Sunday, February 11, 2018

ރަންވޭގައި އެސްފޯލްޓް އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ-- އެމްއޭސީއެލް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯއެއް --- ފޮޓޯ/ އެމްއޭސީއެލް

ރަންވޭގައި އެސްފޯލްޓް އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްގެ ފަރާތުން  ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތްތައް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯތަކެއް މިއަދު ވަނީ، އާންމުކޮށްފައެވެ.
ހުޅުލޭގައި ހުންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅަމުންދާ އާ ރަންވޭއަކީ 3.4 ކިލޯމީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ (ބީޔޫސީޖީ) ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. 

ރާއްޖެ ޓީވީ އަލުން ފަށަނީ؟؟!!




ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިންގް ޚިދުމަތް މެދުކަނޑާލާފައި ވަނީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އިން އަންގާފައި ވަނިކޮށް ބުރާސްފަތި ދުވަހުގެ ރެއެ އެވެ.
ރާއްޖެ ޓީވީ އަލުން ފަށަން ނިންމާފައިވާކަން އިއުލާން ކުރަމުން އެ ސްޓޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލުން ހިދުމަތް ފަށަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި ހިދުމަތް ފެށުމުގެ ކުރިން އަމާން ރައްކާތެރި މާހައުލެއް ހޯދުމަށް ބޯރޯޑްކާސްޓިންގް ކަމިޝަނާއި ފުލުހުންނާއި ސިފައިންގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް "އެކަށީގެންވާ ޖަވާބެއް އެއްވެސް މުވައްސަސާއަކުން ލިބިފައިނުވާކަމަށް" އެ ސްޓޭޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޑިފެންސް މިނިސްޓްރީން ބުރާސްފަތި ދިވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ތަފާތު ވަޞީލަތްތައް މެދުވެރިކޮށް ފަތުރާ މައުލޫމާތާއި ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ގައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ ގޮތްގޮތަށް، މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ އެ ފަދަ ކަންކަމަކީ ކަންބޮޑުވާ ކަންކަމަށާއި އެހެން ކަމުން އެފަދަ ގައުމީ ސަލާމަތާއި އަދި ސިފައިންގެ ވާޖިބަށް ހުރަސް އެޅޭ މައުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރިވެ އިންޒާރުދޭ ކަމަށެވެ.
"ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންގެންދާނެކަން އަންގަން،" ޑިފެންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
.

Sunday, February 4, 2018

ތި ކަމުގައި ކޮންމެވެސް ހެޔޮކަމެއް ވާނެއެވެ


 ރަސްކަލަކު އެއްދުވަހެއްގައި ކަނަމަދު ފަޅަން އުޅެނިކޮށް
 ކަތިވަޅިން ޖެހި އިނގިލި ބުރިވެއްޖެއެވެ. މިތަން ދެކެފައި
 ވަޒީރު ބުންޏެވެ. ތި ކަމުގައި ކޮންމެވެސް ހެޔޮކަމެއް
 ވާނެއެވެ. ރަސްގެފާނު މިކަމާ ކޯފާ އިސްކުރައްވައި
 ވަޒީރު ޖަލަށް ލައިފިއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ.
 އެއްދުވަހަކު މަގުފޭރޭ ޤާފިލާއެއް ސަހަރާ ދިމާއަށް އަންނަ
 ވާހަކަ ޖާސޫސީންގެ ފަރާތުން ރަސްގެފާނަށް ޚަބަރު ދީފިއެވެ.
 އެކަމަށްޓަކައި ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅެނިކޮށް
 އެބައިމީހުން ސަހަރުގެ ކޯއްޓޭތައް ވަށާލައިފިއެވެ. އެމީހުންގެ
 ފަރާތުން މީހަކު ރަސްގެފާނުގެ ދަރުބާރަށް ގޮސް ދެންނެވިއެވެ.
 އަހަރެމެންގެ ލަޝްކަރުގެ ބިޔަކަމާއި ޢަދަދުގެ ގިނަކަން ތިބާ
 ދެކޭނޫއެވެ. ހަނގުރާމަ ކުރާން ބޭނުން ނޫންނަމަ ރަށްބޭރަށް
 ނިކުންނާންވީއެވެ. ނޫންނަމަ އެންމެން ބަނޑަށް ޖެހެންދެން
 ޙިސާރުގައި ތިބޭށެވެ. ރަސްގެފާނު ބޭނުން ވީ ހިސާރުގައި
 ތިބުމަށެވެ. ދެތިން މަސްދުވަހަށް ވީތަނާ ޝަހަރުން ކާބޯތަކެތި
 ހުސްވެ ބަނޑަށް ޖެހިއްޖެއެވެ. ރަސްގެފާނުގެ ފަރާތުން މީހަކު
 ފޭރޭމީހުންގެ އަރިހަށް އައިސް ރަށުން ފައިބައިގެން އަމާން
 ކަމުގައި ދިޔުމަށް ހުއްދައަށް އެދުމުން، އެމީހުންގެ ނިންމުމަކަށް
 ވީ، ނުކުޅެދުންތެރިކަން ހުރި މީހެއް ވާނަމަ ޤަތުލު ނުކޮށް
 ދޫކޮށްލުމަށެވެ. އެގޮތާއި ރުހި އެންމެން ރަށްބޭރަށް ނުކުމެ
 ހިއްސުތައް ސަލާމަތުން ހުރި މީހެއް ވިއްޔާ ޤަތުލުވެ
 ނުކުޅެދުންތެރިކަމެއް ހުރި މީހެއް ނަމަ ސަލާމަތް ވެއްޖެއެވެ.

ޅ. ނައިފަރުގެ ދޯންޏަކުން މާވަހަރެއް ހޮވޭފޫ





ނައިފަރު ދޯންޏަކުން ހޯދި މާވަހަރެއް ކަމަށް ޝައްކުކުރެވޭ އެތި--- ފޮޓޯ/ ފަޅުވެރިން. ޅ. ނައިފަރުގެ ދޯންޏަކުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ
ކ. ގުޅީ ކަންނެލި މަސްވެރިކަން ކުރާ "ލަޝްކަރު" ކިޔާ ދޯނި ވެސް މިދިޔަ ހަފުތާގޭ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވޭފޭވަނިކޮށް ނައިފަރު ދޯނިން މިހޮވީ ކޮންފަދަ އެއްޗެއް ކަމެއް ނޭނގެއެވެ.
މާވަހަރު ފެނެފޭ ވަނީ ނައިފަރަށް ނިސްބަތްވާ 'ފްރެޝް 4' ދޯންޏަށެވެ. އެ ދޯނީގެ ފަޅުވެރިއަކު މިއަދު ގުޅޭލީމާ ބުނީ "މާވަހަރެއް ކަމަށް ހީވާ އެއްޗެއް ހޮވޭފޭ އިބައޮތް ކަމަށާއި ބޮޑަށް ބެލެވެނީ އޭ ހުދަންބަރެއް" ކަމަށެވެ
އިތުރު ތަހުލީލު ތަކާ ޓެސްޓްތަކެއް ހެދުމަށް މިއަދު "ހުދަންބަރު" ރާއްޖޭން ބޭރަށް ލަންކާ އަށް ފޮނުވާނެ ކަމަށާއި މާވަހަރު ކިރި އިރު އޭގައި ހަތް ކިލޯ ދުއިސައްތަ ވިހި ގްރާމް ހުރި ކަމަށް ފަޅުވެރިޔާ ބުންޏެވެ.
"މާވަހަރު" ވިއްކާލާނެ އަގު އަދި ކަނޑައަޅާފައި ނުވާ ކަމަށާއި "ހުދަންބަރު"ގެ އިތުރު ތަހްލީލްތަކެއް ހެދުމަށް ފަހު ވިއްކާލާނެ އަގު ކަނޑައަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ
.:ނައިފަރު އަޕްޑޭޓް ނިއުސް:.
 ޖމލ

Monday, July 15, 2013

ކަހަނބުގެ ސިގްނަލް ގެއްލިއްޖެ..!


މެރިން ރިސާޗް ސެންޓަރަކީ ރާއްޖޭގެ ކަނޑުގެ ދިރުމާއި ބެހޭ އެކި ކަހަލަ މައުލޫމާތު އެއްކޮށް، އެފަދަ ރިސާރޗް ތައް ކުރަމުން ތިޔަ ސަރުކާރުގެ މުއައްސަސާއެކެވެ. ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސް މަހާ މެއްސާއި އެކި ވައްތަރުގެ ގާގަލާ ގެލީގެ މައުލޫމާތުގެ އިތުރުން ކަނޑުތެރެއިން ފެންނަ އެކިވައްތަރުގެ އެއްޗެހީގެ މައުލޫމާތުވެސް އެއްކުރެއެވެ.

އެގޮތުން ކަނޑުބިލަމާހާއި ކަންނެލީގައި ފާހަގަ ޖަހާފާ ދޫކުރުމާއި ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލައާއި ކަހަނބު މަދުވަމުން ދާކަން އިޙްސާސް ކުރެވެން ފެށުމުން، މެރިން ރިސަރޗް ސެންޓަރުގެ ބެލުމުގެ ދަށުން ކަހަނބެއްގައި ސެޓެލައިޓް ޓެގް ޖަހާފައި ދޫކުރެވުނެވެ. މި ކަމުގެ ބޭނުމަކީ ވެލައާއި ކަހަނބު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ގޮސް އުޅޭ މިންވަރު ބެލުމެވެ. މި ޓެގް ހަރުކުރެވިފައިވަނީ ކަހަނބުގެ ބުރަކަށި މަތީގައި ކަމުން، ނޭވާލުމަށް މައްޗައް އަރާ ކޮންމެ ފަހަރަކު އާއި، އެއްގަމުގައި އޮތަސް ކޮންމެ 10 މިނެޓަކުން އޭތި އޮންނަ ސަރަހައްދެއް ސެޓެލައިޓް މެދުވެރިކޮށް މެރިން ރިސަރޗް ސެންޓަރ ގެ ސަރވަރއަށް މައުލޫމާތު ފޯރުކޮށްދެމުން ދެއެވެ.

ކަހަނބު ގައި ޓެގް ޖެހުމަށްފަހުދޫކޮށްލެވުނީ ސުނާމީ ބިނާ މިހާރު ހުންނަ ހިސާބުން 50މީޓަރ ބޭރުންނެވެ. ކޮންމެ 10 މެނަޓަކުން ކަހަނބު އުޅެމުންދާ ހިސާބު ގްރާފެއްގެ ސިފައިގައި ޑޭޓާ ބޭސްގައި ކުރެހެމުން ދިޔައެވެ. ޓީމުގެ މީހުން ވެސް ވަރަށް ފަރުވާތެރިކަމާއެކު ކަހަނބު އުޅެމުން ދާގޮތް ދޭތެރެއަކުން ބަލާލައެވެ. ނުވަތަ "ކޮބާ ކިހާ ހިސާބެއްގަ އެސޮރު އެއުޅެނީ" މިފަދަ ގޮތަކަށް ކަހަނބުގެ ފަހުގެ އަޕްޑޭޓެއް ލިބޭތޯ އަހާލައެވެ. މިކަމަށް ޑިއުޓީ ބަހައިގެން ބަޔަކު ތިބެއެވެ.

