަ ފިރިހެނުންގެ ބެލުންތަކުންނެވެ. ނުރައްކާތެރި ދޫތަކުންނެވެ. އެހެން މީހުން މަގުފުރެދުމުން އަހަރެންނާއި އެމީހުން ސަލާމަތްކޮށްދިނީ އަހަރެން އެންމެ އިޚްތިރާމްކުރާ އަހަރެންގެ ޙިޖާބެވެ.
މި ދުނިޔެއިން އަހަރެންނާއި އަހަރެންގެ ޙިޖާބަށް ބަދު ބަސްބުނެ، ނަފްރަތުކުރާބަޔަކު ތިއްބަސް އާޚިރަތުގައި އަހަރެން ޖަވާބުދޭންޖެހޭކަން އަހަރެންނަށް ވިސްނުނުކަމީ އަހަރެންގެ ނަސީބެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ކޑޒ

Saturday, September 29, 2012

"ހައު އާ ޔޫ މަ ޑިޔާ..."



ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކެވެ. އޮޅުވެލިފުށީގެ ގިނަ މީހުންނަށް ލަގަބުފުޅެއްގެ ގޮތުގައި ދެވިފައިވާ ނަމަކީ 'މަޑި' އެވެ. ސަބަބަކީ ކުރީ ޒަމާނުގައި މަސްވެރިކަން ދަށްވެފައި މަސް ލިބުން ދަތި ކަމުން އެމީހުން ހިފައިގެން ކައި އުޅެނީ މަޑި އެވެ. މަޑީގެ މަހަކީ މީރުމަހެކެވެ. އަދި މަޑީގެ ހަމުން ބެރުފަދަ ތަކެތި އެޅުމަށް ބޭނުން ކުރެއެވެ. ޅ. އަތޮޅު އޮޅުވެލިފުށީގެ ގިނަ ބަޔަކަށް ފަތުރުވެރިކަމުން ލިބޭ ނަފާ ބޮޑުކަމަށް ފެނުނު ހިނދު ރަށް ދޫކޮށް މާލެ އަތޮޅުގެ ގިނަ ރިސޯޓްތަކަށް ވަޒީފާ ބަދަލު ކުރިއެވެ. އޭރު އެންމެ މުސާރަ ރަނގަޅު ރިސޯޓަކީ ވިހަމަނާފުށި ނުވަތަ ކުރުނބާ ވިލެޖް ރިސޯޓެވެ.

އޮޅުވެލިފުށީގެ ޒުވާނެއް ކަމުގައިވާ ހަސަނަކީ އެރަށުގެ އެހެން ޒުވާނުންނާ ތަފާތު މީހެކެވެ. އަބަދުވެސް އުފެއްދުންތެރި މަސައްކަތެއް ކުރުމުގައި އުޅޭ މީހެކެވެ. ރަށުގެ ގްރޭޑް ހަތަރަކުން ޑިގްރީ ނިމި އެންމެ ފަހުން ދިރިއުޅުމުގެ މައިދާނަށް ނިކުމެ ފައި ހަރުކޮށްލީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އޭގެ ކުރީގައި ހަސަނު ރަށުގައި ކުރާ މަސައްކަތަކީ މަޑި ހިފައިގެން މަޑީމަސް ވިއްކުމެވެ. މިކަމުގެ ސަބަބުންނާއި ރަށުގައި ހަސަނު ކިޔާ މީހުން ގިނަ ކަމުން އޭނާގެ ވަނަމަކަށް ދެވިފައިވާ ނަމަކީ "މަޑި ހިފާ ހަސަނު" މިނަމެވެ. ކުރުކޮށް ކިޔާލުމަށް ކިޔަނީ މަޑި ހަސަނެވެ. ހަސަނު ރުޅި އެރުވުމަށް އެފުރައިގެ އެހެން ކުދިން ކިޔައި އުޅެނީ "މަޑިޔާ" އެވެ. ކުރުނބާ ވިލެޖުން ވަޒީފާ ލިބުމުން މާލެ ދިޔައިރު ފަތުރުވެރިންނަށް ވިއްކުމަށް އެކި ކަހަލަ ސުވެނިއަރސް ހަދައިގެން ގެންދިޔައެވެ. ލަކުޑިން ކުދި ދޯންޏާއި ވެލާ ފަދަ ތަކެތި ހަސަނު ހެދީ އިތުރު އާމްދަނީއެއް ހޯދުމަށް ފަތުރުވެރިންނަށް ވިއްކުމަށެވެ. ވޭޓަރެއްގެ ވަޒީފާ އަދާކުރަމުން ލިބޭ ހުސްވަގުތުގައި ކުދި ކުދި ލަކުޑި ކޮޅުކޮޅުން އަތްތެރި މަސައްކަތް ކުރަނީ ރޭގަނޑުއެވެ. ހަސަނަކީ މީހުންނާ އެހާ ގުޅޭ މަޖާކޮށް ސަކަރާތް ޖަހާ މީހަކަށް ނުވާތީ އަބަދުވެސް ހުންނާނީ ތުން ދަމާފައެވެ. ބުނަން ބޭނުންވާ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް ނުބުނާއެވެ.

ވޭޓަރަކަށް އުޅޭ އިރު ފަތުރުވެރިންގެ އަތުން މަދުމަދުން ޑޮލަރު ވެސް ލިބެއެވެ. އަދި ގުޅުން ބަދަހިކޮށް އެމީހުންނަށް ހަސަނު ހަދާ ތަނުން ސުވެނިއަރސް ވިއްކައެވެ. އަދި އެމީހުންނާއެކު ހަސަނު ފޮޓޯވެސް ނަގާކަމަށް ވެއެވެ. ދުވަސްކޮޅެއް ފަހުން އެރިސޯޓަށް އައީ ހަސަނުގެ ރަށުގެ ކުއްޖެކެވެ. ހަމަ ވޭޓަރެއްގެ ވަޒީފާ އަށެވެ. ހަސަނުގެ ހިތުގައި މި އަލަށް އައި އިބްރާހިމްގެ މައްޗަށް ނަފުރަތު އުފެދުނީ އިބްރާހިމަކީ މީހުންނާއި ގުޅޭ އަވަހަށް މީހުންނާއި ރަހުމަތްތެރިކަން އުފައްދާ މަޖާ މީހަކަށް ވެފައި އެހެން މީހުން ގާތުގައި ހަސަނަށް ރަށު މީހުން ކިޔައި އުޅޭ ވަނަން ބުނުމުންނެވެ. ދުވަސްތައް ފާއިތު ވަމުން ދެއެވެ. އިބްރާހިމްގެ ރަނގަޅު އަޚްލާގްގެ ސަބަބުންނާއި ފަރުވާތެރިވުމުގެ ސަބަބުން ރެސްޓޯރަންޓްގެ ހެޑް ވެއިޓަރަށް ބަދަލުކޮށްފިއެވެ.

އާދައިގެ މަތިން ހަސަނު ހަދާ ތަފާތު ސާމާނު ގެސްޓުންނަށް ވިއްކަމުން ދެއެވެ. އެއްދުވަހަކު އަލަށް އައި ފްރާންސްގެ ދެމަފިރިއަކަށް ހަސަނު ކުޑަ ކުޑަ ދޯންޏެއް ވިއްކިއެވެ. އަދި ފުރަން ވުމުން އެހެން ދޯންޏެއް ގަންނާނަމޭ ބުނެ އެ ފްރާންސް މީހާ، ހަސަނަށް އިތުރަށް ޑޮލަރުވެސް ދިނެވެ. އޭގެ ފަސްވަރަކަށް ދުވަސް ފަހެވެ. ހަސަނު އައީ މެންދުރުގެ ކެއުމަށް ރެސްޓޯރަންޓްގެ ބުފޭ ރީތި ކުރުމަށެވެ. ރެސްޓޯރަންޓާއި އަރާ ހަމަވި ތަނާ ކުރީ ދުވަހު ހަސަނު އަތުން ކުޑަ ކުޑަ ދޯންޏެއް ގެން، ފްރާންސް މީހާ ހަސަނަށް ގޮވަމުން އެބަ އާދެއެވެ. އެމީހާއަށް ހަސަނަށް ކިޔާ ނަމެއް ނޭންގޭތީ މި ގޮވަނީ ހަސަނު އެންމެ ރުޅި އަންނަ ނަމުންނެވެ. އެމީހާ ގޮވާއަޑު އިވިގެން ހަސަނު މަޑުކޮށްލިއެވެ. ކައިރިއަށް އަންނަ ވަރަކަށް އެމީހާ އެގޮވަމުން އަންނަ އެއްޗެއް ސާފު ވާން ފަަށައިފިއެވެ. އަދި އެއީ މި އުޅޭ އިބްރާހިމްގެ ކަންތައްކަން އެނގި ވަރަށް ރުޅި ގަދަ ވެއްޖެއެވެ. ހަސަނަކީ މާ ބޮޑަށް އިނގިރޭސި އެނގޭ މީހަކަށް ނުވާތީ، ފްރާންސް މީހާ އޭނާ އާއި އަރާ ހަމަވުމުން ބުންޏެވެ.

