މެރިން ރިސާޗް ސެންޓަރަކީ ރާއްޖޭގެ ކަނޑުގެ
ދިރުމާއި ބެހޭ އެކި ކަހަލަ މައުލޫމާތު އެއްކޮށް، އެފަދަ ރިސާރޗް ތައް ކުރަމުން
ތިޔަ ސަރުކާރުގެ މުއައްސަސާއެކެވެ. ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސް މަހާ
މެއްސާއި އެކި ވައްތަރުގެ ގާގަލާ ގެލީގެ މައުލޫމާތުގެ އިތުރުން ކަނޑުތެރެއިން
ފެންނަ އެކިވައްތަރުގެ އެއްޗެހީގެ މައުލޫމާތުވެސް އެއްކުރެއެވެ.
އެގޮތުން ކަނޑުބިލަމާހާއި ކަންނެލީގައި ފާހަގަ
ޖަހާފާ ދޫކުރުމާއި ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލައާއި ކަހަނބު މަދުވަމުން
ދާކަން އިޙްސާސް ކުރެވެން ފެށުމުން، މެރިން ރިސަރޗް ސެންޓަރުގެ ބެލުމުގެ ދަށުން ކަހަނބެއްގައި
ސެޓެލައިޓް ޓެގް ޖަހާފައި ދޫކުރެވުނެވެ. މި ކަމުގެ ބޭނުމަކީ ވެލައާއި ކަހަނބު
ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ގޮސް އުޅޭ މިންވަރު ބެލުމެވެ. މި ޓެގް
ހަރުކުރެވިފައިވަނީ ކަހަނބުގެ ބުރަކަށި މަތީގައި ކަމުން، ނޭވާލުމަށް މައްޗައް އަރާ
ކޮންމެ ފަހަރަކު އާއި، އެއްގަމުގައި އޮތަސް ކޮންމެ 10 މިނެޓަކުން އޭތި އޮންނަ
ސަރަހައްދެއް ސެޓެލައިޓް މެދުވެރިކޮށް މެރިން ރިސަރޗް ސެންޓަރ ގެ ސަރވަރއަށް މައުލޫމާތު
ފޯރުކޮށްދެމުން ދެއެވެ.
ކަހަނބު ގައި ޓެގް ޖެހުމަށްފަހުދޫކޮށްލެވުނީ ސުނާމީ
ބިނާ މިހާރު ހުންނަ ހިސާބުން 50މީޓަރ ބޭރުންނެވެ. ކޮންމެ 10 މެނަޓަކުން ކަހަނބު
އުޅެމުންދާ ހިސާބު ގްރާފެއްގެ ސިފައިގައި ޑޭޓާ ބޭސްގައި ކުރެހެމުން ދިޔައެވެ. ޓީމުގެ
މީހުން ވެސް ވަރަށް ފަރުވާތެރިކަމާއެކު ކަހަނބު އުޅެމުން ދާގޮތް ދޭތެރެއަކުން
ބަލާލައެވެ. ނުވަތަ "ކޮބާ ކިހާ ހިސާބެއްގަ އެސޮރު އެއުޅެނީ" މިފަދަ
ގޮތަކަށް ކަހަނބުގެ ފަހުގެ އަޕްޑޭޓެއް ލިބޭތޯ އަހާލައެވެ. މިކަމަށް ޑިއުޓީ
ބަހައިގެން ބަޔަކު ތިބެއެވެ.
މިއަދަކީ ކަހަނބު ދޫކޮށްލިތާ ހަފްތާއެއް ވީ
ދުވަހެވެ. ހަފްތާއެއްގެ ތެރޭގައި މާލޭގެ ވަށައިގެންވާ ފަރުގެ ގިނަ
ސަރަހައްދަކަށާއި، ހުޅުލެއާއި ވިލިގިލި ފަދަ ސަރަޙައްދު ތަކުގައި މި ކަހަނބު އުޅެމުންދިޔަ
ކަމަށް ގުރާފުން ދައްކައެވެ. އެގޮތުން އެސޮރު އެންމެ ގިނަ ވަގުތު ހޭދަކޮށްފައި
ވަނީ ވިލިނގިލި އަތިރިމައްޗާއި ދިމާގައެވެ. މި ހުރިހާ މައުލޫމާތެއް މަސައްކަތުގެ
ކޯޑިނޭޓަރާއި ހިއްސާ ކުރުމަށް ޓީމް ކުދިން ބައްދަލުވުމެއް ބޭއްވިއެވެ. އަދި
މިކަމަށް ތައުރީފުގެ ބަސްތައް ކޯޑިނޭޓަރުގެ ފަރާތްޕުޅުން އޮހެމުން ދިޔައެވެ.