މިއަދަކީ ކަހަނބު ދޫކޮށްލިތާ ހަފްތާއެއް ވީ ދުވަހެވެ. ހަފްތާއެއްގެ ތެރޭގައި މާލޭގެ ވަށައިގެންވާ ފަރުގެ ގިނަ ސަރަހައްދަކަށާއި، ހުޅުލެއާއި ވިލިގިލި ފަދަ ސަރަޙައްދު ތަކުގައި މި ކަހަނބު އުޅެމުންދިޔަ ކަމަށް ގުރާފުން ދައްކައެވެ. އެގޮތުން އެސޮރު އެންމެ ގިނަ ވަގުތު ހޭދަކޮށްފައި ވަނީ ވިލިނގިލި އަތިރިމައްޗާއި ދިމާގައެވެ. މި ހުރިހާ މައުލޫމާތެއް މަސައްކަތުގެ ކޯޑިނޭޓަރާއި ހިއްސާ ކުރުމަށް ޓީމް ކުދިން ބައްދަލުވުމެއް ބޭއްވިއެވެ. އަދި މިކަމަށް ތައުރީފުގެ ބަސްތައް ކޯޑިނޭޓަރުގެ ފަރާތްޕުޅުން އޮހެމުން ދިޔައެވެ.

ޑިއުޓީގައި ކޮމްޕިއުޓަރުގެ ސްކްރީންއަށް ބަލަހައްޓައިގެން އިން މުރާދަށް ނިދިޖެހިލައި ހޭލެވުން އިރުން ގްރާފުން ފެންނަމުންދާ ފެހި ކުލައިގެ ތިކި ގެއްލިއްޖެއެވެ. ކުއްލި ގޮތަކަށް ކަހަނބުގެ ޚަބަރު ވުން ކެނޑިއްޖެއެވެ. ތިކި އެންމެ ފަހުން ދިއްލުނީ ވިލިނގިލި އަތިރި މައްޗާއި ދިމާއިން ކަމަށް ސްކްރީންއިން ފެންނަމުން ދިޔަ ގްރާފަށް ޒޫމް ކޮށް ލުމުން އެނުގުނެވެ. މުރާދު އަވަސް އަވަހަށް ގޮސް ޓީމުގެ ކޯޑިނޭޓަރަށް މި ވާހަކަ ދެންނެވިއެވެ.

މުރާދު: "ބައްލަވާ..! ކަހަނބުގެ ސިގްނަލް ގެއްލިއްޖެ..! މަރުވީ ކަންނޭނގެ.."
އެވާހަކަ އަޑު އިވުމާއެކު އެންމެން ހާސްވެއްޖެއެވެ.
ފަރީދު: "ސިގްނަލް ދިޔައީ އޭ.. މަރުވީ އޭ... ނުވާނެ އެހެނެއް.."
ފަތުހީ: " ތި ޖެހުނީ އަވަހަށް ތިކަން ބަލަން.."
ރަމީޒު: " ހިނގާ .. ހިނގާ... ތި ކަމެއް ވާނެ ބަލަން.."

މުރާދު ބުނީ ހަމަ ތެދެކެވެ. ކަހަނަބު ގެއްލުނީއެވެ. މި ކަމުގައި އެންމެން ކަންތައް ބޮޑުވެފައި ތިއްބައި މެންދުރު ވަގުތު ވުމުން ބްރޭކަށް ގޮސްފައި އައިރު މުރާދު މާ ވަރަކަށް ހިނި އައިސްފަ ހުއްޓާ ފެނިގެން ކިހިނެއް ވީތޯ އަހާލުމުން އަނެއްކާ ސިގްނަލް ލިބެން ފެށީ ކަމަށް ބުންޏެވެ. ހުރިހާ އެންމެން ވެސް ސްކްރީންއަށް ބަލަމުން ދެއެވެ. ވަރަށް ހައިރާން ކަމާއެކު އެކުއެވެ.

ކުރީގައި އެސޮރު އުޅެމުންދިޔަ މާހައުލު މުޅިންބަދަލުވެއްޖެއެވެ. އަދި މޫދުގައި ދުވާ ސްޕީޑް މާ ބާރުވެސް ވެއްޖެއެވެ. ގަޑިއަކު 12 މޭލު ބާރުމިނުގައި އެސޮރު އެބަ ދުވެއެވެ. ހައިރާންވެ އަންތަރީސް ވާ ކަމަކީ ވިލިނގިލިން ހަމަ ސީދާ ސީދަލަށް ގޮސް ތިލަފުއްޓަށް ދާތީއެވެ. އަދި އެއްވެސް އިތުރު ޙަރަކާތެއް ނެތި، އޮތުމަށްފަހު އަލުން ވިލިނގިއްޔަށް އަންނާތީއެވެ. މިގޮތަށް ކޮންމެ ދުވަހަކު އެބަ ދަތުރުކުރުކުރާކަމަށް ގްރާފުން ދައްކައެވެ. ހުކުރު ދުވަހު އެސޮރު މިއޮތީ ވިލިނގިލީގައެވެ. އެއްވެސް ތާކަށް ނުދެއެވެ. މިކަމާ ކަންތައްބޮޑުވެގެން އެންމެން ވާހަކަ ދައްކަން ފެށިއެވެ.
ފަތުހީ: "ކީއްވެބާ އަބަދު އެއްތާކަށް އެއްގަޑިއެއްގަ އެ ސޮރު އެދަނީ.."
މުރާދު: " ވިލިނގިލީގަ ނިދަނީ ކަންނޭގެ ދޯ.."
ރަމީޒު: " ހިނގާ މާދަމާ ޓްރޭޝަރ ހިފައިގެން އޭގެ ސިގްނަލް ބަލަން... ބަނދަރު އަތިރިމަތީ ދިމާގަ އޮތްކަމަށް ދޯ ޗާޓުން ދައްކަނީ.."
ރަމީޒުގެ މިނިންމުމަށް އެންމެން ތާއީދު ކޮށް އެސޮރު އެއޮތް ތަނެއް ހޯދުމަށް ބޭނުން ވިއެވެ.

ރަމީޒުގެ ޚިޔާލަށް އެންމެ ފަހުން ވިލިނގިއްޔަށް ދާން ނިންމިއެވެ. ޖެހިގެން އައި ހުކުރު ދުވަހު ހެނދުނު ވިލިނގިއްޔަށް ގޮސް ރާޑަރުން އޭގެ ސިގްނަލް ލޮކޭޓް ކުރަނިކޮށް އެދިމާލުގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏާއި ދިމާއިން އެލާމް ވެއްޖެއެވެ. ދެން އެ ދޯންޏަށް އެރުމުން ސިގްނަލް ސިންކްރޮނައިޒް ވެއްޖެއެވެ. އެހެން ކަމުން އެސޮރު އޮތް ތަނެއް ހޯދުމަށް އެ ދޯނީގައި ޖަހާފައި އިން ނަންބަރަކަށް ގުޅުމުން އޭގެ ކައްޕި އަތުވެއްޖެއެވެ.

ފަތުހީ: "އަޅުގަނޑުމެން މީ މެރިން ރިސަރޗް ސެންޓަރުން އިނގޭތޯ.."
ކައްޕި: "ލައްބަ.. ދޯނި ނަގަންވީތޯ.."
ފަތުހީ: " ނޫން.. ނޫން.. ދޯންޏަށް އަރަންވީ އަޅުގަނޑުމެން އެކީގަ.. މި ވެގެން އުޅޭ ގޮތް އެނގިލައްވާތޯ.."
ކައްޕި: "ނޫން.. ނޫން.. ހިންގަވާ..."
ފަތުހީ: "މި ދޯނީގަ އޮތް ކަހަނބު އަޅުގަނޑުމެންނާ ޙަވާލު ކުރަންވީ.."
ފަތުހީ މިހެން ބުނުމުން ކައްޕިއަށް އޮޅުން އެރިއެވެ.
ކައްޕި: "މަޑުކޮށްލާ... އެބަ އަންނަން..."

އިރުތަކެއް ވަންދެން ދޯނީގެ އެތަން މިތަން ހޭވުމަށްފަހު އައީ ބަތް އަޅާކަހަލަ ކަހަނބެއް ހިފައިގެންނެވެ.
ކައްޕި މި ގެނައި އެތި ފެނިފަ ފަތުހީ ރުޅިވެރިކަމާއެކު ބުންޏެވެ.

ފަތުހީ: " ސަމާސާ ކުރާކަށް ނޫން މިއައީ.. ދުރުވޭ އަޅުގަނޑުމެންނާ އެކީ ސިފައިންގެ އަށް ދާން.. އަޅުގަނޑުމެން މި ދަންނަވަނީ މޫދުގައި އުޅޭ ވެލާ ކަހަނބު ވާހަކަ އިނގޭތޯ.."
ކައްޕި: "ކަހަނބޭ.... މި ދޯންޏަކު ކަހަނބެއް ނޯންނާނެ.."
ރަމީޒު: "އެހެން ވިއްޔާ ބުނެބަލަ... މިއިން ދުވަހެއްގަ މި ދޯންޏަށް ކަހަނބެއް ހިފައިގެން ނެގިންތަ..؟"
ރަމީޒުގެ މި ސުވާލުގެ ސަބަބުން ކައްޕި ބިރުން ދާހިއްލާ ފޯވަން ފަށައިފިއެވެ. ވެލާ ކަހަނބަކީ ހިމާޔަތް ކުރެވިފައިވާ އެއްޗެހި ކަމުން، އޭގެ އެއްޗެއް ހިފައިފި ނަމަ ބޮޑު ހުކުމެއް އަންނާނެކަން ކައްޕިއަށް އެނގެއެވެ.
ކައްޕި: "އަސްލު ތިކަންތައް ވީ އެހެން ގޮތަކަށް އިނގޭތޯ.. އަޅުގަނޑު.."
ކައްޕިގެ ކަރުތެރެ ބެދޭ ގޮތްވެ އަނގައޮޅެން ފެށިއެވެ.
ކައްޕި: " އަޅުގަނޑުމެން ދޯނި ކުއްޖެއް ފީނަން އުޅެނިކޮށް ފެނުން ކަހަނބެއް... އޭނަ އޭތި ނެގީ އޭގެ ބުރަކަށިމަތީގަ ފާޑެއްގެ އެއްޗެއް ހަރުކޮށްފަ އިނީމަ.. އޭނަ ބުނި އެއީ ނިއުކުލިއަރ ބޮމެކޭ... ރާއްޖެއަށް ކޮންމެސް ބަޔަކުން ހަމަލަ ދޭން ފޮނުވާފަ އިން އެއްޗެކޯ.."
ކައްޕިގެ މިވާހަކަ ތައް އަޑު އިވިފައި ކަހަނބު ގެ ވާހަކަ ބޭ އިޚްތިޔާރުގައި އެންމެނަށް އަހާލެވުނެވެ.
"ދެން ކޮބާތަ ކަލޭމެން ހިފި ކަހަނބު..."
ކައްޕި: "އަޅުގަނޑުމެން  އޭތި ކާލައިފިން... އެކަމަކު އޭގަ ހަރުކޮށްފަ އިން އެތި އިންނާނެ އިންޖީނު ގެ ތެރެއަށް ލާ ފޮރުވާފަ.. މާފުކުރައްވާ... އަޅުގަނޑުމެން އޭގެ ކަހަނބެއް ހިފައިގެން ގެނެސް ދެންތޯ.. ނޫނީ.."
ކައްޕި އަށް ބިރުން ރޮވެން ފެށުނެވެ. މައްސަލަ ބޮޑުވެދާނެތީ އާދޭސް ކުރަން ފެށުނެވެ.
ކައްޕިގެ ވާހަކަ އަޑުއެހުމަށް ތިބި ޓީމުގެ މީހުން މާޔޫސް ވެއްޖެއެވެ. ކައްޕިގެ ވާހަކަ މެދު ކަނޑާލާފާ ފަރީދު ވާހަކަ ދައްކަން ފެށިއެވެ.
ފަރީދު: "ތަނަކުން އެއްޗެއް ފެންނަ އިރަށް ކާލަން ޖެހޭތަ.. ކަހަނބެއް ބޭނުމެއް ނޫން.. އޭގަ ހަރުކޮށްފަ އިން ޓެގް ގެނެސްދީ.. ވީ ކަމެއް ނުވާ ކަމަކަށް ނުވާނުން.."