ހަސަނު؛ "ވައި ޔޫ އާރ ކޯލިން މީ އޭތި..؟"
ފްރާންސް މީހާއަށް ހަސަނު މިކިޔަނީ ކީކޭ ކަމެއް ނޭނގުނެވެ. އަދި ރުޅިގަދަވެގެން ހުރެ ބުންޏެވެ.
ފްރާންސް މީހާ: " ވަޓް އޭތި އައި ކޯލްޑް.."
ހަސަނު: "ބިފޯ ޔޫ ކަމިން މަށާއި ދިމާއަށް ވަޓް ޔޫ ގޮވަމުން އައީ.."
ފްރާސްމީހާ: "ހޭ މަ ޑިޔާ، އައި ޖަސް ވޯންނަ އާސްކް ޔޫ އެބައުޓް ދެޓް.. އައި ވޯންނަ މޯރ ޑޯނި ޓު ބައި..."

ފްރާންސް މީހާއަށް މިހިސާބަށް ނުބުނެވެނީސް، ހަސަނު ގާތަށް އައި ރުޅީގައި ދެފަހަރަކު އޮލަ އެއްޗެއް ފްރާންސް މީހާއަށް ބޯންދީފިއެވެ. ރެސްޓޯރަންޓް ކައިރި މާއަޑު ގަދަ ވެގެން އޭރު އެހިސާބާ ހަސަނުމެންގެ ރަށު އިބްރާހީމް އަރާ ހަމަވެއްޖެއެވެ.

ހަަސަނު: "ފަ* ޔޫ... ސަނަފަ ބިޗް.. ޔޫ ނުޖެހޭދޯ ޓްކޯލް މީ މަޑިއާއޭ... ކަލޭ އަމާ ފު* ކިޔާބަލަ..."

އިބްރާހީމާއި ދިމާއަށް ލޯ އަޅާލަމުން މިހެން ބުނެ ހަސަނު ވަނީ ރެސްޓޯރަންޓް ތެރެއަށެވެ. މި މަންޒަރު އެންމެ ކައިރިން ފެނުނު އިބްރާހީމަށް ހުރެވުނީ ހުއްޓުން އަރާފަ އެވެ. ކުރާނީ ކީއް ހެއްޔެވެ. ހަސަނު އެ ހީކުރާގޮތުން ފްރާންސް މީހާވެސް، އޭނަގެ ވަނަމަށް އެރީއެވެ. ހަޤީޤަތުގައި އޭނަ އެބުނީ "ހެލޯ މައި ޑިއާ.." އެވެ. ޕްރަނައުންސް ކުރުމުގައި މަ ޑިއާ "My Dear" އާއި، ވޯންނަ "Wanna" ގެ އަޑު އިވޭގޮތް ތަންދޮރު ރޯ ނުފިލާ ތިބޭ މީހުންނަށް ނޭގެނީއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝއރ

Friday, September 28, 2012

ގިރާވަރު މޫސާކަލޭފާނަށް އޮޅުވާލި ފަންޑިތަ... (2)


ސެޕްޓެމްބަރ 22 އާއި ގުޅޭ....
އެހެންވީމާ އަވަހަށް މިކަންތައް ކުރެވޭތޯ މޫސާކަލޭފާނު ވާނީ ބަލާށެވެ. ނަމަވެސް އަހަރެން ނެތީސް މިގެއަށް މޫސާކަލޭފާނު ނުވަންނައްޗެވެ. އަހަރެން ނެތިއްޔާ ގެޔަށް ނުވަދެ ބޭރުގައި ތިހިރެ ފަތްޖެހި އެނދުގައި މަޑުކުރާށެވެ. ނަމަ ނަމަ ގެއަށް ނުވަންނައްޗެވެ. އަހަރެން ގޭގައި އުޅެންޏާ ތިޔަހަރަ ފެންނަ ފާނޫޒު ހުންނާނީ އަލި މަޑުކޮށްފައެވެ. މޫސާކަލޭފާނު، ރަހްމަތްތެރިޔާ އާއިއެކު ހެނދުނު ހެނދުނާ ބޯކެޔޮ ފަލަކަށް ގޮސް ކަށިމާގަނޑެއް އިންތަން ފާހަގަ ކޮށް، ބެރެބެދިގަހެއް ހޯދާ، އުނިމާ ލިބޭނެ ގޮތް ތަނަވަސްކޮށް ދެންވެސް ވާންޖެހޭ އިތުރު ތައްޔާރީތައް ވެއްޖެއެވެ.

މަޣްރިބް ނަމާދަށް ބަންގި ދިނުމާއެކު، ކަށިމާގަނޑު އުފުރައިގެން ހަރުކޮށް ހިނގާފައި ގެއަށް އައިސް، ބޭރު ފުޅަށް ގަނޑު ކައިރީ ބަނދެފައި އިން  ހާ ކަތިލައި އޭގެ ލޭ ބޮޑު ލޯގަނޑަކަށް ނަގައި، މޭގަނޑު ނަގައި ދެން ހުރިތަކެތިވެސް ހަމަކޮށް ނިމި ހިންދެމިލައި ވުޟޫ ކޮށްނުލެވެނީސް ޢިޝާނަމާދަށް ބަންގި ދީފިއެވެ. ނަމާދުކޮށް ނިމިގެން ތަކެތި ހިފައިގެން ދިޔައިރު ބެއްޔާ އަދި ގެޔަކަށް ނާދެއެވެ. ބެއްޔާ ނާންނާތީ ތަކެތި އެގޭ ބޮޑު އަށީ މަތީގައި ބަހައްޓާ އެގޭ ފެންޑާގައި ހުރި އުނދޯލީގައި އިށީންދެ ދެފަރާތަށް ހެއްލައިލި ތަނާ، ކަޅު ކަޅު، ދިގު ދިގު މީހެއް އެގޭ ދޮރުމައްޗަށް އަރައި ހުއްޓިއްޖެއެވެ.އަދި މޫސާކަލޭފާނާއި ދިމާއަށް ބިރުވެރި ފާޑަކަށް ބަލަހައްޓައިގެން ހުރެފައި، އަނގައިން ފާޑެއްގެ ވައްތަރެއް ޖައްސަން ފަށައިފިއެވެ. ދެލޯ އިނީ އަނގުރު އަލިފާން ގަނޑެއްހެންނެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ރުޅި އައިސްފާ ހުރި ހެންނެވެ. މި މީހަކު މިކުރާ ކަމެއް ބަލަހައްޓައިގެން އިންދާ ފަހަތުން ވަރަށް ބާރަށް ދެބުޅާ ކޯޅޭ އަޑު އިވިގެން ސިއްސައިގެން ގޮސް ފަހަތް ބަލައިލިއިރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ދެން އެކުޑަ ހިނދުކޮޅަށް ފަހު އެނބުރި ދޮރުމައްޗަށް ބަލާލިއިރު ކުރީން އެފެނުނު ކަޅު މީހާއެއްވެސް ނެތެވެ.

މިހިނގައިދިޔަ ކަންތަކާ  މޫސާކަލޭފާނު ބިރުން ހީވަނީ ރޯމަހެއް ތެޅޭ ހެންނެވެ. ބޭރަށްވެސް ނިކުންނާކަށް ނުކެރުނެވެ. ކުއްލިއަކަށް ހަނދާންވީ ބެއްޔާ ބުނި ތަންކޮޅެވެ. ބެއްޔާ "ގޭގައި ނެތީސް ގޭތެރެއަށް ނުވަންނާށޭ" ބުނީ ކީއްވެގެންބާއެވެ... މިޚިޔާލުތަކާއި ފިކުރުތައް އެނބުރެމުން ދާވަރަކަށް މޫސާކަލޭފާނު، ދާހިއްލާ ފޯވަމުން ދެއެވެ. މިހެން އުނދޯލީގައި ގަނޑުވެފައި އިންދާ ބެއްޔާ ގޭ ދޮރުމައްޗަށް އަރާ ކަރުކެހިލައިފާ، ވަރަށް ހިތާ ނުވާގޮތަކަށް ބުންޏެވެ. އެންމެ ފުރަތަމަވެސް ކިޔަމަންތެރިކަމެއް، މޫސާކަލޭފާނުގެ ކިބައިން މަށަށް ވާ ނުފެނުންތާއެވެ...