ޑިއުޓީގައި ކޮމްޕިއުޓަރުގެ ސްކްރީންއަށް ބަލަހައްޓައިގެން
އިން މުރާދަށް ނިދިޖެހިލައި ހޭލެވުން އިރުން ގްރާފުން ފެންނަމުންދާ ފެހި ކުލައިގެ
ތިކި ގެއްލިއްޖެއެވެ. ކުއްލި ގޮތަކަށް ކަހަނބުގެ ޚަބަރު ވުން ކެނޑިއްޖެއެވެ. ތިކި
އެންމެ ފަހުން ދިއްލުނީ ވިލިނގިލި އަތިރި މައްޗާއި ދިމާއިން ކަމަށް ސްކްރީންއިން
ފެންނަމުން ދިޔަ ގްރާފަށް ޒޫމް ކޮށް ލުމުން އެނުގުނެވެ. މުރާދު އަވަސް އަވަހަށް
ގޮސް ޓީމުގެ ކޯޑިނޭޓަރަށް މި ވާހަކަ ދެންނެވިއެވެ.
މުރާދު: "ބައްލަވާ..! ކަހަނބުގެ ސިގްނަލް
ގެއްލިއްޖެ..! މަރުވީ ކަންނޭނގެ.."
އެވާހަކަ އަޑު އިވުމާއެކު އެންމެން ހާސްވެއްޖެއެވެ.
ފަރީދު: "ސިގްނަލް ދިޔައީ އޭ.. މަރުވީ އޭ...
ނުވާނެ އެހެނެއް.."
ފަތުހީ: " ތި ޖެހުނީ އަވަހަށް ތިކަން
ބަލަން.."
ރަމީޒު: " ހިނގާ .. ހިނގާ... ތި ކަމެއް ވާނެ
ބަލަން.."
މުރާދު ބުނީ ހަމަ ތެދެކެވެ. ކަހަނަބު ގެއްލުނީއެވެ.
މި ކަމުގައި އެންމެން ކަންތައް ބޮޑުވެފައި ތިއްބައި މެންދުރު ވަގުތު ވުމުން
ބްރޭކަށް ގޮސްފައި އައިރު މުރާދު މާ ވަރަކަށް ހިނި އައިސްފަ ހުއްޓާ ފެނިގެން
ކިހިނެއް ވީތޯ އަހާލުމުން އަނެއްކާ ސިގްނަލް ލިބެން ފެށީ ކަމަށް ބުންޏެވެ. ހުރިހާ
އެންމެން ވެސް ސްކްރީންއަށް ބަލަމުން ދެއެވެ. ވަރަށް ހައިރާން ކަމާއެކު އެކުއެވެ.
ކުރީގައި އެސޮރު އުޅެމުންދިޔަ މާހައުލު
މުޅިންބަދަލުވެއްޖެއެވެ. އަދި މޫދުގައި ދުވާ ސްޕީޑް މާ ބާރުވެސް ވެއްޖެއެވެ.
ގަޑިއަކު 12 މޭލު ބާރުމިނުގައި އެސޮރު އެބަ ދުވެއެވެ. ހައިރާންވެ އަންތަރީސް ވާ
ކަމަކީ ވިލިނގިލިން ހަމަ ސީދާ ސީދަލަށް ގޮސް ތިލަފުއްޓަށް ދާތީއެވެ. އަދި އެއްވެސް
އިތުރު ޙަރަކާތެއް ނެތި، އޮތުމަށްފަހު އަލުން ވިލިނގިއްޔަށް އަންނާތީއެވެ. މިގޮތަށް
ކޮންމެ ދުވަހަކު އެބަ ދަތުރުކުރުކުރާކަމަށް ގްރާފުން ދައްކައެވެ. ހުކުރު ދުވަހު
އެސޮރު މިއޮތީ ވިލިނގިލީގައެވެ. އެއްވެސް ތާކަށް ނުދެއެވެ. މިކަމާ
ކަންތައްބޮޑުވެގެން އެންމެން ވާހަކަ ދައްކަން ފެށިއެވެ.