ކައްޕި ތެދުވެރިކަމާއެކު ކަންތައް ވީގޮތް ކިޔައިދިނުމުން، ޓީމުގެ އެންމެން ނިންމީ އެހިސާބުން އެ ޓެގް ހިފައިގެން އެނބުރި ދިޔުމަށެވެ.
ތެދެކެވެ. ތަނަކުން އެއްޗެއް ފެންނަ އިރަށް އެއެއްޗެއް ކާލާކަށް ނުޖެހެއެވެ. ވެލާ ކަހަނބު މަހަކީ މީރު މަހެއް ކަމުގައި ވާތީ ގިނަބަޔަކު ވެލާ ކަހަނބު ހިފަމުންދިޔައެވެ. އެއްދުވަސް ވަރެއްގައި ވެލާ ކަހަނބު މަހަކީ ޙަރާމް އެއްޗެއް ކަމުގައި މައުމޫނު ސަރުކާރުގެ އިލްމުވެރިޔަކު ފަތުވާވެސް ދެއްވާފައި ވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ކޑޒ

Monday, April 8, 2013

ކުޅެލެވޭނީ ކުޅެވޭވަރުގެ މީހުންނާ...


އިމާމުން ތަމްރީނު ކުރާ ކޯހަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އެތައް ބަޔަކަށް ހިންގާފައިވާ ކޯހެކެވެ.  އެގޮތުން އެންމެ ގިނަ ބަޔަކު ހަދަމުންދާ މި ކޯހަކީ ރަނގަޅު ފެންވަރުގެ އިމާމުން ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުމަށް ތަމްރީނު ކުރުމަށް ދެވޭ އެންމެ ފުރިހަމަ ތަމްރީނެވެ. ރާއްޖޭގައި އޭރުވެސް މިހާރުވެސް އިމާމުން ތަމްރީނުކުރަނީ މި މަރުކަޒުންނެވެ. މޫސާމަނިކަކީ ހުރާއިން އިމާމު ކޯސް ހެދުމަށް އައިސް އުޅުނު އެރަށު މިސްކިތެއްގެ މުދިމެކެވެ. ކޯހުގައި ދުވަސް ތަކެއް ވީއިރު މޫސާ މަނިކަށް ވަނީ އެތައް ބައިވަރު ރަހުމަތްތެރިންނެއް ލިބިފައެވެ. ފަހުމީ އަކީ މާކުރަތު މީހެކެވެ. މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ.  އިމާމު ކޯހުން ފާސް ވިޔަސް ފަހުމީ އަކީ ފިސާރި ގަޅި މީހެކެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ތަނަކު ހުރި ދެބޯ ބުރާންޗެކެވެ.

އިމާމު ކޯސްނިމި މޫސާމަނިކުގެ ދަޢުވަތަކަށް ފަހުމީ ހުރައަށް ދިޔަ ދުވަހެކެވެ. ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރުކުރަން ހަމަޖެހިފައިވާ ޚަތީބު (ޚުތުބާ ކިޔާ މީހާ) ޚުތުބާގެ މެދު ތެރެއިން ހަދީޘެއްގެ ރާވީ އެއް (ޙަދީޘް ރިވާކުރައްވާ ބޭކަލުން) ގެ ނަން ކިޔާލުމުން، ފަހުމީ އަށް ކުއްލި ޝޮކެއް ލިބުނެވެ. އަދި ހިތާ ހިތާ ބުނެލެވުނެވެ. ޔަޤީނެވެ. މީނަ މަށަށް ދެއްކެން މޮޅުވެލީއެވެ. ކޮންމެއަކަސް ފަހުމީގެ ބުރާންތި ސިކުނޑިން ފަހުމީއަށް ވިސްނައި ދިނީ އެހެން އެއްޗެކެވެ.

ޒަމާންތަކަކަށް ފަހު، ފަހުމީގެ ދައުވަތަކަށް މޫސާ މަނިކު މާކުރަތަށް ދިވެހި ބޭހަކަށް ދިޔައެވެ. އޭރު ފަހުމީ އަކީ އެރަށު މިސްކިތުގެ މުދިމެވެ. މިސްކިތަށް ނަމާދަށް ދާއިރު ދަނީވެސް މޫސާމަނިކު ގޮވައިގެންނެވެ. މޫސާމަނިކަކީ ރީތި މަޚުރަޖަކާއި އޮމާން އަޑެއް ލިބިފައިވާ މީހަކަށް ވާތީ، އޭނާގެ ކިޔެވުން އަޑު އިވި މީހަކު ފަހުމީއަށް ކުޑައިމީސް ބަހެއް ބުނެފާނެކަމަށްޓަކައި، ފަހުމީ މޫސާމަނިކު ލައްވާ މެންދުރު ނަމާދާއި، އަޞުރު ނަމާދު ފިޔަވައި އެހެން އެއްވެސް ނަމާދެއް ނުމެ ކުރުވައެވެ. މިގޮތުގައި ހަފްތާއެއް ވަރު ވީ ތަނާ، ހުކުރު ކުރާ ތަރުތީބުން، ހުކުރުކުރަން މިޖެހުނީ ފަހުމީއަށެވެ.

ހުކުރު ޚުތުބާ އަކީ އަބަދުވެސް ފަހުމީ ކިޔާ ޚުތުބާ އަކަށް ވުމުން، ޚުތުބާ ވަނީ ގޮތަކަށް ހިތުދަސްވެފައެވެ. ހުކުރު ކުރުމަށް މިންބަރަށް އެރުމަށް ފަހު، ޙާޒިރީންނަށް (ހުކުރަށް އައިސްތިބި މީހުންނަށް) ސަލާން ގޮވާލުމަށް ފަހު، ހުކުރުގެ ބަންގި މޫސާމަނިކު ދިނުމުން ފަހުމީ ޚުތުބާ ކިޔަންފެށިއެވެ. ޚުތުބާގެ ވަކި ހިސާބަކުން، އަރަބިން އޮތް ޙަދީޘެއް ކިޔަން ޖެހުނެވެ. ފަހުމީ ހިތަށް އެރިއެވެ. މިއީ ހުރައަށް ދިޔަ ދުވަހު، މޫސާމަނިކު ކީ ޚުތުބާއެވެ. އޭނަ މަށަށް ލަނޑެއް ދޭން މިއޮތީ މިއަށް ބަދަލު ގެނެސްފައެވެ. އަޑަށް ލެވުންޙާ ބާރެއް ލާފައި ދެފަހަރަކު ތަކުރާރުކޮށް ކިޔާލިއެވެ. 
عَن اَبِي مـــَــاكُرَةُ رَضِيَ اللَّه عَنْه قـــَالَ   ޢަން އަބީ މާކުރަތު ރަޟިޔަﷲ ޢަންހު ޤާލަ..

ހުކުރުކޮށް ނިމިގެން ގެއަށް އައި މަގުމަތީ، ފަހުމީ ، މޫސާމަނިކާ ދިމާއަށް ބުންޏެވެ.

ފަހުމީ: "ކުޅެލެވޭނީ ކުޅެވޭވަރުގެ މީހުންނާ... ކަލޭ ހީކުރީ މަށަށް އޮޅުވާ ލެވޭނެ ކަމަށް ދޮތަ..!"

ވާނީވެސް އެހެން ތާއެވެ. ހުރާގައި ކިޔަން ޖެހޭނީ ހުރާ ލައިގެންނެވެ. މާކުރަތުގައި ކިޔަން ޖެހޭނީ މާކުރަތު ލައިގެންނެވެ. ޚުތުބާ އަޑުއަހަން ތިބި ތަންދޮރު ދަންނަ ގިނަ ބަޔަކު ތިބީ ދޮޅު ރޯނާ ވެފައެވެ. އަހަރެން ވާ އެއްޗެއް ބުނާކަށް ނެތީމެވެ. ފަހުމީއަށް ވަރަށް ސަލާމެވެ.
ނައިފަރު އަޕްޑޭޓް ނިއުސްޓީމް (ކޑޒ)

Tuesday, January 15, 2013

ކަލޭގެފާނު ދެއްވައިފިއްޔާ ގެންދާނަމެވެ.



ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ ރައްޔިތުން ކާނެ އެއްޗެއް، ބޯނެ އެއްޗެއް ނުލިބި، ބަނޑަށް މަރުވަމުން ދިޔަ އެންމެ ތަދު ދުވަސްވަރެވެ. ރާއްޖޭގެ ރައްޔިތުން ދެކެފައި ނުވާ އެންމެ ދަތި "އެކަކު ގައިގަ އަނެކަކު ދަތް އަޅާ ވަރުގެ" ދުވަސްވަރެވެ. ބަނޑުހައިކަމުގެ ސަބަބުން، އެކި ވައްތަރުގެ ފަތްޕިލާވެއްޔާއި ވާ ކައިގެން ގަސްދޮށަށް ވެއްޓިފަހުންނަ ގަސްގަހުގެ މޭވާ ކެއުމުގެ ސަބަބުން، އެތައްބަޔަކު ވަނީ ކާނާ ވިހަވެފައެވެ. އެގޮތުން އެންމެ ގިނަ މީހުން ކެއި ކަމަށް ވަނީ ޅޮސްފަތާއި، މަގޫފަތެވެ.
އުއްސަކުރު ޒަމާނަކީ މި ދުވަސް ވަރަށް ކިޔައި އުޅުނު ނަމެކެވެ. ކޮންމެ ރަށެއްގައި ކާޑު ހަވާލު ކުރާ އޮފީހެއް (ކ.ހ އޮފީސް) ހުރެއެވެ. އެއީ މާލެއިން ފޮނުވާ ކާޑުގެ ބާވަތްތައް ރަށުގެ ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ބެހުމަށް އަތޮޅު އޮފީހުން ހަމަޖައްސާ ވަކި ބަޔަކު ތިބޭ ތަނެކެވެ. ކޮންމެ މީހަކަށް ބޮލަކަށް ދޫކުރަނީ ދުވާލަކަށް ބައި ގާ (ބައި ކިލޯ) ފުށް، ނުވަތަ ހަނޑޫ، ނުވަތަ ހަކުރެވެ. މި ދަތި ދުވަސްވަރުން މިންޖު ކުރައްވާތޯ މާތް ދޭވަތާއިންގެ ކިބަޔަށް ދުއާ ކުރުމާއި، ޒިޔާރަތްތަކަށް ނަދުރު ނުބުނާ މީހަކު މަދުވާނެއެވެ.