މިހެން ބުނެފައި އެތެރެއަށް ވަދެ އެކުރި ކަމެއް ކޮށްގެން ނިކުތް އިރު އަތުގައި ކުޑަ ވަރެއްގެ  ފާނޫޒަކާއި، ބޮޑު ފޮތެއް އޮތެވެ. އެންމެ ފުރަތަމަ، ހާލުގެ ލޭ ކަށިމަލުގައި ހާކާފައި އަޒީމަތަކެއް ކިޔަވަ ކިޔަވާފައި މަލަށް ފުމުނީއެވެ. ދެން އެހެން ތަކެއްޗަށް އެފޮތް ބަލައިގެން އިނދެ ކިޔަވަ ކިޔަވާ ފުމެފައި، ބެރެބެދި ދަނޑިކޮޅުގައި އެއްޗެއް ކުރަހައި (ބަލާބެލުމަށް އެއީ އަންހެނެއްގެ ސޫރަ) ، އެ ކުރެހުން ވަށައިގެން ލިޔެފައި އަދި އަދި އެދަނޑިކޮޅުގެ ވަށަވަށައިގެން ފުމެ ހަދައިފާ މޫސާކަލޭފާނު ކުރެން އަހައިފިއެވެ. ހައްވާނިކެ މިތަނަށް ގެންނަންހޭ ނޫނީ، ހައްވާނިކެގެ އަޑު މޫސާކަލޭފާނަށް އިއްވަންހޭ.. ބޭނުމީ ކޮންގޮތެއް ހެއްޔެވެ. ގޭތެރޭ އުނދޯލީގައި އިންއިރު ކަންތައް ހިނގައިދިޔަ ބިރުވެރިގޮތުން، މޫސާކަލޭފާނާ މިފަދައިން ބެއްޔާ  ސުވާލުކުރުމުންވެސް، ބުނާނެ އެއްޗެއް ނޭނގިފައި، އަރަތްބަކު ރާބޮއިފަ އިންހެން ، ގަނޑުވެފައި އިނދެވުނީއެވެ.

އެންމެ ރަނގަޅެވެ. ބެއްޔާ ބޭނުން ގޮތަކަށް ކުރިއަށް ގެންދާށެވެ. ބިރުން ތުރު ތުރު އަޅާ އަަޑަކުން މޫސާކަލޭފާނު ބުންޏެވެ. އިރުކޮޅަކުން މުޅި ގޭތެރެއަށް ވަރުގަދަ ތޫފާނެއްގައި ވައިޖެހޭ ފަދައިން ވައި ރޯޅިއެއް ވަދެ ދިއްލާފައި ހުރި ފާނޫޒުވެސް ނިވިއްޖެއެވެ. މިހާރު ހުރި ހަމައެކަނި އަލި ކަމަކީ، މެދު ގޭ ތެރޭގައި ދިއްލާފައި ހުރި ބައްތިއެއްގެ އަލި އެކަންޏެވެ. ވައިގަނޑު މަޑުވުމާއެކު މީހަކު (ހައްވާނިކެގެ އަޑުން) ރޯންފަށައިފިއެވެ. މޫސާކަލޭފާނޭވޭ.. އަހަރެން މިހުރީ ގަބޫލުގައި އުޅެހެރޭ... އަހަރެންނަށް މާފުކުރަހަރޭ... ގައިން މިހިރަ ނަގާ ދިލައެކޭ... މަގޭ ހުރިހާ ދޮރަކުން މިހިރަ ލޭ އަންނަނީއޭ... އާދޭހޭ މިކުރީ އަހަރެން މިހުރީ އެކީގައި އަނތްބެއްފަދައިން އުޅޭށޭ... މިހެން ކިޔައި މީހަކު ހޭރޭން ފަށައިފިއެވެ. ދެން ބެއްޔާ މޫސާކަލޭފާނާއި ދިމާއަށް އެނބުރިލާފައި އޭ މޫސާކަލޭފާނުވޭ... އަންހެނުން އެހުރީ އެކީގައި އުލޭން ނޫންހޭ... އޭނާ މިކަމާ ދެކޮޅުވެއްޖެއްޔާ، އޭނާ ގެ ދުވަސް ދާނީއޭ... ދެން މިހާ ހިސާބުން މިކަން މި ނިމުނީ ނޫންހޭ.... ބުނެ ހީނލާފާ އަތުގެ އިޝާރާތުން ދެން ދިޔަޔަސް އެންމެ ރަނގަޅޭ ބުންޏެވެ.


=+ ނުނިމޭ += (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Wednesday, September 26, 2012

ހުރިހާ އަންހެން މުވައްޒަފުންގެ މޭމަތި، މެޝިންގައި ހާކައިފާ ވަދެވޭގޮތް ހަދަންވީއެވެ.



ރާއްޖޭގެ ދެކުނުގެ އަތޮޅެކެވެ. އާބާދީ ބޮޑު ރަށެކެވެ. ރަށުގެ ކޯޓްގައި ކުރީގައި ބޭނުން ކުރަމުން ދިޔަ ސޮއިކުރާ ފޮތް އުވާލާ ފިންގަރޕްރިންޓް އަދި ކާޑް ޖަހައިގެން ހާޒިރީ ބެލެހެއްޓުމަށް ނިންމީ، އެކި މުވައްޒަފުން އެކިގަޑީގައި އޮފީހަށް އަައުން ގިނަވުމާއި، ހުސްވަގުތަށާއި ޒަރޫރީ ބޭނުންތަކަށް ބޭރަށް ގޮސް، ވީ ނުވީ ތަނެއް ނޭނގި ބޭރުގައި އުޅޭލެއް ގިނަކަމުން، އޮފީހުގެ މަސައްކަތަށް ބުރޫ އަރަމުން ދާތީއެވެ. ހުސްވަގުތަށް ބޭރަށް ނުދާ މުވައްޒަފުން، އަބަދު ބޭރުގައި އުޅޭ މުވައްޒަފުންގެ ޝަކުވާ އުފުލާ، އޮފީސް ތެރޭގައި އޮންނަންވާ އެއްބައިވަންތަކަން ގެއްލި ފިތުނަ ފަސާދަ އުފެދި، އަލިފާނުގެ ހުޅުގަނޑު ދެންވާ ފަޅައިގެން ހިނގައިދާނެހެން ހީވީމައެވެ. ފިންގަރޕްރިންޓް މެޝިން އެމީހުންނަށް ވީ އައު އެއްޗަކަށެވެ. ފިންގަރ ޕްރިންޓްގެ އިތުރުން މި މެޝިނުން ކާޑްވެސް ޤަބޫލުކުރެއެވެ. މުވައްޒަފުންނަށް އޮޅުން އަރާގޮތް ވެދާނެތީ، ވަންނަ ދޮރުމަތީ " IN " މެޝިނަކާއި ނިކުންނަ ދޮރުމަތީ " OUT " މެޝިނެއް ބަހައްޓާފައި ހުރެއެވެ. ކޮންމެ މުވައްޒަފަކުވެސް ބޭރަށް ދަމުން " OUT " މެޝިނަށް ކާޑް ދިއްކުރާ ފަދައިން، އޮފީހަށް އައިސް " IN " މެޝިނަށް ކާޑް ޖަހަމުން ދެއެވެ. ކާޑް ގަބޫލުކުރުމުގެ ގޮތުން މެޝިނުން "THANK YOU" ބުނެއެވެ.  