ފަތުހީ: "ކީއްވެބާ އަބަދު އެއްތާކަށް
އެއްގަޑިއެއްގަ އެ ސޮރު އެދަނީ.."
މުރާދު: " ވިލިނގިލީގަ ނިދަނީ ކަންނޭގެ
ދޯ.."
ރަމީޒު: " ހިނގާ މާދަމާ ޓްރޭޝަރ ހިފައިގެން
އޭގެ ސިގްނަލް ބަލަން... ބަނދަރު އަތިރިމަތީ ދިމާގަ އޮތްކަމަށް ދޯ ޗާޓުން ދައްކަނީ.."
ރަމީޒުގެ މިނިންމުމަށް އެންމެން ތާއީދު ކޮށް އެސޮރު
އެއޮތް ތަނެއް ހޯދުމަށް ބޭނުން ވިއެވެ.
ރަމީޒުގެ ޚިޔާލަށް އެންމެ
ފަހުން ވިލިނގިއްޔަށް ދާން ނިންމިއެވެ. ޖެހިގެން އައި ހުކުރު ދުވަހު ހެނދުނު
ވިލިނގިއްޔަށް ގޮސް ރާޑަރުން އޭގެ ސިގްނަލް ލޮކޭޓް ކުރަނިކޮށް އެދިމާލުގައި
އަޅާފައި އޮތް މުދާ އުފުލާ ދޯންޏާއި ދިމާއިން އެލާމް ވެއްޖެއެވެ. ދެން އެ ދޯންޏަށް
އެރުމުން ސިގްނަލް ސިންކްރޮނައިޒް ވެއްޖެއެވެ. އެހެން ކަމުން އެސޮރު އޮތް ތަނެއް
ހޯދުމަށް އެ ދޯނީގައި ޖަހާފައި އިން ނަންބަރަކަށް ގުޅުމުން އޭގެ ކައްޕި
އަތުވެއްޖެއެވެ.
ފަތުހީ: "އަޅުގަނޑުމެން
މީ މެރިން ރިސަރޗް ސެންޓަރުން އިނގޭތޯ.."
ކައްޕި: "ލައްބަ.. ދޯނި
ނަގަންވީތޯ.."
ފަތުހީ: " ނޫން..
ނޫން.. ދޯންޏަށް އަރަންވީ އަޅުގަނޑުމެން އެކީގަ.. މި ވެގެން އުޅޭ ގޮތް
އެނގިލައްވާތޯ.."
ކައްޕި: "ނޫން.. ނޫން..
ހިންގަވާ..."
ފަތުހީ: "މި ދޯނީގަ
އޮތް ކަހަނބު އަޅުގަނޑުމެންނާ ޙަވާލު ކުރަންވީ.."
ފަތުހީ މިހެން ބުނުމުން
ކައްޕިއަށް އޮޅުން އެރިއެވެ.
ކައްޕި: "މަޑުކޮށްލާ...
އެބަ އަންނަން..."
އިރުތަކެއް ވަންދެން ދޯނީގެ
އެތަން މިތަން ހޭވުމަށްފަހު އައީ ބަތް އަޅާކަހަލަ ކަހަނބެއް ހިފައިގެންނެވެ.
ކައްޕި މި ގެނައި އެތި
ފެނިފަ ފަތުހީ ރުޅިވެރިކަމާއެކު ބުންޏެވެ.
ފަތުހީ: " ސަމާސާ
ކުރާކަށް ނޫން މިއައީ.. ދުރުވޭ އަޅުގަނޑުމެންނާ އެކީ ސިފައިންގެ އަށް ދާން..
އަޅުގަނޑުމެން މި ދަންނަވަނީ މޫދުގައި އުޅޭ ވެލާ ކަހަނބު ވާހަކަ އިނގޭތޯ.."
ކައްޕި: "ކަހަނބޭ....
މި ދޯންޏަކު ކަހަނބެއް ނޯންނާނެ.."
ރަމީޒު: "އެހެން ވިއްޔާ
ބުނެބަލަ... މިއިން ދުވަހެއްގަ މި ދޯންޏަށް ކަހަނބެއް ހިފައިގެން
ނެގިންތަ..؟"
ރަމީޒުގެ މި ސުވާލުގެ
ސަބަބުން ކައްޕި ބިރުން ދާހިއްލާ ފޯވަން ފަށައިފިއެވެ. ވެލާ ކަހަނބަކީ ހިމާޔަތް ކުރެވިފައިވާ
އެއްޗެހި ކަމުން، އޭގެ އެއްޗެއް ހިފައިފި ނަމަ ބޮޑު ހުކުމެއް އަންނާނެކަން
ކައްޕިއަށް އެނގެއެވެ.