އިހުޒަމާނުގެ މީހުން ގަބުލުކުރާ ގޮތުގައި ޒިޔާރަތް ތަކުގައި ފަސްދާނުލެވިފައިވާ ބައެއް ދަންނަ ބޭކަލުން ނުވަތަ ވަލީވެރިންނަކީ، މީހުންގެ މުހުދާތުތައް (ބޭނުންތައް) ފުއްދައި ދެއްވާ ބޭކަލުންނެވެ. އެގޮތުން ތަބުރޭޒުގެފާނުގެ ޒިޔާރަތާއި، ހއ. އުތީމު ގައި ހުންނަ މުހައްމަދު ތަކުރުފާނުގެ ގަނޑުވަރުގައި ހުންނަ ޒިޔާރަތާއި، ރ. ކިނޮޅަހު ޒިޔާރަތާއި ބަރުބަރީގެފާނު ޒިޔާރަތަކީ އެންމެ ގިނަމީހުން ނަދުރު ބުނެ އުޅޭ ޒިޔާރަތްތަކެވެ. ނަދުރުބުނެ އުޅޭ ގޮތަކީ، އެނަދުރު ބުނާ މީހެއްގެ ބޭނުން ފުދިއްޖެ ނަމަ މިވެނި އެވެނި ކަމެއް ކުރާނަމޭ ނުވަތަ ޒިޔާރަތަށް ކޮންމެސް އެއްޗެއް ހަދިޔާ ކުރާނަމޭ މިފަދަ އިބާރާތަކުން މީހެއް ކައިރީ ނުވަތަ ބައެއްގެ ޙާޒިރުގައި ބުނާ ބުނުމެކެވެ. މިސާލަކަށް، އަންހެން ދަރިއަކު ނުލިބިގެން އުޅޭ މީހަކު، ތިމަންނާއަށް އަންހެން ދަރިއަކު ލިބިއްޖެނަމަ ކިނޮޅަހު ޒިޔާރަތަށް ދޮޅިއްސަ ކާށިން ނަދުރު ބުނެފިމޭ ބުނެ އަންހެން ދަރިއަކު ލިބުމުން އެދަރިފުޅު ގޮވައިގެން ޒިޔާރަތަށް ގޮސް ޒިޔާރަތް ކައިރީ ކާށި ބަހައްޓަނީއެވެ. އަދި ކާށި ބަހައްޓާއިރު މިއީ ތިމަންނަ މިވެނި އެވެނި ކަމެއް ވުމަށް ނަދުރުބުނެ، އެ ކަން ހާސިލް ވުމުން ނަދުފުއްދުމަށް ގެނައި ތަކެތިކަމަށް ޒިޔާރަތް ކައިރީ ހުއްޓިހުރެ ބުނެތެވެ.

ނައިފަރު ތުއްތުބެ (އަސްލު ނަމެއްނޫން) ނަމަކަށް ކިޔާ މީހަކު ރާއްޖޭގެ އުތުރުގެ ރަށަކަށް ކޮންމެވެސް ބޭނުމެއްގައި ދަތުރެއް ކުރިއެވެ. ތުއްތުބެ އަކީ ހަރުކުލައިގެ މީހަކަށް ވެފައި ނައިފަރުގެ މީހުން ވަރަށް ޤަދަރު ކުރާ މީހެކެވެ. ރަށުގައި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލުމަށް ފަހު، ފުރަން ކައިރި ވުމުން ރަށުގެ މީހުން ނަދުރު ބުނާ ޒިޔާރަތް ދޮށަށް ތުއްތުބެ ދިޔައެވެ. ރަށުގެ އެކި އެކި މީހުންނާއި، އަތޮޅުގެ އެކި އެކި ފަރުދުން ނަދުރުބުނެގެން ، ނަދުރު ފުއްދުމުގެ ގޮތުން ޒިޔާރަތަށް ވެދުން ކޮށްފައި ހުރި ބޮޑެތި ކާށި ފުނިތަށް ޒިޔާރަތް ކައިރީ ހުއްޓާފެނިގެން، މި ކާށިކޮޅު ގެންދާނެ ފިކުރެއް ތުއްތުބެ ކުރިއެވެ. ޖެހިގެން އައި ދުވަހު ހެނދުނު، ރަށުގެ ދެފިރިހެނުންނާއި އެކު، ތުއްތުބެ ފުނަ ދަނޑިއެއް ހޯދުމަށް ނިކުމެއްޖެއެވެ. ވަލުތެރެއިން ފުދޭ ވަރެއްގެ ތެދު ހައެއްކަ ފުނަ ދަނޑި ކަނޑައިގެން، ގެއަށް އައީ ޒިޔާރަތްމަގުން ލައިގެންނެވެ. ޒިޔާރަތް ކައިރިއަށް މަޑުކޮށްލުމަށްފަހު ތުއްތުބެ މަޑުމަޑުން އެބަހުރެ "ކަލޭގެފާނު ދެއްވަވައިފިއްޔާ، އަޅުގަނޑު ގެންދާނަމޭ.." ކިޔައެވެ.

ތުއްތުބެ މިކިޔާ އެއްޗެއް، އެކުގައި ދަނޑިކަނޑަން ދިޔަ އެކަކު އަހާލުމުން އެބަބުނެއެވެ. ޒިޔާރަތް ކަލޭގެފާނު އެބުނަނީއޭ، ކޮންއިރަކުންތޯ އޭ ފުރުއްވަނީ... ރަށަށް ދުރުވާއިރު މިތާމިހިރަ ކާށިކޮޅާއި އެއްޗެހި ގެންދަންވީނުންތޯއޭ.. އަހަރެން މިބުނަނީ އޭ، "ކަލޭގެފާނު ދެއްވަވައިފިއްޔާ، އަޅުގަނޑު ގެންދާނަމޭ.." އެވެ. ދެން އަހަރެން މި އަހާލީއޭ، މިއޮއްހާ ބައިވަރު ހަމަ އަޅުގަނޑަށް ތޯ އޭ... އެކަލޭގެފާނު އެބުނުއްވަނީއޭ އާދޭހޭ.. ހަމަ ތުއްތުބެއަށޭ... ގެންދަހަރޭ... އަހަރެން މި އަހާލީއޭ، މިއޮއްހާ ބައިވަރު ގެންދާނީވެސް ފަހެ ކިހިނަކުންތޯ އޭ.. ބުނީމަ އެކަލޭގެފާނު އެބަ ބުނުއްވައޭ، ރަށުކަތީބު ކައިރީ ނަންގަންނަހަރޭ... ޒިޔާރަތްކަލޭގެފާނު ބުނުއްވައިފިއޭ މިހެން.. ކަތީބަށް ނަންގަންނަވަނިކޮށް، ދޯންޏަށް ކާށިކޮޅު ބަރާކޮށްލަދެއްވާނޭ..." މިހެންނެވެ.

މިތާ ތިބި ދެ މީހުންނަކީ މިކަހަލަ ކަމެއް ދުވަހަކު ފެނިފައިވެސް ނުވާ އަދި ކިއެއްތަ ގަމާރު ދެސޮރުން ކަމަށް ވާތީ މީނާ ދެއްކި މި ވާހަކަ ގަބޫލުކޮށް، ހަލުވިކޮށް ގޮސް ކަތީބަށް ޚަބަރުކޮށްފިއެވެ. ކަތީބު ދުރުވެ އެކަން އެމަގަށް ކުރުމަށް ރައްޔިތުންނަށް އަންގައިފިއެވެ. ވާނީވެސް އެހެންތާއެވެ. މި ދިޔަ އެތަކެއް ޒަމާނުގައި މީހަކު "ތޯ ތޯ" އަކަށްވެސް މިކަހަލަ ވާހަކައެއް ނުބުނެއެވެ. އަދި ޒިޔާރަތަކީ ކަރާމާތްތެރި ތަނަކަށް ވާތީ، މިވާހަކަ ދޮގުވެސް ކުރެވޭކަށް ނެތެވެ. ފުރަން ތައްޔާރުވުމުން، ޒިޔާރަތަށް ނަދުރުބުނެގެން ވެދުން ކޮށްފައިވާ ހުރިހާ އެއްޗަކުން  ދޯނި ބަރާކޮށް "އެކަލޭގެފާނު ބުނުއްވިފަދައިން" މަސައްކަތްނިންމާ ޚަލާސްކޮށްފިއެވެ. އެފަހުން މިބަސް ބޭނުން ކުރެވެނީ، މީހަކު ވަރަށް ބޭނުން ވެފައިހުރި އެއްޗެއް، ވަރަށް ފަސޭހައިން، މީހަކު ދިނުމަށް އެއްބަސްވާ ހިނދު އެ ދަނޑިވަޅުގައި، ޝުކުރު އަދާކުރުމަށް ބުނާ ބުނުމެއްގެ ގޮތުންނެވެ.

(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Wednesday, December 12, 2012

ވަލީ ދޭނީ ހެއްޔެވެ.. ނޫނީ ވަލީ ނުދޭނީ ހެއްޔެވެ..؟



މިއީ މީގެ ފަންސާހަކަށް އަހަރު ކުރީގެ ޙާދިޘާ އެކެވެ.  ނައިފަރުގެ މަޝްހޫރު ބޮޑު ބޭފުޅެއްގެ ދަރިއަކާ ހިތާވި ނިކަމެއްޗެއްގެ ވާހަކަ އެވެ. މަދްރަސީ ދައުރުއްސުރެ ވަރަށް ލޯބިން ހިތާވެގެން އުޅުން ދެ ލޯބިވެރިންނެވެ. ދެމީހުންވެސް އާއިލާގެ މީހުންނަަށް ވަގަށް ގުޅުން ބާއްވަމުން ދެއެވެ. ބައްދަލު ކުރަން ދަނީ މަޝްހޫރު "ގުއިފާރު" ދިމާ ފުނަ ދަނޑަށެވެ. ކުރީ ޒަމާނުގައި ނައިފަރުގެ އަންހެން ވެރިންނާއި ފިރިހެން ވެރިން ޤަޟާ ޙާޖަތް ކުރަން ދަނީ އަތިރި މައްޗަށެވެ. އެޒަމާނަކީ ފާޚާނާ ހުންނަ ޒަމާނަކަށް ނުވާތީ، އަންހެނުންނާއި ފިރިހެނުން އައުރަ ފެނިދާނެތީ އިން ވަކި ކުރުމަށް އެތަނުގައި އުސްފާރެއް ރާނާފައި ހުރެެއެވެ.