ކޯޓަށް އަލަށް ވެއްދި ޒައިނާ އަކީ މީހުންގެ ލޯތަކުގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ އިސްކޮޅުން ކުރު ނަމަވެސް ރީތި އަންހެން ކުއްޖެކެވެ. ޒައިނާ އަކީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އެކެވެ. ޒައިނާއަށް ވެސް އޮފީސް ކާޑެއް ދީފައި އޮވެއެވެ. ވިއްސާރަ ދުވަހެކެވެ. ޒައިނާ އައީ ފިހާރައަކުން ހެނދުނު ސައިބޯނެ އެއްޗެއް ގަނެގެން އޮފީހަށެވެ. ކާޑް ޖަހާ މެޝިނާ އަރާ ހަމަވިތަނާ ރައްޓެއްސަކު ގުޅައިފިއެވެ. އެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަމުން، އަނެއް އަތުން ކާޑާއި ހެދިކާ ކޮތަޅެއް ހިފައިގެން ހުރުމުން ފޯނު ޖީބަށް ނުލެވިގެން، ބޮލާއި ކޮނޑާއި ދެމެދު ފޯނު ފިއްތާލާ އެންމެ ފަހުން ކާޑު ލެވުނީ ލައިގެން ހުރި ބާރު ގަމީހުގެ ޖީބަށެވެ. މި ސަކަރާތެއްގައި އުޅެނިކޮށް ހަދާލެވުން ގޮތަކުން މެސިނުން ކާޑް ގަބޫލުކޮށް  "THANK YOU" ބުނެފިއެވެ. ޒައިނާ އަށް ވިސްނުނީ މީގެ ފަހުން ކާޑް ޖީބަށް ލައިގެން އައިސް މޭމަތި މެޝިނާ ކައިރި ކޮށްލިއަސް ކާޑް އިނިއްޔާ ކާޑް ގަބޫލުކުރާނެކަމެވެ. ޒައިނާ އެއް، އޭގެ ފަހުން، ދުވަހަކުވެސް ކާޑެއް މެޝިނުގައި ނުޖައްސައެވެ. މެޝިން ބަހައްޓާފައި ހުންނަނީ ހަތަރު ވަރަަކަށް ފޫޓް އުހުގައި ކަމުން، މެޝިނާއި ޒައިނާގެ މެޔާއި އަރާ ހަމަހަމައެވެ. ވީމާ ކާޑް ޖެހުމުގައި އެންމެ ފަސޭހައީ ޒައިނާ އަށެވެ. ކޮންމެ ފަހަރަކު މެޝިނަށް ޒައިނާގެ  އެ އަސަރުގަދަ މޭގަނޑު ދައްކާލަނީ އެވެ. މެޝިންވެސް ވާ އަރާމަކުން "THANK YOU" އޭ ބުނެލައެވެ.

މިހެން ކަންތައް ވަމުން ދަނިކޮށް، އެއްދުވަހު އޮފީހުގައި އުޅޭ ދެބައި އުމުރުގެ ޝާހިޔާ އަށް، ޒައިނާ މިކުރާ ކަމެއް ފެނިއްޖެ އެވެ. ދެން ޖެހިގެން އައި ދުވަހުވެސް ޒައިނާ ހަދާ އެއްޗެއް ނިކަން ސިއްރުން ބަލައިފިއެވެ. މިދުވަހު ޒައިނާ ލައިގެން ހުރި ގަމީހުގައި ޖީބެއް ނެތުމުން، ޒައިނާގެ ކާޑް އިނީ ޒައިނާގެ ބުރާގެ އެތެރެއަށް ލާފައެވެ. ބުރާގެ ދަށުގައި ކާޑެއް އިން ކަމެއް ޝާހިޔާ އަކަށް ނޭނގެއެވެ. ޝާހިޔާ ހީކުރީ، ކޯޓްގެ އައިޓީ ޔުނިޓްގައި އުޅޭ ފިރިހެން ކުއްޖާ އާއި ޒައިނާ އާއި އޮންނަ ގުޅުމަކުން، ކާޑް ނުޖަހައި ހަމައެކަނި ޒައިނާގެ މޭމަތި މެޝިންގައި ހާކާލައިގެން އޮފީހަށް ވަދެވޭގޮތަށް ޒައިނާއަށް ޚާއްސަ އިނާޔަތެއް ދިނީ ކަމަށެވެ. ޒައިނާގެ ރީތި ކަމާއި އެއްވަރަށް، ފިރިހެނުން ލަންބުވާލާ އެއްސިފަ އަކީ ޒައިނާގެ ވަނާތަކެވެ. ޝާހިޔާ އަކީ ވެސް ޒައިނާ ފަދައިން އިސްކޮޅުން އެހާ ދިގު މީހެއް ނޫނެވެ. ބަލާބެލުމަށް ޝާހިޔާ ދެތިން އިންޗި ދިގު ކަމަށް ފެނުނަސް ހީވަނީ އިސްކޮޅު އެއްވަރު ހެންނެވެ. ޝާހިޔާ އަކީ ފިތުނަ އުފެއްދުމާއި ދެބަ އޮޑުވުމުގައި ޖަވާހިރެއް ފަދަ، "ކޮންނަބޯޓެއް" ކަހަލަ މީހުން ކުރާކަމެއްގެ އަޑި ހޯދަން މަސައްކަތް ކުރާ މީހެކެވެ. އަދި ޒައިނާ އަށް ގޮވާލާފާ ބުންޏެވެ.

ޝާހިޔާ: މަންޖޭ... މަންޖެއަށް އެކަނި ލިބެންވީ ހައްގެއް ނޫން ތިއީ އަކީ... މަންޖެ ހަމަ މޭމަތި ހާކާލާފަ ތިޔަ އޮފީހަށް ވަންނަނީ... އެއުޅޭ ކޮމްޕިއުޓަރ ހަދާ ސޮރު މަންޖެ އަށް ކޮށް ނުދޭނީ ކޮން ކަމެއް...
ޒައިނާ އަށް ޝާހިޔާ މިކިޔާ އެއްޗެއް އޮޅުން ފިލާގޮތް ނުވެގެން އުޅެނިކޮށް ފޯނެއް އައިސްގެން ފަހުން.. ފަހުންނޭ ކިޔާފާ ޒައިނާ ދިޔައީ އެތެރެއަށެވެ.

ޒައިނާ ދިޔުމުން ޝާހިޔާ އޭނާގެ މޭމަތި މެޝިން ގައި އެކި ގޮތް ގޮތަށް ހާކައިފިއެވެ. ވީކަމެއް ހަރާމެވެ. އެންމެ ފަހުން ޝާހިޔާގެ ދެ އުރަމަތި ހެދުން މަތިން ނެރެގެންވެސް މެޝިންގައި ހާކައިފިއެވެ. ވަކި ބަޔަކަށް ވަކި ގޮތެއް އޮވެގެން ނުވާނެތާއެވެ. ޝާހިޔާ މިކަމާ އަރައިގަތް ރުޅީގައި ކޯޓުގެ އެންމެ އިސްވެރިޔާގެ އަރިހަށް ޝަކުވާ އާއިގެން ދިޔައެވެ. މައްސަލަ ހައްލުކުރުމަށް ކޯޓުގެ އައިޓީ މުވައްޒަފާއި ޒައިނާވެސް ގެނެސްފިއެވެ. ޝާހިޔާ ގެ ޝަކުވާ ވަގުތުން ބަންޑުން ކޮށްލިއެވެ.

ޝާހިޔާ: އަޅުގަނޑަކީ ވެސް މިތާނގެ މުވައްޒަފެއް... ޒައިނާ ވަންތާ އަދި އަހަރުވެސް ވީ އަކީ ނޫން... އޭނާ އަށް އެހުރީ މާ މަތީ އިނާޔަތެއް ދީފަ...

އައި.ޓީ މުވައްޒަފު: ކޮން އިނާޔަތެއް ތޯ...؟ އަޅުގަނޑު އޭނަ އާ ވާހަކަ ދައްކަނީ އޭނަ އަކީ އަޅުގަނޑުގެ ކޮއްކޮގެ ކްލާސްމޭޓަކަށް ވާތީ... އެހެން އެއްވެސް ގުޅުމެއް ނޯންނާނެ...

އައިޓީ މުވައްޒަފުގެ ވާހަކަ އިން ޒައިނާއަށް ދީފައިވާ އިނާޔަތެއް ދޭހައެއް ނުވިއެވެ. އައި.ޓީ މުވައްޒަފު ދެނަހުރިކަމަށް ނުހެދުމުން، ޝާހިޔާ ރުޅި ގަދަވެގެން އެންމެ ފަހުން ބުންޏެވެ.

ޝާހިޔާ: މި ދޭތީގެ (ދެ އުރަމައްޗަށް އިޝާރާތް ކުރަމުން) ބޭނުން މަވެސް ހިފަން ބޭނުން... ވަކި ޒައިނާއަށް އެކަންޏެއް ނޫން އުރަމަތި މެޝިންގައި ހާކައިފާ ކޯޓަށް ވަދެވޭގޮތް ހަދަން ވީ އަކީ... މަގޭ އުރަމަތީގައިވެސް އޭގެ އެއްޗެއް ހަރުކޮށްދީ... މި ކޯޓްގެ ހުރިހާ އަންހެން މުވައްޒަފުންގެ ވެސް ތި އެއްޗެއް ހަރުކޮށްދީ... މީ އަޅުގަނޑުގެ އެދުމަކީ...