ކައްޕި: "އަސްލު
ތިކަންތައް ވީ އެހެން ގޮތަކަށް އިނގޭތޯ.. އަޅުގަނޑު.."
ކައްޕިގެ ކަރުތެރެ ބެދޭ
ގޮތްވެ އަނގައޮޅެން ފެށިއެވެ.
ކައްޕި: "
އަޅުގަނޑުމެން ދޯނި ކުއްޖެއް ފީނަން އުޅެނިކޮށް ފެނުން ކަހަނބެއް... އޭނަ އޭތި
ނެގީ އޭގެ ބުރަކަށިމަތީގަ ފާޑެއްގެ އެއްޗެއް ހަރުކޮށްފަ އިނީމަ.. އޭނަ ބުނި އެއީ
ނިއުކުލިއަރ ބޮމެކޭ... ރާއްޖެއަށް ކޮންމެސް ބަޔަކުން ހަމަލަ ދޭން ފޮނުވާފަ އިން
އެއްޗެކޯ.."
ކައްޕިގެ މިވާހަކަ ތައް އަޑު
އިވިފައި ކަހަނބު ގެ ވާހަކަ ބޭ އިޚްތިޔާރުގައި އެންމެނަށް އަހާލެވުނެވެ.
"ދެން ކޮބާތަ ކަލޭމެން
ހިފި ކަހަނބު..."
ކައްޕި:
"އަޅުގަނޑުމެން އޭތި ކާލައިފިން...
އެކަމަކު އޭގަ ހަރުކޮށްފަ އިން އެތި އިންނާނެ އިންޖީނު ގެ ތެރެއަށް ލާ ފޮރުވާފަ..
މާފުކުރައްވާ... އަޅުގަނޑުމެން އޭގެ ކަހަނބެއް ހިފައިގެން ގެނެސް ދެންތޯ.. ނޫނީ.."
ކައްޕި އަށް ބިރުން ރޮވެން
ފެށުނެވެ. މައްސަލަ ބޮޑުވެދާނެތީ އާދޭސް ކުރަން ފެށުނެވެ.
ކައްޕިގެ ވާހަކަ
އަޑުއެހުމަށް ތިބި ޓީމުގެ މީހުން މާޔޫސް ވެއްޖެއެވެ. ކައްޕިގެ ވާހަކަ މެދު
ކަނޑާލާފާ ފަރީދު ވާހަކަ ދައްކަން ފެށިއެވެ.
ފަރީދު: "ތަނަކުން
އެއްޗެއް ފެންނަ އިރަށް ކާލަން ޖެހޭތަ.. ކަހަނބެއް ބޭނުމެއް ނޫން.. އޭގަ
ހަރުކޮށްފަ އިން ޓެގް ގެނެސްދީ.. ވީ ކަމެއް ނުވާ ކަމަކަށް ނުވާނުން.."
ކައްޕި ތެދުވެރިކަމާއެކު
ކަންތައް ވީގޮތް ކިޔައިދިނުމުން، ޓީމުގެ އެންމެން ނިންމީ އެހިސާބުން އެ ޓެގް
ހިފައިގެން އެނބުރި ދިޔުމަށެވެ.
ތެދެކެވެ. ތަނަކުން އެއްޗެއް
ފެންނަ އިރަށް އެއެއްޗެއް ކާލާކަށް ނުޖެހެއެވެ. ވެލާ ކަހަނބު މަހަކީ މީރު މަހެއް
ކަމުގައި ވާތީ ގިނަބަޔަކު ވެލާ ކަހަނބު ހިފަމުންދިޔައެވެ. އެއްދުވަސް ވަރެއްގައި
ވެލާ ކަހަނބު މަހަކީ ޙަރާމް އެއްޗެއް ކަމުގައި މައުމޫނު ސަރުކާރުގެ އިލްމުވެރިޔަކު
ފަތުވާވެސް ދެއްވާފައި ވެއެވެ. (ނައިފަރު
އަޕްޑޭޓް ނިއުސްޓީމް) ކޑޒ