ދެމީހުން ރަށްޓެހިވެގެން އުޅޭކަން މީހެއްގެ ފުށުން، އަންހެން މީހާގެ ބައްޕައަށް ޚަބަރު ލިބުނެވެ. އެހާ ހިސާބުން، ބައްދަލު ކުރުމުގައި ދެމީހުންނަށް ވަރަށް ބޮޑަށް އުނދަގޫ ތަކާއި ކުރިމަަތި ލާން ޖެހުނެވެ. އަންހެން މީހާގެ ބައްޕަގެ ފަރާތުން ފިއްތުންތައް ކުރިމަތިވިއެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، ލޯބީގައި ލައިލާ އާއި މަޖުނޫނު ފަދަ މި ދެލޯބިވެރިން، ކޮންމެސް ގޮތަކުން ކަޓުޖައްސާ ކޮންމެސް ތާކުން ބައްދަލުކުރެއެވެ. އަންހެން މީހާގެ ބައްޕައަކީ މިސްކިތުގެ މުދިމު ނެތިއްޖެނަމަ މިސްކިތުގައި ބަންގި ގޮވާ ނަމާދު ކުރާ މީހެކެވެ. މިސްކިތުގެ މުދިމަށް ބޭރަށް ހިންގުމުގެ ރޯގާއެއް ޖެހުމުގެ ސަބަބުން،  ވަގުތީގޮތުން މިސްކިތާ ހަވާލުވެ ނަމާދު ކުރަނީ އަންހެން މީހާގެ ބައްޕައެވެ.

ރެއަކީ ވަރަަށް އަނދިރި ވިއްސާރަ ރެއެކެވެ. ދަމު ނަމާދު ކޮށްލުމަށާއި ޤުރުއާން ކިޔަވާލުމަށް، ކޮންމެ ރެއަކުވެސް އަންހެން މީހާގެ ބައްޕަ ތަންކޮޅެއް ކުރިން މިސްކިތަށް ދެއެވެ. ފަތިސްނަމާދަށް ދިޔުމަށް އަންހެން މީހާގެ ބައްޕަ ނިކުމޭތޯ ފާރަލުމަށް ފިރިހެން މީހާ ހުރީ ބޮލަށް ގޯންޏެއް އަރުވާ (ހިތުން ފުރޭތަ އެއްގެ ސިފައިގަ) މުޅިގައިގަ ފަންގަނޑެއް އޮޅައިގެންނެވެ. އެޒަމާނުގެ މީހުން ޚިޔާލީ ދެވީގެ އިތުރުން ފުރޭތަ އެއްޗެހި އުޅޭކަމަށް ޤަބޫލު ކުރެއެވެ. އެހެން ކަމުން ދަންވަރު 12 ގެ ފަހުން ފަތިސް ނަމާދަށް ބަންގި ނުދޭނީސް ގެއަކުން މީހަކު މަގުމައްޗަކަށް ނުނިކުންނާނެއެވެ. މަގުމަތީ ދިރޭ ފަންޏެއް ހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އަންހެން މީހާގެ ބައްޕަ ގެއިން ނިކުމެ ހިސާބަކަށް ދިޔަ ތަނާ ބިރުވެރި އަޑެއް ލައްވަމުން، އަންހެން މީހާގެ ބައްޕަގެ ގައިގަ ބަގުޑި ލާ ބައްދައިފިއެވެ.

އަންހެން މީހާގެ ބައްޕަ ބިރުން ގަޔަށް ފަހަރުވަ ލެވިއްޖެއެވެ. މި ފުރޭތަ ބިރުވެރި އަޑަކުން، ސީދާ ދިވެހިބަހުން ސުވާލުކުރަން ފެށިއެވެ.
ފުރޭތަ: ތިޔައީ، މިވެނި މީހާގެ ބައްޕަހޭ..؟
އަންހެން ކުއްޖާގެ ބައްޕަ: އާނއެކޭ.. މީ އެމަންޖެ ބައްޕައޭ، އަހަރެން ދޫކޮށްލާށޭ...
ފުރޭތަ: ނޫނޭ.. މިއަދު ކަލެޔެއް ދުލެއް ނުކުރާނަމޭ... ކަލޭގެޔާ ހުރެ މަށަށް ކަނޑުގައިވެސް ނޯވެވެޔޭ...
އަންހެން ކުއްޖާގެ ބައްޕަ: ތީ ކާކުހޭ..؟ މަށަށު ކަލެއަކަށް އުނދަގުލެއް ނުކުރަމޭ.. ދޫކޮށްލަހަރޭ..
ފުރޭތަ: ނޫނެކޭ... މީ ކަނޑު ރަސްގެފާނުގެ ދަރިއޭ... ކަލޭ އެމަންޖެ އިންނަން އުޅޭ ސޮރަށް ވަލީ ދޭނީހޭ..؟ ނުނީ ނުދޭނީ ހޭ..؟ ކޮންމެވެސް އެއް ޖަވާބެއް ދޭށޭ..
އަންހެން ކުއްޖާގެ ބައްޕަ: އަހަރެން ވަލީ ދީފީމޭ... އޭނާ ގާތު ބުނާށޭ މާދަން ހެކިވެރިން ގޮވައިގެން އަންނާށޭ...

މިހެން ހަމަ ބުނުމާއެކު ފުރޭތަ އަންހެން ކުއްޖާގެ ބައްޕަ ގައިން ދޫކޮށް އޭތި އެއައި ތާކަށް ހިނގައްޖެއެވެ.

ޖެހިގެން އައި ދުވަހު ފިރިހެން މީހާ އެގެއަށް ދިޔުމުން، އަންހެން ކުއްޖާގެ ބައްޕަ ހެއްދެވި ނުހެއްދެވިއަށް ގޮވާ، ވަލީ ނުދޭނަމޭ ބުންޏެވެ. ދެން ފިރިހެން މީހާ، އަނެއްކާވެސް އަންހެން ކުއްޖާގެ ބައްޕަ އަށް ފާރަލަމުން ދަނިކޮށް ދެރޭ ފަހުން މިސްކިތަށް ދާން ނުކުމެއްޖެއެވެ. އެރޭ އަންހެން ކުއްޖާގެ ބައްޕަ އައީ ހަށި ރައްކަލަކަށް އެގޭގައި އުޅޭ އެހެން ފިރިހެނެއް ވެސް ގޮވައިގެންނެވެ. ނަމަވެސް ކުރީރެއެކޭ އެއްގޮތަށް ދުވެފައި ގޮސް ފަހަތުން ބައްދައި ބިންމައްޗަށް ވައްޓާލާފިއެވެ. އަންހެން ކުއްޖާގެ ބައްޕަ އާއި އެކީ ހުރި ފިރިހެންމީހާ ބިރުން ހޭނެތިގެން ދެމިއްޖެއެވެ. ކުރީ ރެޔާ ޚިލާފަށް މިރޭ ދޫކޮށްލީ، ދެން ވަލީ ނުދީފިއްޔާ މަރާލައިގެން ކާލާނޭ ކަމުގެ އިންޒާރުވެސް ދިީފައެވެ.

އަންހެން ކުއްޖާގެ ބައްޕަ މިކަން މިމަގަށް ހިންގާ ކަމެއް އެއްވެސް މީހެއް ގާތަކު ނުބުނެއެވެ. ހަމަ އެދުވަހު ހެނދުނާ ވަލީ ހޯދަން ދެ ހެކިވެރިންނާއެކު ފިރިހެން މީހާ ހިނގައްޖެއެވެ. ނަމަވެސް އެހެން ދުވަސް ތަކެކޭ އެއްފަދައިން، މިއަދު ވެސް މިކަމަށް އިންކާރު ކުރީއެވެ. ދަމުން އެ ފިރިހެން މީހާ، އަންހެން ކުއްޖާގެ ބައްޕަ އާއި ދިމާއަށް ބުންޏެވެ. ރާވެރިންގެ ދަރިންނަށް ވެސް ތިން އެތިފަހަރުން އެކެތި ފަހަރު އޮންނާނެއެވެ.

ދެން ފިރިހެން މީހާ، އަނެއްކާވެސް އަންހެން ކުއްޖާގެ ބައްޕަ އަށް ފާރަލަމުން ދަނިކޮށް ހަތަރުރޭ ފަހުން މިސްކިތަށް ދާން ނުކުމެއްޖެއެވެ. އެރޭ އަންހެން ކުއްޖާގެ ބައްޕަ އައީ އެގޭގައި އުޅޭ އެހެން ދެ ފިރިހެނުން ވެސް ގޮވައިގެންނެވެ. ނަމަވެސް ކުރީރެއެކޭ އެއްގޮތަށް ދުވެފައި ގޮސް ފަހަތުން ބައްދައި ބިންމައްޗަށް ވައްޓާލާފިއެވެ. އަންހެން ކުއްޖާގެ ބައްޕަ އާއި އެކީ ހުރި އެކަކު ބިރުން ދުއްވައި ގަތް އިރު އަނެއް ފިރިހެން މީހާ ބިރުން ހޭނެތިގެން ދެމިއްޖެއެވެ. ރަށުގައި އުޅުނު އަންދާލީ ކިޔާ މީހަކު މަރުވެގެން ސަންދޯއް ބަލާ އަންދާލީގެ ސޮރު ނިކުތީ ފާނޫޒެއް ހިފައިގެންނެވެ. މި އަންދާލީގެ ސޮރަކީ ފިސާރި ބިރުކުޑަ ސޮރެކެވެ. ދުވަމުން އައި މި ފިރިހެން މީހާއަށް އައި ލައިގަނެވުނީ އަންދާލީގެ ސޮރުގައިގައެވެ. ޚަބަރު އަހާލުމުން ވެގެން އުޅޭގޮތް ކިޔާ ދީފިއެވެ.

ފުރޭތަ އަކީ ކަނޑުގައި އުޅޭ އެއްޗެއް ކަން މިސޮރަށް އެނގެއެވެ. އެއްގަމަށް ފުރޭތަ އަރާ އުޅޭ ވާހަކަ އާއި ފުރޭތަ އަހަރެމެންނާ އަހަރެމެންގެ ބަހުން ވާހަކަ ދައްކާނޭ ބުނާވާހަކަ މި ސޮރު ގަބޫލެއް ނުކުރިއެވެ. އަވަސްވެ ގަތީ ފުރޭތަ އޮތްތަނަށް ދާށެވެ. އެހިސާބަށް ދިޔައިރު އަންދާލީގެ ސޮރަށް ފެނުނީ، އަންހެން ކުއްޖާގެ ބައްޕަ ގައި މައްޗަށް ފުރޭތަ އަރައި އޮއްވައެވެ. ފާނޫޒުން އަލިކޮށްލުމުން، އެއެއްޗެއްގެ ފައި ވައްތަރީ އިންސާނެއްގެ ފަޔާކަން އެނގުނެވެ. އަންދާލީގެ ސޮރު ބަލާކަށް ނުހުރެ ފުރޭތާގެ ގައިގަ ބައްދާ އަތުމުލައްދަނޑިއަށް ލެވުންހާ ބާރެއް ލާފައި ފުރޭތައިގެ ނޯއް މަތީ އަޅާ ވިހެލިއެވެ. ފުރޭތަ ޚަބަރު ހުސްވެގެން ދެމިއްޖެއެވެ.