ޒައިނާ އަށް ވެގެން މި އުޅޭގޮތްް އަދި ކިރިޔާ މި ރޯފިލީއެވެ. ޝާހިޔާ އެދުވަހު މެޝިން ކައިރިން ފެނިގެން އެދެއްކީ އެވާހަކަ ތާއެވެ. މީ ދެން ފުކެއް ބޮޑުވަރެއް ނޫންހެއްޔެވެ. ވާނުވާ ނުބަލައި މިކަހަލަ ކަންތައް ކުރަންވެސް ހެޔޮނުވާނެތާއެވެ. ޝާހިޔާ އަށް ނޭނގި ދެއްކުނު ހުތުރު ވާހަކައިން ލަދު ގަތީ ޝާހިޔާ އެކަންޏެއް ނޫނެވެ. ޒައިނާވެސް ލަދުގަތެވެ. ލަދުގެން ވަރަށް ވުރެވެސް އެވަގުތު ބަނޑަށް ތަދުވަންދެން ހެވުން ނޫންކަމެއް ޒައިނާއަކަށް ވެސް ނުކުރެވުނެވެ. އެންމެ ފަހުން ޝާހިޔާ އާއި ވަކިން ބައްދަލުކޮށް، ހުރިހާ ވާހަކައެއް "ބުރުދާ ގައިމުވަންދެން" ޒައިނާ ކިޔައިދިނީއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޒހރ


(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ.. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަޞްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

Monday, September 24, 2012

މޫދަށް ވެއްޓުން ތަނުގައި ޖެހި ފާހަގަ...


 
ދުވަސް ވަރަކީ މޮބައިލް ފޯނުތަކަށް އިންޓަރނެޓް ތަޢާރަފްވެ، ގިނަ ޒުވާނުންތަކެއް އިންޓަރނެޓްގެ ތަފާތު އަލާތްތައް ބޭނުން ކުރަމުން ދިޔަ ދުވަސް ވަރެވެ. އެގޮތުން ޒުވާނުންގެ މެދުގައި އޭރު އެންމެ ވައިގާ ހިފާފައިވާ އާލާތް ނުވަތަ އެޕްލިކޭޝަން އަކީ މިގް ތާރޓީ ތްރީ (Mig33 ) އެވެ. މިގަކީ ރައްޓެހިން ހޯދުމަށާއި ޒުވާން އަންހެން ކުދިން އަތުއަޅުވާލުމަށް ބޭނުން ކުރެވުމުން އައި ދަންތުރައެއްފަދަ އެއްޗެކެވެ. ބައެއް ޒުވާނުންނަށް މިގަށް ވަދެ ނުލާ ނިދާލުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ނޫނީ ނުވެއެވެ.

މިގް ގެ މަޝްހޫރުކަށް ރާއްޖޭގައި ބޮޑުވެގެން ދިޔައީ، މިގްއިން އެޑްމިންސް އިޚްތިޔާރު ކުރަން ފެށުމުންނެވެ. މިގް އިން އެޑްމިންސް އިޚްތިޔާރު ކުރަން ފެށީ، މިގްގެ ބޭނުން ކުރަމުންދާ ބައެއް ފަރާތްތަކުން، ޗެޓް ކުރަމުން ދާއިރު ބޭނުން ކުރާ ހަޑި ހުތުރު ބަސްތަކާއި، ބައެއް ޗެޓްރޫމް ތަކުގައި، ބޭކާރު ގޮތުގައި ބަސްބަހާއި ލިޔުންތައް އަޅާލުމުން ފްލަޑްވެ ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުން ދާން ފެށުމުންނެވެ. އަދި މިގޮތަށް ފްލަޑްކޮށް މީހުންނަށް ހަޑި ހުތުރު ބަސްތަކުން މުޚާތަބް ކުރާ ފަރާތަށް "ކިކް" ކޮށް ރޫމް އިން ބޭރުކޮށްލުމަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

އާދައިގެ މަތިން އަހަރެމެންގެ ރަށްޓެހިންނާއި އެކު ކޮފީއެއް ބޯލާ ބުރެއް ޖަހާލުމަށް ދިޔަ ރެއެކެވެ. ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. ކޮފީ ގައި ތިބި އިރުވެސް ކަމަކަށް އޮތީ މިގަށް ވަދެ ޗެޓް ކުރުމެވެ. ކޮންމެސް މީހަކު ކިކް ކުރުމަށް ވޯޓް ދިނުމެވެ. ރޭގަނޑު ބާރަޖަހަން ކައިރިވެފައި ވަނިކޮށް ކޮފީ ނިންމާ ބުރެއް ޖަހާލަން ހިނގައި ގަތީމެެވެ. އެންމެން އެކީ އެވެ. ރެޔަކީ ހުކުރު ވިލޭރޭ ކަމުން ގޭން ބޭރުގައި ދަންވަންދެން އުޅުނަސް މައްސަލައެއްވެސް ނުޖެހޭނެތީއެވެ. ހިނގަމުން ހިނގަމުން ދިޔައިރުވެސް އެންމެން ތިބީ މިގް އަށް ވަދެއެވެ. މަގުމަށްޗަށް ވުރެ ގިނައިން ބެލެނީ ފޯނުގެ ސްކްރީނަށެވެ. ވާހަަކައިގާ މަޖާކުރަމުން ، މާލޭ އުތުރު ފަރާތުން ކުރީގައި ބޭންކް އޮފް ސިލޯނާއި ދިމާގައި އޮންނަ ކަނޑިންމަ ތޮށިމައްޗަށް އެންމެން އެކީ އެރީމެވެ. ނެރުބައްތި ހަރުކޮށްފަ އިންނަ ގާގަނޑު މަތީ ވާހަކަ ދައްކާ އަދި ޗެޓްކޮށް ސަކަރާތް ޖެހުމުގައި އެތަށް އިރެއް ހޭދަކުރީމެވެ.

ގަޑިން ދަންވަރު 2 ޖަހާ ބޮޑުވެއްޖެއެވެ. ތޮށިގަނޑުމަތިން ފައިބަން ހިނގާގަތީވެސް ސަކަރާތް ޖަހަމުންނެވެ. ހަތަރު މީހުންވެސް ތިބީ ފޯނުގެ ސްކްރީނަށް ގެއްލިފައެވެ. ތޮށިގަނޑުގެ މެދަކާއި ހިސާބަށް ފޯރިތަނާ، އަހަރެމެންގެ އެކަކު މަދުކަމުގެ އިހުސާސް ކުރެވިގެން އޭނަ ފެނޭތޯ ހޯދައިލީމެވެ. ރެޔަކީ ކަޅުފަޮއި އަނދި ރެޔެއް ކަމުން، ހޯދުމަށްވެސް ވަރަށް އުނދަގޫވިއެވެ. ކުޑައިރުކޮޅެއް ފަހުން އޭނަ މޫދުން އަރައިފިއެވެ. އަހަރެމެން އޭނަ މޫދުން އެރުމުން ކިހިނެއް ހޭ ވީ އަހާލީމެވެ. އަހަރެމެން އޭނަ ޗެޓް ކުރާ އަންހެން މަންޖެ އަތުއަޅުވާލަފާނެތީ ފަހަތަށް ޖެހިލީކަމަށް ބުންޏެވެ. މަޑުމަޑުން ހިނގައިފާ ދިޔައިރު ސްކްރީން އަށް ނޫން ތާކަށް ނުބެލެއެވެ. މި ހުރެވުނީ ކަނޑު ތޮށި މަތީކަމެއް ހަނދާނެއް ނުވިއެވެ. ވަކި ހިސާބަކަށް ދިޔަ ތަނާ ތޮށިމަތިން ބޭރަށް މޫދަށް ވެއްޓުނީއެވެ. ފޯނުވެސް ވީ މޫދަށް ގެއްލިފައެވެ. އެކަމާ އޭނަ ހުރީ ވަރަށް ދެރަވެފައެވެ.

ތޮށިގަނޑު މަތިން ފައިބައިގެން ސިލޯނު ބޭންކާއި އަރާހަމަ ވީ ތަނާ، މޫދަށް ވެެއްޓުން އަހަރެމެންގެ ރަހުމަތްތެރިޔާ އަޅައި އިތިކޮށް ދުއްވައިގެންފިއެވެ. އަނެއްކާވެސް ހަމަ ތޮށިގަނޑު މައްޗަށެވެ. އަހަރެެމެން ހީކުރީ އޭނާއާ ޖިންނިއެއް އަވަލެވީ ކަމަށެވެ. އޭނަ ހަދާ އެއްޗެއް ބަލަން އަހަރެމެން މަޑުކޮށްގެން ތިބީއެވެ. އޭނަ އެނބުރި އަންނާނެ ވަގުތަކަށް އިންތިޒާރު ކުރުމުގައެވެ. ތޮށިގަނޑުމަތީ އޭނަ ކުރި ކަމެއް ކުރުމަށް ފަހު އެނބުރި އަތުވެއްޖެއެވެ. އަހަރެމެން ހީކުރީ އޭނަ ދިޔައީ ޤަޟާ ޙާޖަތެއް ކުރުމަށް ކަމަށެވެ. ވީގޮތެއް އަހާލުމުން އޭނާ ބުންޏެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ. އަހަރެން މިދިޔައީ ގައިން ލޮނު ނުހިކެނީސް، މޫދަށް ވެއްޓުން ދިމައިގާ ފާހަގަ އެއް ޖަހާށެވެ. މާދަމާ ހުކުރަށް ދިޔުމުގެ ކުރިން އައިސް ފޯނު ވެސް ހޯދޭނީ އޭރުންނެވެ. އަހަރެމެންގެ ތެރެއިން އެކަކު ކޯންޗަކުން ހޭ ފާހަގަ ޖެހީ އޭނަ ކައިރީ އަހާލުމުން ބުންޏެވެ. ފާހަގަ ޖެހޭނީ ކޯންޗަކުުން ހެއްޔެވެ. ގައިން މިހިރެ ފައިބާ ލޮނުން ފާހަގަ އެއް ނުޖެހޭނެ ހެއްޔެވެ. އެހެން ބުނުމާއެކު އަހަރެމެންނަށް ހެވެން ފެށުނެވެ. ލޮނަކީވެސް ހިކޭނެ އެއްޗެކެވެ. ގައިމުވެސް މިރޭ ފަތިސް ވާއިރަށް ތޮށިގަނޑުމަތީ ލޮނުން އޭނަ ޖެހި ފާހަގަ ނުހިކި ހުރުމަކީ ނާދިރު ކަމެކެވެ. ދެން ބުނާނެ އިތުރު އެއްޗެއް އޮތަސް، ރަހުމަތްތެރިޔާ ވެފައި ހުރި ދެރައިން އެއްވެސް މީހަކު އޭނަ އާއި ދިމާކޮށެއް ނުހަދައެވެ. ހިތްވަރު ދެވުނީ މާދަމާ ފޯނު ހޯދޭނެ ކަމުގެ ޔަގީންކަމާއެކުއެވެ. މައްސަލައަކީ އަހަރެމެންގެ ރަހުމަތްތެރިޔާއަށް ވެސް ޚުދު، އޭނަ އެވެއްޓުނީ ކޮންދިމާ އަކުން ކަން ޔަގީން ނުވާތީ އެވެ... (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) މލކ

Sunday, September 23, 2012

ދިރާގަށް ގުޅީމަ އަރަނީ ފާޑެއްގެ އަޑެކެވެ.



ރާއްޖޭގައި އެންމެ ފުރަތަމަ މުވާސަލާތީ ޚިދުމަތް ދިނުމަށް ފެށީ ދިވެހި ރާއްޖޭގެ ގުޅުން (ދިރާގުން) ނެވެ. ދިރާގުން ރައޔިތުން ނަށް ފޯރުކޮށްދެމުން އައި ޚިދްމަތްތަކުގެ ތެރެއިން ގިނަ ބަޔަކު ބޭނުން ކުރަމުން ދިޔަ ލޭންޑް ލައިން ފޯނުގެ ބަދަލުގައި، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ބޭނުން ކުރަމުން ދިޔައީ މޯބައިލް ފޯނެވެ. އެންމެ ފުރަތަމަ ތަޢާރަފް ކުރި މޮބައިލް ޕޯސްޓް ޕެއިޑްގެ އިތުރުން ރައްޔިތުންނަށް ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން މޯބައިލް ޕްރީ-ޕެއިޑް ތައާރަފްކުރިއެވެ. ރައްޔިތުންގެ ގިނަ ބަޔަކު ޕްރީޕެއިޑްގެ ޚިދުމަތް ހޯދަންފެށިއެވެ.
ރާއްޖޭގެ މުވާސަލާތީ ކުންފުނި ކަމުގައިވި ދިރާގުން  ދެމުން ގެންދިޔަ ޚިދުމަތުގެ އަގުތަަށް ބޮޑެވެ. މިނެޓަކަށް 1.99 ލާރި ޗާޖް ކުރަމުން ދަނިކޮށް ވަތަނިއްޔާ އިން މި ވިޔަފާރީގެ ޚިދްމަތް ތެރެއަށް ވަނުން ވީ ދެފަރާތުން ދެމުން އައި ޚިދުމަތްތައްވެސް ރައްޔިތުން ބަލައިގަންނާނެ ގޮތަކަށް ބައްޓަން ކުރުމަށް ލިބުނު ފުރުސަތަކަށެވެ. މާގިނަ ދުވަސްތަކެއްނުވެ މޮބައިލް ކެޕޭސިޓީ އިތުރުކުރަން ދިރާގުގެ ނަންބަރުތައް 7 އަދަދަށް ބަދަލުކުރިއެވެ. އެދުވަސްވަރު ނެޓްވޯރކް ކަވަރޭޖް ކަޑަ ކަމާއި ކައިރީ ހުންނަ މީހާގެ ފޯނަށް ގުޅުމުން 'ނިވާލާފައި' ނެތަސް ނިވާލާފައި ކަމަށް ބުނުން ތިމާ ކިޔާ އެއްޗެއް އަނބުރާ ތިމާއަށް 'އެކޯ' ވެގެން އިވުންފަދަ ގިނަ މައްސަލަ ދިމާވިއެވެ. ބައެއް މީހުން މިކަމާ ހުރެ އެމީހުންގެ  ދިރާގު ސިމް ދޫކޮށްލާ ވަތަނިއްޔާ ސިމް އަށް ވެސް ބަދަލުކުރިއެވެ. ދިރާގުގެ ހިލޭގުޅޭ ނަންބަރަށް ބާރު ބޮޑުވި ދުވަސްކޮޅެކެވެ. ކިޔޫގައި ނުޖެހި ކަސްޓަމަރ ކެއަރގެ މުވައްޒަފެއްގެެ އެހީއަށް ކޯލު ގުޅައި ދެވެނީ މަދުފަހަރަކުއެވެ.

ރާއްޖޭ އުތުރުގެ ރަށެއްގެ ލާނެތް ފުރާގެ ކުދިން ކޮޅެއް ކުރި 'ހަޔާތްކުޑަ' ނަމަވެސް މަޖާކަމެވެ. ދުވަސްވަރަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކޮޅެވެ. ރޯދައިވިއްލައިގެން އެންމެން އެއްތާކަށް ޖަމާވެ 'ފެގްބޯން' ތިބޭއިރު 123 އަށާއި ހިލޭގުޅޭ ބައެއް ނަންބަރުތަކަށް ގުޅާނެއެވެ. ފޯނަކުން ކާފަރު ފިލްމެއް އަޅުވައި އޭގެ އަޑު ފުލްކޮށް އެންމެ އަސަރު ގަދަވީ ހިސާބުން 123 އަށް ގުޅައިފިއެވެ. ފޯނު ނެގިއިރު އެކޮޅުން ވާހަކަ ދެއްކި ކުއްޖާ އަށް އަޑުއިވޭގޮތަށް މި 'ކާފަރު ފިލްމުގެ' އަޑު ހުރީ ޖައްސާފައެވެ. ކަސްޓަމަރ ސަރވިސް އިން ފޯނު ނެގީ އަންހެން މުވައްޒަފެކެވެ.

މުނާ: "އައްސަލާމް ޢަލައިކުމް، ދިރާގް ކަސްޓަމަރ ސަރވިސް، މުނާ.. އާދެ ވިދާޅުވެދެއްވާ.."
އެސޮރު: "ހަލޯ... މިއުޅެނީ މި ފޯނަށް އަޑެއް އަރާތީ..."
މުނާ: "އާދެ.. ކޮން އަޑެއްތޯ... އެކަމަކު މިކޮޅަށް އަޑެއް ނާރާ.."
މިހެން މުނާ ބުނުމުން 'ކާފަރު ފިލްމުގެ' އަޑު ބާރުކޮށް ގުޅައިގެން ހުރިފޯނާ ކައިރިކޮށްލިއެވެ. ތަންކޮޅެއް ބާރުކޮށްލުމުން މުނާއަށްވެސް 'އެހަޑި' އަޑުއިވުނެވެ.
އެސޮރު: "އާދެ.. ބައެއް ފަހަރަށް ވަރަށް ހަޑި އަޑެއް އަރަނީ... ތިކޮޅުން އެއަޑު އަރަނީ... އާނ.. އާނ.. މިހަރު އެބަ އަޑުއަރާ އަނެއްކާ..."
މުނާ: "އާދެ.. އެބަ އިވޭ ދެއްތޯ ހަޑިއަޑެއް... ފޯނު ނިއްވާލާފަ އެހެން ފޯނަކަށް ސިމްލައްވައިގެން އަޅެ ތިކޮޅުން ބަލާލަ ދެއްވާފަ ގުޅުއްވާ... "
އެސޮރު: "އަޅުގަނޑުމެން ބަލާލައިފީން އެހެން ފޯނަކަށް ސިމް ލައްވައިގެން... ނުވިއޭ ރަނގަޅެއް... "
އެހެން ބުނުމަށްފަހު ފޯނާކައިރިކޮށް އެ ހަޑިއަޑު އަރުވާލިއެވެ. 'އާހް.... އޫހްހހހހ... ފަރކްމީ ބޭބީ.... އޫހހހހހން...'
މުނާ: "އެބަ އަރާ ދެއްތޯ ވަރަށް ހަޑިއަޑެއް.... އަޅުގަނޑަށްވެސް އެބަ އިވޭ އެއަޑު..."