ފުރޭތަ އަކާ ފުރޭތައެއް އެތަނަށް ދޫކޮށްލާފާ، އަންދާލީގެ ސޮރު، އެސޮރުގެ ބަފާ ވަޅުލުމަށް އެނބުރި ދިޔައީ އެވެ. ފަތިސް ނަމާދުން ފައިބައިގެން ދިޔަހާ ބަޔަކު އެމަންޒަރު ލޮލުން ދެކި، މުޅި ރަށުތެރަށް އަންދާލީގެ ސޮރު ފުރޭތައެއް މަރާލި ވާހަކަ ފެތުރިއްޖެއެވެ. ފަތިސްވެ ބިންމަތި އަލިވުމުން، އެއީ ފުރޭތައެއް ނޫންކަމާއި، އެއީ އަންހެން ކުއްޖާ ރަށްޓެހިވެގެން އުޅޭ މީހާކަން އެނގުނެވެ. އަންހެން ކުއްޖާގެ ބައްޕަ އަކީ ފަންޑިތަ ހެދުމާއި ސިހުރު ހާހޫރަށް ހެދުމަށް މަޝްހޫރު މީހަކަސް، ފުރޭތަޔަކާ، އިންސާނަކާ ދެނެގަންނަން ނޭނގުނުތާއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ކޑޒ

Saturday, December 8, 2012

ސުފުރާ: ކިލާފަނި ބަތްޕެން



ކަނޑުމައްޗައް ބަލި، ހޮޑުލާ ކޮންމެ މީހަކަށް އެންމެ ރަނގަޅު ފަރުވާ އަކަށް ވާނީ ދަތުރު ކުރާއިރު ކަނޑު ކިތަންމެ ގަދަ ނަމަވެސް ބޯ އަނބުރާ ހޮޑު ނުލެވޭނެ ބޭހެއް ބޭނުން ކޮށްގެން ދަތުރަށް ތައްޔާރު ވުން ކަމުގައި ނޫނީ ނުވާނެއެވެ. ރާއްޖޭގެ މޮޅު ދިވެހި ބޭސްވެރިއެއް ކަމުގައި ޢަބްދުލް ޙަކީމް ކާންނާ ކަލޭފާނު މަޝްހޫރު ނަމުންނަމަ ނައިފަރު ދޮންކަލޭފާނު ހެއްދެވި މި ބޭހަކީ ގަދީމީ ޔޫނާނުގެ ބޭހެއް ކަމުގައި ބުނެވެއެވެ. ކިލާފަނި ބަތްޕެން ކައްކާފަ ހޫނުކަންމަތީ ހުއްޓާ ބުއިމުން ބަނޑުގެ ބަލިތަކަށްވެސް ފަރުވާ ލިބެއެވެ. ކިލާފަނި ބަތްޕެނުން ހޮޑުލުން، ބަނޑު ހަރުވުން، ވައިގެ އުނދަގޫފަދަ ބަލިތަކަށް ފަރުވާ ލިބެއެވެ.

ކިލާފަނި ބަތްޕެން ކައްކަން ބޭނުންވާ ތަކެތި
200 ގްރާމް ޅަހަނޑޫ (ބާސްމަތީ ހަނޑޫ)
2 ޖޯޑް ކާށި ކިރު
2/1 1 ސަމުސާ އަސޭމިރުސް (ހިމުންކޮށް މުގުރާފައި)
2/1 3 ސަމުސާ އަސޭމިރުސް (ނުމުގުރާ)
3 ޖޯޑް ފެން
1 ރާންބާ ފަތް 3 އިންޗި
2 ހިކަނދި ފަތް
1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ކަރަންފޫ (މުގުރާފައި)
2 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
1 ފިޔާ (ހިމުންކޮށް މުގުރާފައި)
10 ކިލާފަނި (ފެނުން ރީތިކޮށް ދޮވެފައި މިކްސަރުން ފުނޑާފައި)
2 ސައިސަމުސާ ގިތެޔޮ

ހައްދަވާނެ ގޮތް
ފެން އަޅައިގެން ހަނޑޫ ކާށި ކިރު 1 ޖޯޑް އަޅައިގެން ކައްކާށެވެ. މި ފެންގަނޑު ހިނދުމުގެ ކުރިން މުގުރާފަ ހުރި އަސޭމިރުހާއި ފުނޑާފަ ހުރި ކިލާފަނި އަދި ފުށްކޮށް ނުމުގުރާ ހުރި އަސޭމިރުސް ފެންގަނޑު ތެރެއަށް އަޅައިގެން މަޑު ގިނީގައި 10 މިނިޓް ކައްކާށެވެ. ދެން ފިޔާ އާއި ފޮނިތޮށި ރާންބާފަތާއި ހިކަނދިފަތް އަދި ކަރަންފޫ އެއްކޮށް ގިތެލުގައި ހަނާކުރާށެވެ. ފިޔާކޮޅު ރަތްވުމުން ރީނދޫ އަޅައިގެން ކުލަ ހިފުމުން މީގެ ތެރެއަށް ކާށިކިރު 1 ޖޯޑް އެއްކުރުމަށްފަހު، ކައްކާފައި ހުރި ބަތް އެއްކުރުމަށްފަހު މަޑުގިނީގައި 5 މިނިޓް ކައްކާފައި އުނދުން މަތިން ބަލާށެވެ.

ނޯޓް: ދަރިފުޅަށް މިބަތްޕެން ދެއްވާއިރު މިއީ ކިލާފަނީގައި ކައްކާފައި ހުރި ބަތްޕެންކަމުގައި ނުބުނާށެވެ. އޭރުން ފަކުރު ގަތުމުގެ ސަބަބުން ދަރިފުޅު މިބަތްޕެން ނުބޮއިފާނެއެވެ. ދަރިފުޅު ހައިބަނޑާ ހުއްޓާ ހޫނުކޮށް، މިބަތްޕެން ބޯންދޭށެވެ.
(ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޗޗތ

Thursday, December 6, 2012

އަފްރާޝީމުގެ މަރާއިމެދު ކުރެވޭ ކުށް ހީނތައް...



އަލްމަރުޙޫމް އަފްރާޝީމް ޢަލީ އަކީ އުނގޫފާރު ދާއިރާގެ ޢިއްޒަތެރި މެމްބަރެވެ. އުނގޫފާރު އެބޭފުޅަކަށް ފަޚުރުވެރިވާ ދަރިއެކެވެ. ދީނީ ޢިލްމު ވެރިއެއްގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރު ލިބި ވަޑައިގެންވާ ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. މަޖްލީހުގެ ތަޅުމުގައި ބަހުސްކުރެވޭ ދީނީ މައްސަލަ ތަކުގައި އިސްލާމް ދީނުގެ ހިމާޔަތުގައި މަސައްކަތް ކުރެއްވި ފަހުލަވާނެކެވެ. ދިވެހި ޤައުމު ފަޚްރުވެރިވާ ފަދަ ބަތަލެކެވެ. އެބޭފުޅާގެ މަރާއި ގުޅިގެން އެތައް ބަޔަކު ސޯޝަލް މީޑިއާ ތަކުގަޔާއި ނޫސްތަކުގައި މިފަދަ ބަޔާން ތައް ދެއްވިއެވެ. "މިފަދަ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅަކަށް މިފަދަ އަނިޔާވެރި ހަމަލާއެއްދީ ގަތުލުކުރުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މި ބޮޑު ޖަރީމާގެ ފަހަތުގައިވާ މުޖުރިމުން ހޯދައި އެއުރެންނަށް ހައްގު އަދަބު ލިބެންޖެހޭނެ އެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. "އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ އަގުހުރި ދިވެހި އިލްމީ ދަރިއެއް. އެމަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި އަޅުގަނޑު ދުއާކުރަން،" ރައްޔިތުން މަޖްލީހުގެ ރައީސް ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ޖަވާބު ނުލިބޭ ސުވާލަކީ، އަފްރާޝީމްގެ ޙަޤީޤީ ޤާތިލަކީ ކާކުބާއޭ..؟ ކުރެވޭ ސުވާލެވެ. ވަރަށް ސާފުކޮށް މިސުވާލަށް ޖަވާބު ލިބޭނެއެވެ. އެންމެ ފުރަތަމަ އަފްރާޝީމް ގެންގުޅުއްވި ދީނީ މެދުމިނުގެ ޚިޔާލެވެ. ދީނީ ގޮތުން ޙައްދު ފަހަނަ އަޅާފައިވާ ބަޔަކު (ޑޮޓުން) އަފްރާޝީމަށް ދީފައިވާ އިންޒާރާއި، އަނިޔާއެވެ. އަފްރާޝީމަކީ، ބައެއް ދީނީ އިލްމުވެރިން "އިބިލީހުގެ" ނަމުގައި ސިފަކުރައްވާ ބޭފުޅެކެވެ. އަފްރާޝީމް އަވަހާރަކޮށްލި ރޭ އެ ބޭފުޅާ ގެއަށް ދުރުވީ އެބޭޅުގާގެ ކާރުކޮޅުގައި ގިނިކަންޏާ އެވެ. އެއީ ޓީވީ މޯލްޑިވްސް ގައި އޮތް ދީނީ ޕްރޮގްރާމެއް ގައި ބައިވެރިވެލެއްވުމަށް ފަހު ނިންމާފައި ގެއަށް ވަޑައިންނެވިި ވަގުތެވެ. އެރޭ އެބޭފުޅާ ވަނީ އެތައް ބަޔެއްގެ ކިބައިން މަޢާފަށްވެސް އެދިވަޑައިންފައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ މުހިއްމު އިސްލާހުތަކެއް ހުށަހަޅުއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުން ވިލުގައި އެރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ އޭނާ އަވަހާރަކޮށްލި މައްސަލަ ކުށްވެރިކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގައި މިހާރު ތިއްބަވާ މެމްބަރުންގެ ތެރެއިން އަފްރާޝީމަކީ އެންމެ މަތީ ފާސް ނަންގަވައިގެން ހުންނެވި އެއް ބޭފުޅެއް ކަމަށެވެ. އޭނާ އަވަހާރަކޮށްލި އިރު، ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ވަރަށް ވަރުގަދަ އިސްލާހުތަކަކާ އެކުގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ފިގުހު އެކަޑަމީ އަށް ގާނޫނީ ބާރުވެރިކަން ލިބިދޭ އިސްލާހާއި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް ގާނޫނީ ގޮތުން ކަނޑައަޅާ އިސްލާހާއި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ރާއްޖޭގައި ބިނާކުރުން ގާނޫނީ ގޮތުން މަނާވާ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމުގައި އަރާ ތިބި ބަޔަކު ވާނެ ކަމީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ. މާލޭގެ ފިހާރަތަކުގައި ބަހައްޓާފައި ހުރި ބުދުތަކަށް ބަލާލަމާ ހިނގާށެވެ. އެއަށް އިޙްތިރާމް ކުރުމުގެ ގޮތުން ރީތި ހެދުން އަޅުވާ، މޭކަޕްކޮށް، ރައްކާތެރި ކަމާއި އެކު ބަލަހައްޓައެވެ. އަމިއްލަ ދަރިއަކު ރީތިކޮށް ނަލަކުރާގޮތަށް ނަލަ ކުރެއެވެ. ނަމަވެސް މި ބުދުތަކަށް ގޯނާ އެއް ގެއްލުމެއް ދޭނެ ދީނީ ބަޔަކުނުވެއެވެ. މިއާ ޚިލާފަށް ރާއްޖޭގައި ބުދު ދީނުގެ ފަލްސަފާ ފެތުރިގެން ގޮސްފައިވާ މިންވަރު ހާމަކޮށް ދިނުމަށް ޤައުމީ ދާރުސް އާސާރުގައި ޑިސްޕްލޭ ކުރެވިފައި ހުރި، ހުރިހާ ބުދުތަކެއް، ހަތެއް ފެބްރުއަރީގައި، ދީނަށް ލޯބިކުރާ ބަޔަކު ތަޅާ ސުންނާފަތި ކުރީއެވެ. މިފަދަ ތަރިކައަކީ، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދޭން ޖެހޭ ތަކެއްޗެވެ. އަޅުގަނޑުމެންގެ ދަރިންނަށް ވިސްނައިދޭން ޖެހޭނީ އަޅުގަނޑުމެންގެ ކުރީގެ ކާބަފައިންނަކީ ކިހާ ނުވިސްނޭ ބަޔެއްކަމެވެ. އަތުން، ހިލައިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރި ބުދުތައް އެކުދިންނަށް ފެންނަން ހުރުމަކީ އަޅުގަނޑުމެންނަށް ދެއްކެން ހުރި ހަމައެކަނި ހެއްކެވެ. ނަމަވެސް އެތަކެތި ހަލާކޮށް މުގުރާލުމުން އެގެއްލުނީ ފެންނަން ހުރި ކިތައް ހެކި ތޯއެވެ. މި ރާއްޖޭގައި ދާރުލް އާސާރުގައި ބަހައްޓާފައި ހުރި އެއްވެސް ބުދަކަށް އަޅުކަން ކުރާތީ ރާއްޖެ އިސްލާމްވީ ފަހުން، އެއްވެސް މީހަކު ނުދެކޭނެއެވެ.

ބައެއް މީހުން އަފްރާޝީމްގެ މަރުގެ ޒިންމާ އަޅުވަނީ ސިޔާސީ ފަރާތްތަކުގެ ބޮލުގައެވެ. ބައެއް ސިޔާސީ ޕާޓި ތަކުގެ އިސްވެރިންގެ ބޮލުގައެވެ. އެއްބަޔަކު، އަފްރާޝީމްގެ އަނބިކަނބަލުންގެ އިސްތަށިފުޅުގައިވެސް މި ތުހުމަތު އަޅުވައެވެ. ދޭތެރެއަކުން ފުލުހުންގެ ފަރާތުން، މި މަރުގެ ތަހުޤީޤަށް ކުރިއެރުން ލިބޭ ވާހަކަ އާއި، ވަރަށް އަވަހަށް މައުލޫމާތު އާންމު ކުރާނެ ކަމަށް ނޫސްވެރިންނަށް ދަންނަވައެވެ. މި މައްސަލާގައި ފުލުހުން ވަނީ ނުކުޅެދިފައިކަން، އަފްރާޝީމް ގެ މަރުގެ ތަހުޤީޤަށް ފަސްލައްކަ ރުފިޔާ ހުށަހަޅާ، އެމެރިކާގެ އެފް.ބީ.އައިގެ ދެ އިންވެސްޓިގޭޓަރުން ގެނައުމުންވެސް އަޅުގަނޑުމެންނަަށް އެނގިއްޖެއެވެ. އަފްރާޝީމްގެ މަރަކީ ސިޔާސީ ގޭމަކަށް ހެދުމަށް އެއްބަޔަކު މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ގިނަ ގަރީނާތައް ބިނާ ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ހަރުކަށި ޚިޔާލުގެ ބަޔަކުގެ ރޭވުމެއްގެ ދަށުންނެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގުގެ މައުލޫމާތު ފުލުހުން އާއްމުކުރުން ލަސްވަމުންދާތީ އަމާޒު ވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ސުވާލުކުރުމުން ކޮމިޝަނަރު ވިދާޅުވީ އެ މަރުގެ މައްސަލައިގެ ތަހުގީގާ ބެހޭ މައުލޫމާތު އާއްމުކުރާނީ އެ ހިސާބަށް ދެވިއްޖެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށެވެ. އެ މައުލޫމާތު އާއްމުކުރާނީ ފުލުހުން އެކަމަށް ތައްޔާރުވުމުން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވީ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ބަލަން ޖެހޭ ބެލުންތަކާއި ޔަގީންކުރަން ޖެހޭ ޔަގީންކުރުންތަކެއް އެބަހުރި ކަމަށެވެ.  ރިޔާޒު ވިދާޅުވެފައި ވަނީ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން އާއްމުކުރާ މައުލޫމާތުތަކުގައި ސިޔާސީ އެއްވެސް ނުފޫޒެއް އެކުލެވިގެން ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. ކޮމިޝަނަރު ގެ މި ޢިބާރާތްވެސް، އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި ބަޔަކީ، ދީނީ ހަރުކަށި ޚިޔާލުގެ (ޑޮޓުންގެ) ބަޔެއްކަން ވަރަށް ސާފުކޮށް މިއޮތީ ދޭހަވާށެވެ. މީހަކު ބުނާ އެއްޗެއްގެ މާނަ ރަގަނޅަށް ދޭހަ ނުވާ ކިތައް ކިތައް މީހުން މި ރާއްޖޭގައި ތިބޭނެ ބާއޭ ހިތަށް އަރައެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ނދމ
(މިއީ ކިޔުންތެރިއަކު ފޮނުއްވެވި ލިޔުމެކެވެ. މިލިޔުމުގައި ވާ އެއްވެސް އެއްޗަކަށް އުނި އިތުރެއް ގެނެވިފައެއް ނުވާނެއެވެ.)

Tuesday, December 4, 2012

ހަންދަރު ކިރޭނީ މަހުންނަ...



ދުވަސް ވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ އެންމެ ތަދު ދުވަސްވަރެވެ. ކޮންމެ ރަށެއްގައި "ކ.ހ" އޮފީހެއް (ކާޑު ހަވާލުކުރާ އޮފީހެއް) ހުރެއެވެ. ރަށުގެ ދޯނިފަހަރުން ބާނާ މަހުންވެސް ވަކި އަދަދެއް ކ.ހ އޮފީހަށް ނެގެމުން ދެއެވެ. ނައިފަރަކީ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވާތީ އަތޮޅުގެ އެހެން ރަށްތަކަށް ގެންނަ ކާޑުގެ ބާވަތްތަށް (ހަނޑޫ، ހަކުރު، ފުށް، ޒުވާރި ފަދަ ތަކެތި) ޖައްރާފު ބޯޓްގައި ގެނެސް ހަވާލު ކުރަނީ ނައިފަރު އޮފީހާއެވެ. އޭރު ނައިފަރުގެ އާބާދީއަކީ ގާތްގަނޑަކަށް 500 މީހުންނެވެ. ރަށުގައި ސިއްޙީ މަރުކަޒެއްގެ އިތުރުން މަދްރަސަތުލް އިފްތިތާހް ނަމަކަށް ކިޔާ މަދްރަސާއެއް ވެސް ހުރެއެވެ. މިއީ މާލެ ފިޔަވާ ރާއްޖެތެރޭގައި އުފެއްދި ފުރަތަމަ މަދުރަސާވެސް މެއެވެ.

ނައިފަރަކީ އެވޭލާ ޒަމާނުއްސުރެ މަސްވެރިން ގިނަ ރަށެކެވެ. މަސްވެރި އުލަނދު ފަހަރު ގިނަ ރަށެކެވެ. މަސްވެރިކަމުގައި އަތޮޅުގެ އެންމެ ކުރީގައި އުޅެނީ ނައިފަރޭ ބުނުމަކީ ބޭއިންސާފެއް ނޫނެވެ. ހެނދުނު ބޮޑު ފަތިހާ ރަށުގެ ދޯނިތައް މަހަށް ފުރައިގެން ދިޔުމަށް ފަހު، ހަވީރު އިރު އޮއްސުމުގެ ކުރިން ބޭނި މަސްކޮޅު ހިފައިގެން ރަށަށް ލަފާއިރު، މަސްކެއްކުމާއި މަސްދޮވެ ސާފުކުރުމަށް އަންހެން ވެރިން ތިބޭނީ ތައްޔާރުވެގެންނެވެ. ހައްސަ ބާނައިގެން އަންނަ ގިނަ ދޯނި ފަހަރު މަސްބާނާތަން ރަށުގެ ތުނޑީމަގަށް ފެންނާނެއެވެ. ސަބަބަކީ އޭރު މަސްވެރިން ބޭނުން ކުރަމުން ދަނީ ރިޔާ ދޯނި ކަމަށް ވެފައި، ދޯނި ފަހަރު އެންމެ ދުރަށް ވެސް ދާނީ ޅ. އަތޮޅު ކަނިފުށްޓާއި ހަމައަށެވެ. އެއީ ކަނިފުށީ ކޮޅުން މަސްބޭނި ޒަމާނެވެ.

ނައިފަރު ގައި ދުއްވާ "ގަހާ" ކިޔާ ދޯންޏަކުން މަސްބާނަން ނިކުމެ އުޅެނިކޮށް ދިމާވި ހާދިސާއެކެވެ. އެއީ އިރުވައި މޫސުމްގެ ހަޅަޖަހާ ދުވަސްވަރެވެ. ހަވީރު ވަގުތެއްގައި ހަތަރު އުދަރެސް ބައްދާލާފައި ހެދި ބޮޑު ވިލާ އެކެވެ. އޭރު ދޯނި އޮތީ ކަނިފުށީ މުއްޔާއި ދިމާ ބޭރުގައި މަސްބާނާށެވެ. އެންމެ ފަލަ މާރުގަނޑުގައި (އެންމެ ފަލަ ކުރު ދޮށީގައި ދަހިކޮށް މަސްބޭނުން) 3 ކިލޯ 4 ކިލޯ ވަރުގެ ފަލަ ގޮދާ ބާނަމުން ދަނިކޮށް، އައިނަށް އެރި ހިންނަވަރު ދޯންޏެކެވެ. ހިންނަވަރު ދޯނި އައިނަށް އަރަން ވާއިރަށް ގަހާ ދޯނިން ހަތަރު ވަތް ފުރާ ދޯނި މަހުން ބަރާކޮށްލައިފިއެވެ. އިތުރަށް ދޯނީގައި ތަން ނެތުމުން އެންކޮޅު ކަވާފައި (އެންކޮޅު މަސްތަށް ކެއުމަށް މަސް އައިނަށް އޮއްސާލުމަށް ފަހު) ހަތަރު އުދަރެސް ބައްދާލާފައި ހަދަމުން ދިޔަ ވިލާގެ ކުރިއަށް ރަށަށް ދެވޭތޯ ދީލާލީއެވެ. އަދި ހިންނަވަރު ދޯންޏާއި ކައިރި ކޮށްލާފައި ނަގަމުން ދާ ބޮޑު ވިލާ ދައްކާލުމަށް ފަހު "ގަހާ" ދޯނީގެ ކެޔޮޅު ހިންނަވަރު ދޯނީގެ ކެޔޮޅާއި މުޚާތަބުކޮށް އަވަހަށް ރަށާއި ދިމާއަށް ދޯނި އަނބުރާ ލުމަށް ވެސް ނަސޭހަތް ދިނެވެ. ނަމަވެސް އެ ދޯނީގައި ތިބި ގޮތްދޫނުކުރާ މީހުންގެ ޖަވާބަކީ "ހަންދަރު ކިރޭނީ ވިލާއަކުން ނޫނޭނަ... ހަންދަރު ކިރޭނީ މަހުންނަ.." އޭ ކިޔާ މަސްބާނަން ތިބީއެވެ.