މުނާގެ ހިނިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ވާހަކަ ނުދެއްކިގެން ފޯނު ކަނޑާލިއެވެ.

ވެގެން މިއުޅޭގޮތް މުނާއަށް އެނގުނީ ތޯއްޗެކެވެ. ބަޔަކުން މި އުޅެނީ ބުލޫ (ކާފަރު) ފިލްމެއް އަޅުވައިގެން އޭގެ އަޑު މުނާއަށް އިއްވައިގެންނެވެ. އަސްލު އެއްވެސް އަޑެއް ނާރައެވެ. އަޑެއް އަރާކަމަށް މުނާއަށް ގަބޫލު ކުރެވުނީ އެދުވަސްކޮޅުގެ ގޮތުންނެވެ. ނެޓްވޯރްކްގެ ރޭންޖް ކަޑަވުމުގެ ސަބަބުން އެފަދަ ކަމެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ފޒލ

Saturday, September 22, 2012

ގިރާވަރު މޫސާކަލޭފާނަށް އޮޅުވާލި ފަންޑިތަ... (1)



ސިހުރު ހާހޫރަ ހެދުމާއި އިސްތިރި ވަރިތޮޅި ހެދުމަކީ، ރާއްޖޭގައި ޤަދީމީ ޒަމާނުއްސުރެ ކުރަމުން އައި ކަމެކެވެ. މިކަމަށް އެންމެ ކުޅަދާނަ މީހުން އޭރު ތިބީ، ދެކުނުގެ އަތޮޅުތަކުގައެވެ. ޚާއްޞަކޮށް އައްޑޫ އަތޮޅާއި ހުވަދޫ އަތޮޅުގައެވެ. ސިހުރު ހެދުމަށް، މަރުވެފައިވާ މީހުންގެ ކަށްވަޅު ކޮނެގެން މައްޔިތުންގެ މޭގަނޑު ނަގައިގެން، އެ މޭގަނޑުގައި ތެޔޮ ހާނައިގެން އޭގައި ތަފާތު ސިހުރުތައް ހަދަމުން ދިޔަ ދުވަސްވަރެއްގެ ބިރުވެރި ކަންތައްތަކެއް ހިމެނޭ ނަމަވެސް މަޖާ ވާހަކަ އެއް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ. ރޭގަނޑަށް ބިރުވެރި ހުވަފެން ފެންނަ ބޭފުޅުންނާއި އެކަނި ބޭރަށް ނިކުމެ އުޅުއްވަން ބިރުގަންނަ ބޭފުޅުން، ރޭގަނޑު މި ވާހަކަ ވިދާޅުނުވުމަކީ އަޅުގަނޑު އެދޭ އެދުމެކެވެ.

އައްޑޫ އަތޮޅު ހިތަދޫގައި އުޅުން ބެއްޔާ (އަސްލު ނަމެއް ނޫން) އަކީ ފަންޑިތަ ހަދާ މީހެކެވެ. ބެއްޔާ ހަދާ ފަންޑިތަ އަކީ ތޯތޯ އެއްޗެއް ނޫނެވެ. މުޖައްރިބު ފަންޑިތައެވެ. އަތޮޅުންނާއި އަތޮޅުން ބޭރުން، ބެއްޔާ ކައިރި އަށް ފަންޑިތަ ހަދަންް އަންނަ މީހުން ވަރަށް ގިނަ އެވެ. ބެއްޔާގެ ގޭގައި އުޅެނީ ބެއްޔާ އެކަންޏެވެ. އަންހެނުން ވަނީ ނިޔާވެފައެވެ. ހުންނަނީ އެންމެ އަންހެން ދަރިއެކެވެ. އެދަރިފުޅު އުޅެނީ، ހުވަދޫ އަތޮޅު ވިލިނގިލީ މީހަކާ އިނދެގެން އެރަށުގައެވެ. ބެއްޔާގެ ކެއުމުގެ ކަންތައް ހަމަޖެހިފައި އޮންނަނީ އެގެއާއި ޖެހިގެން އިރުމައްޗަށް ހުންނަ ދޮންބީފާނު މެންގެ ގެއިންނެވެ. އަވަށްޓެރިންގެ އެއްވެސް މީހަކު މިގެއަަށް އައިސްވެ ނޫޅެއެވެ. ބެއްޔާ ފަންޑިތަ ހަދައިދީ އުޅުނީ އިސްތިރި ވަރިތޮޅީގެ ދާއިރާއިންނެވެ. މީގެ 80 ވަރަކަށް އަހަރު ކުރިން ބެއްޔާ ކޮޅުނބަށް (ސްރީލަންކާގެ ކޮލޮންބޯއަށް) ގޮސް ފަންޑިތަހަދަން ދަސްކުރީ ޕާކިސްތާނު މީހެއް ކައިރިންނެވެ. މީގެ 60 އަހަރު ކުރިން، ފަންޑިތަ ހަދައިގެން މީހަކު މެރުމުން، މުހައްމަދު އަމީނުގެ ވެރިކަމުގައި، މަރަށް މަރު ހިފުމުގެ ގޮތުން މަރާލާފައިވާ އައްޑޫ ޙަކީމް ދީދީގެ އެދުރުބޭކަލަކީ މި ބެއްޔާ އެވެ.

ގިރާވަރު މޫސާކަލޭފާނު އައްޑުއަށް އައީ، އޭނާގެ އަންހެނުން އެހެން މީހަކާ ހިތާވެގެން އުޅޭތީ ފަންޑިތަ ދަންނަ މީހުން ހެދި ހުރިހާ ފަންޑިތައެއް ނާކާމިޔާބުވުމުން، މުޖައްރިބު ފަންޑިތައެއް ހެދުމުގެ ބޭނުމުގައެވެ. އައްޑޫގައި ހުރި މޫސާކަލޭފާނުގެ ދުވަސްވީ ހެޔޮއެދޭ ރަހުމަތްތެރިއަކު، މިކަމަށް އެހީތެރިވާނޭ ކަމަށް ބުނުމުންނެވެ. މި މޫސާކަލޭފާނަކީ އެރަށު މުދިންބެއެވެ. ރަށުގެ ފެންވަރުގައި ފުދުންތެރި މީހެކެވެ. މޫސާކަލޭފާނުގެ އަނބި ހައްވާނިކެ އަކީ އޭރު އަތޮޅުގައި ހުރި އެންމެ ރިވެތި ފަތްމިންޏެއްފަދަ އަންހެނެކެވެ. އަންހެންވަންތަ ހުރިހާ ސިފައެއް ލިބިފައިވާ، މި ފަތްމިނި ގެއްލުމުގެ މަގުމަތީގައި ވާތީ މިކަމުގައި މޫސާކަލޭފާނު ހިތާމައިން އަވަދިވަނީއެވެ. ހުވަދޫ އަހައްމާފާނު ލައްވާ ހެއްދުވި ފަންޑިތައިން "ތަށަށް ކިޔަނީ މަރިޔަނބުތޯވެސް" އަހާނުލިއެވެ. ވީކަމެއް ހަރާމެވެ.
މޫސާކަލޭފާނު އައްޑުއަށް ގޮސް، ބެއްޔާއާއި ބައްދަލުކޮށް ހައްވާނިކެގެ ވާހަކަ އަލިފުން ޔާއަށް ކިޔައިދިނީމާ، ބެއްޔާ ކުޑަ ހިނދުކޮޅަކު ވިސްނާލަން އިދެފައި ބުނެފިއެވެ. މޫސާކަލޭފާނު ތިޔަ ކަމާއި ދެރަނުވާށެވެ. އަަހަރެން ތި ކަމާ ޖާމިނުވެއްޖައީމެވެ. ހައްވާނިކެ ވިއްޔާ ހައްވާނިކެއެވެ. މޫސާކަލޭފާނު ވިއްޔާ މޫސާކަލޭފާނެވެ. ދޭތިން އެކަށްޗަށް ނަމަވެސް މިފަހަރު ތިޔަ ކަންތަށް ފަތަހަ ކޮށްލާހުށީމެވެ. މިރޭ ގެއަށް ގޮސް ނިދާން އޮންނަ އިރު މި ބުނާ އާޔަތް (ބަޤަރާ ސޫރަތުގެ 60 ވަނަ އާޔަތް) ކިޔަވައިގެން މުޅިގަޔަށް ފުމެ ހަދައިގެން ހައްވާނިކެ ހިތުއަޅައިގެން ނިދާށެވެ. އެއްވެސް ހުވަފެނެއް ފެނިއްޖެއްޔާ ބުނަހަރެވެ.