"ގަހާ" ދޯނި ވޭވަށު މުއްޔާ އަރާ ހަމަ ނުވަނީސް ވިލާ ގަނޑު ޖެހިއްޖެއެވެ. ސަލާމަތުން ރަށަށް އާދެވުނީ ހަމަ ކިރިޔާއެވެ. ހިންނަވަރު ދޯނި ވިލާގަނޑުގެ ވަޔާއެކު ދިޔަ ތަނެއްވެސް އަދި އަދަށް ދާންވެސް އެނގޭ މީހަކު ނުވެއެވެ. ވިލާ ގަނޑާއެކު ދޯނި ބަންޑުން ޖަހާލީ ކަމެއް ވެސް ނޭގެނއެވެ. ބުނާ މީހަކަށް ނުބަލައި، ބުނާ ބަހަކަށް ބެލި ނަމަ އެމީހުންނަށްވެސް ސަލާމަތުން ރަށަށް އާދެވޭނެކަން ޔަޤީނެވެ. އެފަހުން މިސާލު ބަހެއްގެ ގޮތުގައި މިބަސް ބޭނުން ކުރެއެވެ. "ހަންދަރު ކިރޭނީ ވިލާއަކުން ނޫނެވެ. ހަންދަރު ކިރޭނީ މަހުންނެވެ." މިބަސް އާންމުކޮށް ބޭނުން ކުރަމުން ދިޔައީ ނަސޭހަތެއްގެ ގޮތުން ދުރާލާ ރައްކާތެރި ވުމަށް ބުނެ އުޅޭ ބަހެއްގެ ގޮތުގައެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) މލކ

Sunday, December 2, 2012

ތާރީޚް: ބޯކުޑަ ވާހަކަ



ޅ. ނައިފަރަކީ ޒަމާނުއްސުރެ މަސްވެރި ރަށެކެވެ. މަސްވެރިކަމުގައި އަތޮޅުގެ އެންމެ ކުރީގައި އުޅެނީ ނައިފަރޭ ބުނުމަކީ ބޭއިންސާފެއް ނޫނެވެ. ހެނދުނު ބޮޑު ފަތިހާ ރަށުގެ ދޯނިތައް މަހަށް ފުރައިގެން ދިޔުމަށް ފަހު، ހަވީރު އިރު އޮއްސުމުގެ ކުރިން ބޭނި މަސްކޮޅު ހިފައިގެން ރަށަށް ލަފާއިރު، މަސްކެއްކުމާއި މަސްދޮވެ ސާފުކުރުމަށް އަންހެން ވެރިން ތިބޭނީ ތައްޔާރުވެގެންނެވެ. ހައްސަ ބާނައިގެން އަންނަ ގިނަ ދޯނި ފަހަރު މަސްބާނާތަން ރަށުގެ ތުނޑީމަގަށް ފެންނާނެއެވެ. ސަބަބަކީ އޭރު މަސްވެރިން ބޭނުން ކުރަމުން ދަނީ ރިޔާ ދޯނި ކަމަށް ވެފައި، ދޯނި ފަހަރު އެންމެ ދުރަށް ވެސް ދާނީ ޅ. އަތޮޅު ކަނިފުށްޓާއި ހަމައަށެވެ. އެއީ ކަނިފުށީ ކޮޅުން މަސްބޭނި ޒަމާނެވެ.
މަސްބާނައިގެން އަނބުރާ ހޭރިޔާ ކުރަމުން، ރަށަށް ލަފާއިރު ރަށުގެ ކުޑަކުދިން ތިބޭނީ އަތިރި މަތީ އެކުދިންގެ ބަފައިންގެ އިންތިޒާރުގައެވެ. ރަށުގެ ގިނަ މީހުން މަސްކައްކައިގެން ރިހާކުރަށް ހަދާ ކައިރި ރަށް ރަށަށާއި މާލެ އަށް ވިއްކަން ފޮނުވައެވެ. ނައިފަރު މަދުގަސްދޮށުގެ މިހާރު ހުންނަ ހިސާބުގައި އޭރު ބޮޑު ނިކަބިލިއްސަ (ނިކަ) ގަހެއް ހުރެއެވެ. އެހިސާބަކީ އޭރުގެ އަތިރި މަތީ ހިސާބު ކަމަށް ވާތީ ގަސް ގިނަ ސަރަހައްދެކެވެ. އެތަނުގައި ހުންނަ ނިކަބިލިއްސަ ގަހުގެ އެތެރެ ފަރާތުން ވަލު ތެރޭ ވީ ހިސާބުގައި އިންނަ ހޮހޮޅައެއް ކަހަލަ ތަނެއްގައި "ބޯ ކުޑަ" ނަމަކަށް ކިޔާ އަންހެނަކު އުޅެއެވެ. މި އަންހެން މީހާގެ ބޯ، އެންމެ ވައްތަރުވާނީ ކަށިކެޔޮ ގަނޑެއްގެ ސިފަ އާއި ނުވަތަ ދޮންކެޔޮ ގަހެއްގެ ބޯއްޓަކާ އެވެ. ބައެއް މީހުން މި އަންހެނާ ދެކެ ފިސާރި ބިރުވެސް ގަންނަ ކަމަށް ވެއެވެ.

ބޯކުޑަ އަކީ ނައިފަރު މީހަކަށް ލިބުނު ދަރިއެއް ކަމުގައި ވެސް ބުނެ އުޅެއެވެ. ބޯކުޑަ އަށް އަސްލު ކިޔަނީ އާމިނާ އެކެވެ. ވާހަކަ ދެއްކުމުގައި ކޮށި ކަމެއް ހުންނަ ބޯކުޑަ އަކީ މީހުންނަށް ވަރަށް ފަސޭހަ ކޮށްދޭ މީހެކެވެ. ދޯނިފަހަރުން ގެންނަ މަސް ކައްކާ ނުނިމެންޏާ މަސްކައްކަން އެހީތެރި ވެދެއެވެ. އާދައިގެ މީހަކަށް ނުކުރެވޭހާ ހަލުވިކޮށް ބޯކުޑަ މަސައްކަތް ކުރެއެވެ. ބޯކުޑަ ބަދިގެއަށް ވަންނަމުން ގޭގެ އަންހެން ވެރިންނަށް ބުނެއެވެ. "ހާނަ މަސްކައްކަންޏާ، ބަދިގެ އަށް ވަދެގެން ނުވާނެ.." އެވެ. ނަމަވެސް ބައެއް މީހުން ބޯކުޑަ ކުރާ ކަންތަކަށް ފާރަވެސް ލައެވެ. ފާރަލަނިކޮށް ބޯކުޑައަށް ފެނިއްޖެއްޔާ ދެން އެގެއަށް މަސްކައްކައިދޭކަށް ނާދެއެވެ. ކިތަންމެ ބައިވަރު މަހެއް ކައްކަން ހުއްޓަސް ފަޖުރު ލުމުގެ ކުރިން މަސްކައްކާ ނިންމާ، ތޮށެލި ދޮވެ ހުރިހާ ކަމެއް ނިންމާނެއެވެ.

ބޯކުޑައަށް ފާރަލީ މީހަކަށް ފެނުން ހަޤީޤީ ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. މަރީދައިތަ އަކީ މަސްވެރި ފިރިހެނެއްގެ އަނތްބެކެވެ. ހަވީރު މަހުން ލެފި ދޯނިން ގެނައި މަސް ކައްކަން ތޮށެލި މަތީ އަތުރާ، މަސްކަނޑާ ހަދައިގެން ކައްކަން ތައްޔާރަށް ހުއްޓާ މަރީދައިތަގެ އެންމެ ކުޑަ ސޮރު ހޭލައިގެން ރޯތީ މަސްކައްކަން އުނދުންމައްޗަށް ފެން އުދާފާ، ކުޑަސޮރަށް ބުއްދީ ނިންދަވަން އުނދޯލީގައި އިންދާ ބޯކުޑަ އަތުވެއްޖެއެވެ. ބޯކުޑަ ބަދިގެ ކައިރިއަށް އަރާ ހަމަވެފައި "ހާނަ މަސްކައްކާ ހަދަނީ.." މިހެން ބުންޏެވެ. މަރީދައިތަ ކުޑަސޮރު ނިދީމާ، ބަދިގެއަށް ވަންނަން ދިޔައިރު ފުރަތަމަވެސް ފެނުނު މަންޒަރުން ބިރުން ގަޔަށް ފަހަރުވަ ލެވިއްޖެއެވެ. ބޯ ކުޑަ އިނީ އުނދުނަށް ދެފައި ކޮށްޕައިގެން މަސްކައްކާށެވެ. ހީވަނީ ގޭސް އުނދުނަކުން އެންމެ ބާރު ސްޕީޑްގައި ގޭސްދޫކޮށްލާފަ ހުރުމުން އަލިފާންގަނޑު ވަށައިގެން ހިފައިފާ ހުރިހެންނެވެ. މަރީދައިތަ ގަންނާ ކުރެއްވި ބިރުން އަވަހަށް ގެއަށް ވަނީ އެވެ. ދަންވަރު 1 ނުޖަހަނީސް ބޯކުޑަ މަސްކައްކާ ނިންމާ، ތަންސާފުކޮށް ގެއަށް ދަމުން "ހާނަ މިގެންދަނީ، ބޮލު ބަނޑައި ފޮއްޗެކެ.." ބުންޏެވެ.
ކިތަންމެ ބައިވަރު މަހެއް ކައްކައި ދިނަސް ބޯކުޑަ ގެންދާނީ، ބަނޑައިދުލަކާއި، މަހުގެ ބޮލަކާއި، ކަށިފޮއްޗެކެވެ. އެއީ ބޯކުޑަ ކެއުމަށާއި  އޭނާ ގެންގުޅޭ ކުދި ފިޔޮއް ތަކަށް ކާންދޭށެވެ. ބޯކުޑަ އަކީ އަވަށްޓެއްސެއް ކަމަށްވެސް މީހުން ސިފަކުރެއެވެ. ބޯކުޑަ ދުވާލުގެ ވަގުތު ތަކުގައި ބޭރަކަށް ނުނިކުމެއެވެ. ސަބަބަކީ އޭނާގެ ސިފަ ފެނި މީހުން ބިރުގަންނާތީ ކަމަށް ވެސް ވެދާނެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ކޑޒ