ބެއްޔާ ހެނދުނު ސައިބޯން އިންދާ މޫސާކަލޭފާނު އައިސް ބުނެފިއެވެ. ބެއްޔާއެވެ. ރޭ އަހަންނަށް ހުވަފެނުގައި ފެނުނީ ހައްވާނިކެ އެ ހިތާވެގެން އުޅޭ މީހާއާ އެކީގައި، ކަނޑުފަތާފައި މި ރަށަށް އަންނާތީއެވެ. އަދި ފިރިހެން މީހާ އަށް މިރަށަށް ނޭރި އުޅެނިކޮށް މަރުވީތީވެސް ފެނުނެވެ. ދެން ފެނުން އެއްޗެހިތަކެއް މާރަނގަޅަކަށް ހަނދާނެއް ނެތެވެ. ބެއްޔާ، މޫސާކަލޭފާނުގެ ވާހަކަ އަޑުއަހަން އިދެފައި ދޭތެރެއަކުން ދެބުމަ ހިއްލާލައެވެ. ވާހަަކަ ނިމުން ތަނާ ބެއްޔާ ބުނެފިއެވެ. މިރޭ މަޣްރިބު ނަމާދާ ޢިޝާނަމާދާ ދޭތެރޭ ބެރެބެދި ގަހަކުން ތިން އަނގޫބައިގެ (ކައިވަތަކަށްވުރެ 1 އިންޗި ދިގު) ދަނޑިކޮޅަކަޅާއި، ރަތް ކަށިމަލަކާއި، ތިންމުށެއްހައި އުނިމަލާއި، ހަތް އަހިވަކާއި، ގަނދަކޯޅި ގަހަކުން ހަތްފަތް އިން ހަތް ކުރިއާއި، ހުދުހާލެއްގެ ލެއާއި، އޭގެ މޭގަނޑާއި ގެންނާށެވެ. މިހުރިހާކަމެއް ޢިޝާގެ ކުރިން ކުރެވޭތޯ ބަލާށެވެ. ހާކަތިލައި އޭގެ ހުރިހައި ލެޔެއް ވެސް އެގަޑިއިރު ތެރޭ ނެގޭތޯބަލައްޗެވެ. މާވެސް ބިންނާނީ އެގަޑީގައެވެ. ޢިޝާ ނަމާދުގެ ފަހުން ފުރަތަމަ ސާޢަތުގައި މިއްރީޚް ހުންނާނީ ފަލަކުގައި ކަމުން އިޝާނަމާދުން ފައިބައިގެން ލަސްތަކެއް ނުވެ މަސައްކަތް ފަށަން ޖެހޭނެއެވެ. އެހެންވީމާ އަވަހަށް މިކަންތައް ކުރެވޭތޯ މޫސާކަލޭފާނު ވާނީ ބަލާށެވެ. ނަމަވެސް އަހަރެން ނެތީސް މިގެއަށް މޫސާކަލޭފާނު ނުވަންނައްޗެވެ. އަހަރެން ނެތިއްޔާ ގެޔަށް ނުވަދެ ބޭރުގައި ތިހިރެ ފަތްޖެހި އެނދުގައި މަޑުކުރާށެވެ. ނަމަ ނަމަ ގެއަށް ނުވަންނައްޗެވެ. އަހަރެން ގޭގައި އުޅެންޏާ ތިޔަހަރަ ފެންނަ ފާނޫޒު ހުންނާނީ އަލި މަޑުކޮށްފައެވެ.

=+ ނުނިމޭ += (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

އަހަރެން އަންނަން ދެން ހޮސްޕިޓަލް ދޮރުމަތީ މަޑުކުރާށެވެ.


ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް ދެބުރިއަށް ހުންނަ ބަހާއި ކުރޮޅިއަކީ އާއެއްޗެއްސެވެ. ހަމަ އެފަދައިން ކުއްތާ އާއި އަސްވެސް އެމީހުންނަށް ވަނީ އާ އެއްޗަކަށެވެ. ބައެއް މީހުން ކުއްތާ ފެނިގެން ބިރުން ދުވެ ފިލަން މަސައްކަތްކުރެއެވެ. ކުއްތާ އަކީ ކައިރިއަށް އައިސް ވަށްވަށް ޖަހާ ޖަނަވާރަކަށް ވިޔަސް، އޭތި ދެކެ ބިރުން ދުއްވައިގެންފިނަމަ އެމީހެއްގެ ފަހަތުން ދުވެ އެމީހެއް ބިރުގެންނެވުމަށް ދަތްވެސް އަޅާ ޖަނަވާރެކެވެ.

ނ.އަތޮޅުގެ ރަށެއްގެ ދެއަންހެނުން  އިންޑިއާއަށް ބޭސްފަރުވާއަކަށް ދިޔައެވެ. ކޮންމެ ދުވަހަކު ހޮސްޕިޓަަލަށް ދަނީ މަގުމަތިން ކުރޮޅިއަކަށް އަރައިގެންނެވެ. ނަމަވެސް އެދުވަހު ކުރޮޅިއެއްވެސް ލިބޭގޮތެއްނުވިއެވެ. އެންމެ ފަހުން މަގުމަތިން ބަހެއް ދަނިކޮށް އެޔަަށް އަރަން ނިންމައިފިއެވެ. އަދި އެޕޯލޯ ހޮސްޕިޓަލަށް ދިޔުމަށް މަގުމަތިން ބަހެއް ނެގުމަށް ފަހު އެ ދެމީހުންކުރެ އެކަކަށް ޖާގަ ލިބުނީ ތިރިންނެވެ. އަނެކަކަށް ޖާގަ ލިބުނީ މަތިންނެވެ. ބަސް ދަތުރު ކުރަމުންދަނިކޮށް މަތީ ފަންގިފިލާގައި އިން މީހާ ފޫހިވެގެން، ތިރީ ފަންގިފިލާގައި އިން މީހާއަށް ފޯނުކޮށްފައި އެއްސެވެ.


"ތިރީ ބައި ދަތުރުކޮށްފައިދާ ބާރުމިން ކަލެއަށް  އެނގޭ ހެއްޔެވެ؟


ތިރީގައި އިން މީހާ ބުންޏެވެ.
އަހަރެންް އިން ބައި ދަތުރުކޮށްފައިދަނީ، ގަޑިއަކު 80 ކިލޯމީޓަރު ބާރުމިނުގަ އެވެ. މަތީ ބައި ދަތުރުކޮށްފައިދަނީ ކިހައި ބާރުމިނެއްގައި ހެއްޔެވެ؟


ތިރީގައި އިން އޭނާގެ ރަހުމަތްތެރިޔާ ދިން ޖަވާބުން މަތީގައި އިން މީހާ ވަރަށް ރުޅިއައެވެ. އަދި ބުންޏެވެ..

"ދެބައި މިދަނީ ވަކިން ދޯއެވެ.. މިޔަކަށް އެރިތާ ކިހައި އިރެއް ހެއްޔެވެ. ކަލޭ ކުރިން ދެވިއްޖެއްޔާ މަ އަންނަންދެން ހޮސްޕިޓަލް ދޮރުމަތީ މަޑުކުރައްޗެވެ. މި ބައި ދުއްވާ ޑްރައިވަރު އަދިނާދެ އެވެ! މިބައި ދަތުރުކުރާނެ ބާރުމިނެއް އެނގޭނީ އޭނާ އައި އިރަކުންތާ އެވެ.."

މިކަހަލަ ކިތަންމެ ކަމެއް އެރަށު މީހުން ކުރާކަމީ އަތޮޅު މީހުންވެސް ދެނެތިބި ކަމެކެވެ. 

(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